އަންނަ ހުކުރު ދުވަހަކީ އޭދަފުށްޓަށް ފުޓްބޯޅައިގެ އީދެއް

ބ. އޭދަފުށްޓަށް ވުރެ ފުޓްބޯޅައާ ގުޅުން ބޮޑު ރަށެއް ރާއްޖޭގައި މަދުވާނެ އެވެ. ހުނަރުވެރި އެތައް ކުޅުންތެރިންތަކެއް ގައުމީ ޓީމާއި ފުރަތަމަ ޑިވިޝަނަށް ނެރެދީފި އެވެ. ވަރުގަދަ ފުޓްބޯޅަ ޓީމެއް ނުކުމެ ފުރަތަމަ ޑިވިޝަނުގައި ވާދަކޮށްފި އެވެ. ހުކުރު ދުވަހަކީ އެ ރަށުގެ ފުޓްބޯޅަ ތާރީހުގައި އަނެއްކާ ވެސް މުހިއްމު ދުވަހެކެވެ. ދިވެހި ފުޓްބޯޅައިގެ ކުރީގެ ތަރިން އެ ރަށަށް ޒިޔާރަތްކޮށް އެ ރަށުގެ ކުރީގެ ތަރިންނާ ދެކޮޅަށް ކުޅޭ ވެޓްރަންސް މެޗާ އެކު އެ ރަށުގައި ފުޓްބޯޅައިގެ ފޯރި އިތުރަށް ގަދަވެގެންދާނެ އެވެ.


ސަލްސާ އިންވެސްޓްމަންޓުން ބ. އޭދަފުށީގައި ހުޅުވި "ސަލްސާ ރިޓްރީޓް" ރެސްޓޯރެންޓް ރަސްމީކޮށް ހުޅުވުމުގެ ގޮތުން ކުޅޭ މި މެޗާ އެކު ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ގައުމީ ޓީމަށް 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކެޕްޓަން އައްސަދު އަބްދުލްގަނީ ދެކެ އެވެ.

"އޭދަފުށްޓަކީ ފުޓްބޯޅައިގެ ފޯރި އިންތިހާ އަށް ބޮޑު ރަށެއް. ފުޓްބޯޅައިން ބޮޑެތި ކުރިއެރުންތައް ހޯދަމުން އަންނަ ރަށެއް. މި މެޗާ އެކު އެ ރަށުގައި ފުޓްބޯޅައިގެ ފޯރި އިތުރަށް ގަދަވެގެންދާނެ،" އޭދަފުށްޓަށް އުފަން މަޝްހޫރު ޑިފެންޑަރު މުހައްމަދު ޖަމީލާ އެކު ގައުމީ ޓީމާއި ވެލެންސިއާގެ ފަހަތް ބަލަހައްޓާފައިވާ އައްސަދު ބުންޏެވެ.

އައްސަދު ބުނީ މަތީ ފެންވަރުގައި ފުޓްބޯޅަ ކުޅެ މިހާރު ހުއްޓާލާފައިވާ ބައެއް ކުޅުންތެރިންނަކީ އާއްމުންނަށް އެހާ ބޮޑަށް ނޭގޭ ކުޅުންތެރިން ކަމަށާއި މިފަދަ މެޗުތަކާ އެކު އެ ކުޅުންތެރިންގެ ހިދުމަތް ވެސް ހާމަވެގެންދާނެ ކަމަށެވެ. މީގެ އިތުރުން ކުރީގެ ކުޅުންތެރިން އެއްތަންވެ މި ގޮތަށް މެޗުތައް ކުޅުމުން ޖުމްލަކޮށް ރާއްޖޭގެ ފުޓްބޯޅައަށް ވެސް ފައިދާވާނެ ކަމަށް އައްސަދު ދެކެ އެވެ.

"ކުރީގެ ގިނަ ކުޅުންތެރިން މިހާރު އެކި ވަޒީފާތަކުގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި މި އުޅޭނީ. އެންމެން ވެސް ވަރަށް ބިޒީ ދިރިއުޅުމެއްގައި މި އުޅެނީ. މިފަދަ މެޗުތަކުގެ ސަބަބުން މި ކުޅުންތެރިން ވެސް އެއްތަނަކުން ދިމާވެ ގުޅުން ބަދަހިވާނެ، އަދި ފުޓްބޯޅައަށް އެތައް ހިދުމަތެއްކޮށްދީފައިވާ ކުޅުންތެރިން ވެސް އަލުން އާއްމުންގެ ކުރިމައްޗަށް ނުކުންނަން ފުރުސަތު ލިބި އެ ކުޅުންތެރިންގެ އަގު ވަޒަންކުރަން ފުރުސަތު ލިބިގެންދާނެ،" އައްސަދު ބުންޏެވެ.

އޭނާ ބުނީ މިފަދަ މެޗުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އިންތިޒާމްކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި އޭދަފުށީގައި ކުޅޭ މި މެޗަކީ ފެށުމެއް ކަމަށް އުއްމީދުކުރާ ކަމަށެވެ.

ވެޓްރަންސް ފުޓްބޯޅަ މުބާރާތް ފެށުމުގެ މުނާސަބަތުގައި މާފަންނު ޓާފް ދަނޑުގައި މިއަދު ކުޅުނު 50 އަހަރުން މަތީގެ ކުޅުންތެރިންގެ ހާއްސަ ފުޓްބޯޅަ މެޗުގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެލެންސިއާ އާއި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަބްދުﷲ އާމިރު (އައްލޯ) ބުނީ މި މެޗާ އެކު އޭދަފުށީގެ ފުޓްބޯޅައަށް އިތުރު ފައިދާތަކެއް ކުރާނެ ކަމަށް ގަބޫލުކުރާ ކަމަށާއި ވެޓްރަންސް ޓީމްތަކާ އެކު ފުޓްބޯޅައަށް މިހާރު ވެސް ފައިދާކުރަމުން އަންނަ ކަމަށެވެ.

"ވެޓްރަންސް ޓީމުތައް އުފެދި މި އަންނަނީ އެކަޑަމީ ހަދައި އަދި އެހެނިހެން ގޮތްގޮތުން ވެސް ފުޓްބޯޅައަށް އެހީތެރިކަން ފޯރުކޮށްދެމުން. މިފަދަ މެޗުތަކާ އެކު ރަށްރަށަށް ޓީމުތައް ދަތުތުކޮށް އެ ރަށްރަށަށް އެހީތެރިކަން ފޯރުކޮށްދޭން ފުރުސަތު ފަހިވެގެންދާނެ،" އައްލޯ ބުންޏެވެ.

އޭނާ ބުނީ ފުޓްބޯޅައިން ގައުމަށް އެތައް ހިދުމަތެއްކޮށްދީފައިވާ ކުޅުންތެރިން މިގޮތަށް ގޮސް މެޗު ކުޅެ ފުޓްބޯޅާއާ ގުޅުން ހުރި ހަރަކާތްތައް ބޭއްވުމުން ފުޓްބޯޅައަށް ލޯބިކުރާ ކުޑަކުދިންނާއި ޒުވާނުންނަށް ވެސް މިކަމުން ކުރިއަށްދާން އިތުރު ހިތްވަރެއް ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އޭދަފުށީ ކައުންސިލާއި އޭދަފުށީ ވެޓްރަންސް ކްލަބާއި ވެޓްރަންސް ފުޓްބޯޅަ ޖަމިއްޔާއެއް ކަމަށްވާ ސޮކާމޭޓްސް ގުޅިގެން ސަލްސާ އިންވެސްޓްމަންޓުގެ ރާވާ މި މެޗު އޮންނާނީ ބ. އޭދަފުށީ ދަނޑުގައި ހުކުރު ދުވަހު ހަވީރެވެ.

"މިއީ ސަލްސާ ރިޓްރީޓް ހުޅުވުމުގެ ގޮތުން އޭދަފުށީ ރައްޔިތުންނަށް ސަލްސާގެ ފަރާތުން ދޭ ހަދިޔާއެއް. އޭފަދުށްޓަކީ ފުޓްބޯޅައިގެ ފޯރިގަދަ އަދި މަޝްހޫރު އެތައް ކުޅުންތެރިންނެއް ނެރެފައިވާ ރަށެއް،" ސަލްސާ އިންވެސްޓްމަންޓުގެ މެނޭޖިން ޑިރެކްޓަރު އަދި ކުޅިވަރަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވަމުން އަންނަ އިބްރާހިމް އާމިރު (ސަލްސާ އާމިރު) ވިދާޅުވި އެވެ.

އޭދަފުށީގެ ކުރީގެ ކުޅުންތެރިންނާއި ފުރަތަމަ ޑިވިޝަނުގެ ކުރީގެ ކުޅުންތެރިންގެ ޓީމު ބައްދަލުކުރާ މި މެޗުގައި ދެ ޓީމަށް ވެސް ކުރީގެ މަޝްހޫރު ތަރިން ކުޅޭނެ އެވެ. އެގޮތުން އޭދަފުށީ ޓީމުގައި ހިމެނޭނީ އެ ޓީމުން ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު ކުޅުނު ކުޅުންތެރިންނެވެ. މީގެ އިތުރުން އެ ރަށުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިއާ ކަމަށްވާ ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ޖަމީލް ވެސް ކުޅޭނެ އެވެ.

ސޮކާމޭޓްސް ޓީމަށް ކުޅޭ ކުޅުންތެރިންގެ ތެރޭގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަނުން ކަމަށްވާ އަންދަރުސަވާ އިބްރާހިމް ރަޝީދު (އަންދަރޭ) އާއި އިސްމާއިލް އާސިފް (ކުޑަހީނާ) އާއި މުހައްމަދު ކަލީމާއި ގަރުނުގެ ފުޓްބޯޅަ ޝަހުސިއްޔަތު މޯނިންސަން މޫސާމަނިކު (ކުޑަމޫސަ) ހިމެނެ އެވެ. މީގެ އިތުރުން ނިއުގެ ކުރީގެ ކެޕްޓަން އަހުމަދު ނިޔާޒާއި އަލީ ޝަމީމް (ކޮޔަރޭ) އާއި ވެލެންސިއާގެ ކުރީގެ ކުޅުންތެރިއާ ބިންމާ އަބްދުﷲ ވަހީދާއި ގޯލްކީޕަރު އަސްލަމް އަބްދުއްރަހީމާއި އައްސާއި އަލީ ސުޒޭނާއި ހީނާ އަހުމަދު ސަލީމް (ބޮޑުހީނާ) އަދި އިބްރާހިމް ނާޒިމް (ރޮމޭ) ވެސް މި މެޗުން ފެންނާނެ އެވެ. އަދި އޭދަފުށްޓަށް އުފަން ވިކްޓަރީގެ ކުޅުންތެރިއާ އިބްރާހިމް ފައުޒީ ވެސް މި މެޗުގައި ކުޅޭނެ އެވެ.

ވެޓްރަންސް ޓީމުތަކާއި ޖަމިއްޔާތައް އުފެދި ކުރީގެ ކުޅުންތެރިން އަންނަނީ ވަރަށް ފުޅާ ދާއިރާއެއްގައި ފުޓްބޯޅައިގައި ހަރަކާތްތެރިވަމުންނެވެ. އެގޮތުން ކޮންމެ ރޯދަ މަހަކު ކުރީގެ ކުޅުންތެރިންގެ މުބާރާތެއް ބާއްވާއިރު ރާއްޖޭން ބޭރުގެ މުބާރާތްތަކުގައި ވެސް ބައިވެރިވެ އެވެ. މީގެ އިތުރުން އެކަޑަމީ ހަދައި ކުޑަކުދިންގެ ފުޓްބޯޅަ ފެސްޓިވަލްތައް ވެސް އަންނަނީ ބާއްވަމުންނެވެ.