ދަގަނޑޭ ހުއްޓުވާނީ ޓީމެއްގެ ގޮތުގައި ކުޅުވައިގެން: މާޒިޔާ ކޯޗު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭއިރު އެ ޓީމާއި އެ ޓީމުގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ހުއްޓުވާނީ ޓީމެއްގެ ގޮތުގައި ކުޅުވައިގެން ކަމަށް މާޒިޔާގެ ކޯޗު މަރްޔަން ސެކުލޮސްކީ ބުނެފި އެވެ.


މި ދެ ޓީމު ވަނީ މި ސީޒަނުގައި މީގެ ކުރިން ދެ ފަހަރު ކުޅެފަ އެވެ. އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗު 2-1 އިން މާޒިޔާ ކާމިޔާބުކުރިއިރު ފަހު މެޗު 1-1 އިން އެއްވަރުކޮށްގެން މާޒިޔާ ވަނީ ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ޕްރިމިއާ ލީގުގައި މިއަދު ކުޅޭއިރު ދެ ޓީމަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. ޓްރާންސްފާ ބާޒާރުގައި ދެ ޓީމުން ވެސް ކުޅުންތެރިންތަކެއް އިތުރުކޮށްފި އެވެ. އެކަމަކު ސެކުލޮސްކީ ބުނީ ތައްޔާރުވުމުގައި ނިއު އަށް އެޑްވާންޓޭޖްތަކެއް ލިބުނު ކަމަށެވެ.

"އަހަރެން ތެދަށް ބުނަންޏާ ދެތަށް ބުނާނަން. މި ފަހަރު ނިއު ރޭޑިއަންޓަށް އެޑްވާންޓޭޖްތަކެއް ލިބުނު. އަޝްފާގާއި އޮއްޕޮ މޭ މަހު ގެނެސްފި. ސެންޓްރަލް ޑިފެންޑަރަކާއި ސްޕެނިޝް މިޑްފީލްޑަރު ޖޫން މަހު ގެނައި. އެހެންވެ އެ ޓީމުން ދެ މަސްވެއްޖެ ޕްރިމިއާ ލީގަށް ތައްޔާރުވާތާ. އެކަމުގައި އެ ޓީމަށް އެޑްވާންޓޭޖް ލިބުނު،" ސެކުލޮސްކީ ބުންޏެވެ.

ދަގަނޑޭއާ އެކު ނިއުގެ ފޯވާޑް ލައިން ވަރުގަދަވެފައިވާއިރު އޭނާ ހުއްޓުވަން އިތުރު ސަމާލުކަމެއްދޭނެތޯ އެހުމުން ސެކުލޮސްކީ ބުނީ މޭން މާކްކޮށްގެން ދަގަނޑޭ ނުހުއްޓުވިދާނެ ކަމަށާއި އެކަން ކުރަން ޖެހޭނީ ޓީމެއްގެ ގޮތުގައި ކުޅެގެން ކަމަށެވެ.

އަހަރެމެންނަކީ ޓީމެއް. އަހަރެމެންނަށް އަޝްފާގާއި އަދި ނިއު ރޭޑިއަންޓުގެ އެހެން ކުޅުންތެރިން ހުއްޓުވަން މަސައްކަތްކުރެވިދާނެ ރަނގަޅަށް ޑިފެންސްކޮށްގެން (ޓީމެއްގެ ގޮތުގައި). ނިއުގެ ބަލިފައިތައް ބޭނުންކޮށްގެން އެޓޭކް ވެސް އުފެއްދިދާނެ. އަޝްފާގަކީ 89 މިނެޓު ވަންދެއް އެއްކަމެއް ނުކޮށް ހުރުމަށް ފަހު ވެސް ފަހު މިނެޓުގައި ގޯލެއް ޖަހާފާނެ ފެންވަރުގެ ކުޅުންތެރިއެއް. މިސާލަކަށް އޭނާ މޭންމާކްކުރަން ބެހެއްޓި ކުޅުންތެރިއާ އެ މިނެޓުގައި ދަށްކޮށް ކުޅެފި ނަމަ ކިހިނެއް ހަދާނީ؟ އެހެންވީމާ ޓީމެއްގެ ގޮތުގައި ކުޅެގެން އެންމެންގެ މަސައްކަތުން އެކަން ކުރެވޭނީ،" ސެކުލޮސްކީ ބުންޏެވެ.

ދަގަނޑޭ: ޓީސީ ކޮޅަށް ލަނޑު ޖެހި. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އޭނާ ބުނީ މިއީ ދިގު ލީގެއް ކަމަށާއި އެހެންކަމުން މިއަދުގެ މެޗުން އެއްވެސް ކަމެއް ކަށަވަރުނުވާނެ ކަމަށެވެ. އެކަމަކު ޓީމުގެ އިތުބާރު ދެމެހެއްޓުމަށް މިއަދު މޮޅުވުން ވަރަށް މުހިއްމު ކަމަށް އޭނާ ބުންޏެވެ.

"އަހަރެމެންނަށް އެނގޭ ނިއު ރޭޑިއަންޓާ ބެހޭ ހުރިހާ އެއްޗެއް. އަދި ނިއު ރޭޑިއަންޓަށް ވެސް އެނގޭނެ އަހަރެމެންނާ ބެހޭ ހުރިހާ އެއްޗެއް. އަހަރެން އުއްމީދުކުރަން ވަރަށް ރަނގަޅު މެޗެއް ފެންނާނެ ކަމަށް. އަހަރެން ބޭނުން ހުރިހާ ކުޅުންތެރިން ވެސް މި މެޗުގައި އެންމެ ރަނގަޅު ފޯމުގައި ތިބެން. މި މެޗުން އަދި އެއްވެސް ކަމެއް ކަށަވަރެއް ނުވާނެ. މިސާލަކަށް ބަލާ މާލޭ ލީގުގެ ފުރަތަމަ ހަތް މެޗުން އަހަރެމެން މޮޅުވިން އެކަމަކު ލީގު ކަށަވަރުވީ ފަހު މެޗުން. އެކަމަކު އިތުބާރު ދެމެހެއްޓުމަށް މިއަދު މޮޅުވުން ވަރަށް މުހިއްމު،" ސެކުލޮސްކީ ބުންޏެވެ.

މާޒިޔާ އިން ވަނީ ޓްރާންސްފާ ބާޒާރުގައި، ވިކްޓަރީގެ އިސްމާއިލް އީސާ އާއި މުހައްމަދު އާރިފް (ބަކާ) އާއި ކެރިޗް އަންދްރޭ އަދި ގޯލްކީޕަރު މަހުމޫދު ޔޫސުފް ގެނެސްފަ އެވެ. ސެކުލޮސްކީ ބުނީ މި ކުޅުންތެރިންނާ އެކު ޓީމު ވަރަށް ވަރުގަދަވެއްޖެ ކަމަށާއި އެއްވެސް ހާސްކަމެއް ނެތި ޓީމު މިހާރު ނެގޭ ކަމަށެވެ.

"ހަގީގަތުގައި ނެތް ތައްޔާރުވާން މާގިނަ ދުވަހެއް. ޓްރާންސްފާގައި ގޮތް ނޭގޭ ކުޅުންތެރިންތަކެއް ގެނެސްގެން ރިސްކެއް ނަގަން ޖެހޭނީ. އެހެންވެ އަހަރެމެން ހެދި ގޮތަކީ ދިވެހި ފުޓްބޯޅަ އެނގޭ ކުޅުންތެރިންތަކެއް ގެނައީ. ބައެއް މީހުން ފައިސާ އިން ކަންކަން ކުރިޔަސް އަހަރެމެން ކަންކަންކުރާނީ ސިކުނޑި ބޭނުންކޮށްގެން،" ސެކުލޮސްކީ ބުންޏެވެ.

"ކުރިން ދެ ތިން ކުޅުންތެރިއަކަށް ކުޅޭވޭ ގޮތް ނުވެއްޖެ ނަމަ އަހަރެން ހާސްވާން ޖެހޭ. އެކަމަކު މިހާރު ހަމަޖެހިލައިގެން ޓީމު ނަގާލެވޭ. ކޮންމެ މަގާމަކަށް ކުޅެން މޮޅު ދެ ކުޅުންތެރިން އެބަތިބި."

މިއަދުގެ މެޗު ފަށާނީ ހަވީރު 4 ޖަހާއިރެވެ.