ތަފާތު ކުރާ ކަމަށް ބުނެ ތިނަދޫ ކޯޗު ރަތަށް

ރަށްރަށުގެ ޓީމުތަކާއި ފުރަތަމަ ޑިވިޝަންގެ ޓީމުތަކާ ތަފާތު ކުރާ ކަމަށް ބުނެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ގދ. ތިނަދޫ ޓީމުގެ ކޯޗު ސްޕެއިނުގެ މާޓިނޭޒް ހުއާން މެނުއަލް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.


ރޭގެ މެޗުގައި ގްރީން ސްޓްރީޓްސް އަތުން ތިނަދޫ ބަލިވީ މެޗު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ޝާފިއު އަހުމަދު (ޝާފީ) ޖެހި ލަނޑުން 2-1 އިންނެވެ. މެޗުގެ ތެރެއިން ހިނގި ގިނަ ފައުލުތަކާ ގުޅިގެން މާޓީނޭޒް ވަނީ ޓެކްނިކަލް އޭރިއާގައި ހުރެ ވެސް ރެފްރީގެ ނިންމުތަކަށް ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމަށް އައިއިރު ވެސް ތިނަދޫ ކޯޗު މާޓީނޭޒް ހުރީ ވަރަށް ބޮޑަށް ރުޅިއައިސްފަ އެވެ. ނޫސްވެރިންގެ ސުވާލުތައް ފެށުމުގެ ކުރިން އޭނާ ވާހަކަތައް ފެށި އެވެ.

"އަހަންނާ މިއަދު ސުވާލެއް ކުރަން ނެތްތަ ނޫސްވެރިއެއް؟ މައްސަލައެއް ނެތް. އެކަމަކު އަހަންނަށް ޔަގީން ހުރިހާ މީހުން ވެސް މެޗު ބަލައިފި. ފެނުނީ އެންމެ ކަމެއް ތިނަދޫގެ އެގާރަ ކުޅުންތެރިންނަށް ބޭއިންސާފުން ކަންތައް ކުރިތަން. ތަފާތު ކުރުން އޮތް މިންވަރު. މި ގޮތަށް މިކަން ކުރާނަމަ ރަށްތަކުގެ ޓީމުތައް ގާތުގައި ބުނަންވީ މާލޭގައި ނުކުޅެން. އެއީ މާލޭގެ ޓީމުތައް މާ ހާއްސަ އެބަވޭ. އެ މީހުންނަށް ފަރިތަކުރަން ވެސް ލިބޭ އެއް ދަނޑު އެއްގޮތަށް. މި ތަފާތު ކުރުން ވަރަށް ބޮޑަށް އޮވޭ،" ރުޅިގަދަވެފައިހުރެ މާޓީޏޭޒް ބުންޏެވެ.

ރޭގެ މެޗުގެ ތެރެއިން ގިނަ ފައުލުތަކެއް ހިނގިއިރު އެއް ކުޅުންތެރިއަކު އެންމެ ގިނަ ފައުލުކުރި ކުޅުންތެރިންގެ ތެރޭގައި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ގްރީން ސްޓްރީޓްސްގެ ސޮބޮލް އިލިއާ ހިމެނެ އެވެ. މާޓީނޭޒް ބުނީ އިލިއާ މެޗުގެ 90 މިނިޓް އެއްކޮށް ކުޅުމަކީ އޭނާ އަށް ލިބުނީ ބޮޑު ހައިރާން ކަމެއް ކަމަށެވެ.

"އަހަރެން ދެކޭގޮތުގައި މިއަދު ގްރީން ސްޓްރީޓްސްގެ ނަންބަރު 10 (އިލިއާ) އަކީ މެޗު އެއްކޮށް ކުޅެން ޖެހޭ ކުޅުންތެރިއެއް ނޫން. އޭނާ އަށް އެންމެ ރީނދޫ ކާޑެއް ދެއްކިއިރު ގާތްގަނޑަކަށް ހަ ވަރަކަށް ފައުލުކުރި. އެކަމަކު ދެ ވަނަ ރީނދޫ ކާޑެއް ނުދައްކާ. މިކަމުގައި ވެސް މިހުރީ ތަފާތު ކުރުން. އަހަރެމެންގެ ކުޅުންތެރިއަކު ކިތަންމެ ކުޑަކަމެއް ކުރިއަސް މި ފެންނަނީ ކާޑުދައްކާތަން. މި ފެންނަނީ މަސައްކަތްކޮށް ކުރިއަށްދާން އުޅޭ ބަޔަކަށް ހުރަސް އަޅާތަން،" ސުވާލެއް ކުރުމުގެ ފުރުސަތެއް ނުދީ ރުޅި އައިސްފައިހުރެ ނޫސްވެރިންގެ ބައްދަލުވުން ދޫކޮށްދަމުން މާޓީނޭޒް ބުންޏެވެ.

ތިނަދޫ އަކީ މި ފަހަރު ޕްރިމިއާ ލީގަށް މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމުތަކުގެ ތެރެއިން އެންމެ ބޮޑަށް ޓީމު ވަރުގަދަ ކުރި ޓީމެވެ. އެ ޓީމުން ވަނީ ފުރަތަމަ ޑިވިޝަނުގައި ކުޅުނު ގިނަ ކުޅުންތެރިން ގެެނެސްފަ އެވެ. އެ ޓީމު ވަނީ ފުރަތަމަ މެޗުން އއ. މާޅޮސް އަތުން 1-0 އިން މޮޅުވެފަ އެވެ.