ކުޅުންތެރިންގެ އަގުބޮޑުކުރީ ރެއާލް މެޑްރިޑުން: ގާޑިއޯލާ

މެންޗެސްޓާ (އޮގަސްޓް 12) - ޓްރާންސްފާ ބާޒާރުގައި ކުޅުންތެރިން އަގުބޮޑުކޮށް ގަތުމުގެ ސިލްސިލާ ފެށީ ރެއާލް މެޑްރިޑުން ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.


ފާއިތުވި ދެ ސީޒަނުގެ ކުރިން އެންމެ އަގުބޮޑުކޮށް ގަތް ދެ ކުޅުންތެރިންނަކީ 80 މިިލިއަން ޕައުންޑަށް ރެއާލާ ގުޅުނު ކްރިސްޓިއާނޯ ރޮނާލްޑޯ އާއި 85 މިލިއަން ޕައުންޑަށް އެ ޓީމުން ގަތް ގަރެތު ބޭލް އެވެ. އޭގެ ފަހުން މިދިޔަ ސީޒަނުގައި މެންޗެސްޓާ ޔުނައިޓެޑުން 89.3 މިލިއަން ޕައުންޑަށް ޕައުލް ޕޮގްބާ އެންމެ އަގުބޮޑުކޮށް ގަނެފައިވަނިކޮށް މި ސީޒަނުގައި އެ ރެކޯޑް މުގުރާލީ ޕީއެސްޖީން 196 މިލިއަން ޕައުންޑަށް ބްރެޒިލްގެ ނޭމާ ބާސެލޯނާ އިން ގަނެގެންނެވެ.

"މިކަން ފެށުނީ ރޮނާލްޑޯ އާއި ބޭލް ގަތް ހިސާބުން. އޭގެ ކުރިން އޮތީ އެހާ އަގު ބޮޑެއް ނޫން. ދެން ރެއާލް ކަހަލަ ހައިބަތު ބޮޑު ޓީމަކުން އެވަރު ހަރަދުކުރާނަމަ އެ ހިސާބަށް ދާން އޮތް އާދައިގެ ޓީމުތަކުން ޖެހޭ އިތުރަށް ހަރަދުކުރަން،" މެޑްރިޑާ ވާދަވެރި ބާސެލޯނާ އަށް ކުރިން ކުޅެ ކޯޗުކޮށްދީފައިވާ ގާޑިއޯލާ ބުންޏެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ސިޓީން ވަނީ ފަސް ކުޅުންތެރިއަކު ގަންނަން 281 މިލިއަން ޕައުންޑް ހަރަދުކޮށްފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގައި ސިޓީ ކުޅޭ ފުރަތަމަ މެޗުގައި ބްރައިޓަންއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގާޑިއޯލާ ބުނީ މިއީ ޓީމެއް ބިނާކުރުމަށް ކުރެވުނު ހޭދައެއް ކަމަށާއި މުސްތަގުބަލުގައި ސިޓީން ހަރަދުކުރާ މިންވަރު މަދުވާނެ ކަމަށެވެ.

"އަހަރެން ކުޅުންތެރިން ގަތީ މި ޓީމު ބިނާކުރަން. މި ޓީމުގައި ނެތް ފުލްބެކުންނެއް. އަހަރެން ގިނަ ކުޅުންތެރިން ހޯދީ އެ މަގާމަށް. މުސްތަގުބަލުގައި ސިޓީން ހަރަދުކުރާ މިންވަރު މަދުވާނެ. މަދުވެގެން އެންމެ ކުޅުންތެރިއަކު ގަންނަ ފަހަރު ވެސް އައުން ގާތް،" ގާޑިއޯލާ ބުންޏެވެ.

ސިޓީއާ ހަވާލުވެ ފުރަތަމަ ސީޒަން ގާޑިއޯލާ ނިންމާލީ ހުސްއަތާ އެވެ. ދެ ވަނަ ސީޒަނާ ކުރިމަތިލާއިރު އޭނާ އަށް އެއްވެސް ޕްރެޝަރެއް އަދި ނެތް ކަމަށް ވަނީ ބުނެފަ އެވެ.

"އަހަރެން މި ވަރުގެ ހޭދައެއް މިކުރީ މި ޓީމު ރަނގަޅު ކުރެވޭނެ ކަމުގެ އުއްމީދު އޮތުމުން. ބޭނުންވި ކުޅުންތެރިން ލިބުމުން އަހަންނަށް އޮންނާނީ މަސައްކަތާ އެކު ހިތްހަމަޖެހިގެން ކުރިއަށް ދިއުން. ޕްރެޝަރަކީ ޓޮޕް ލެވެލް ފުޓްބޯޅައިގައި އާންމު ކަމެއް،" ކުރިން ބަޔާން މިއުނިކާއި ބާސެލޯނާ އަށް ކޯޗު ކޮށްދިން ގާޑިއޯލާ ބުންޏެވެ.

ސިޓީ އާއި ބްރައިޓަން ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 9:30 ގަ އެވެ.