ޗެމްޕިއަން ޗެލްސީ އަށް ހިތްދަތި ފެށުމެއް

ލަންޑަން (އޮގަސްޓް 12) – އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީން މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗުން މިރޭ ނުވަ ކުޅުންތެރިންނާ އެކު ކުޅެ ބާންލީ އަތުން 3-2 އިން ބަލިވެއްޖެ އެވެ.


މެޗުގެ ފުރަތަމަ ހާފުގައި ބާންލީން ތިން ލަނޑު ޖަހާފައިވަނިކޮށް ޗެލްސީން ފަހު ހާފުގައި ދެ ލަނޑު ޖަހައި އެއްވަރުކުރުމާ ގާތަށް ދިޔަ އެވެ. އެކަމަކު ކެޕްޓަން ގެރީ ކޭހިލާއި ސެސް ފެބްރިގާސް އަށް ދެއްކި ރަތްކާޑުތަކާ އެކު އެ ޓީމަށް ކުރަން ޖެހުނީ އުނދަގޫ ހަނގުރާމައެކެވެ.

މެޗު ފަށައިގެން ކޭހިލް އަށް ސީދާ ރަތްކާޑެއް ދެއްކީ ބާންލީގެ ސްޓީވަން ޑެފޯއަށް ދަށްފުށުން ޓެކްލްކުރުމުންނެވެ. ޗެލްސީ ރަނގަޅަށް ހަމަޔަކަށް ނޭޅި އުޅެނިކޮށް 24 ވަނަ މިނެޓުގައި ބާންލީގެ ސެމުއަލް މައިކަލް ވޮކްސް ވަނީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. އަދި 39 ވަނަ މިނެޓުގައި ބާންލީގެ ސްޓެފަން ވާޑް ލީޑު ފުޅާކުރުމާ އެކު ޗެލްސީ އަށް ދެން އަނބުރާ ނާދެވޭނެ ކަމަށް ގިނަ ބަޔަކު ނިންމި އެވެ. ބާންލީގެ ތިން ވަނަ ލަނޑު 43 ވަނަ މިނެޓުގައި ވޮކްސް ކާމިޔާބުކޮށް ޗެލްސީގެ އުއްމީދު ގެއްލުވާލި އެވެ.

ޗެލްސީން ދެ ވަނަ ހާފު ފަށައިގެން ލަނޑު ޖެހުމާ ގާތަށް ދިޔަ އެވެ. އެކަމަކު މާކޮސް އަލޮންސޯ އާއި އެންގޯލޯ ކާންޓޭ ފޮނުވާލި ހަމަލާތައް ގޯލަށް ވަންނަ ގޮތެއް ނުވި އެވެ. މަންޒަރު ބަދަލުވީ، 70 މިލިއަން ޕައުންޑަށް ގަތް ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ އެރުވުމުންނެވެ. އޭނާ ވަނީ 69 ވަނަ މިނެޓުގައި ވިލިއަން ނަގައިދިން ހުރަހަކުން ލަނޑު ޖަހައި ޗެލްސީއަށް ކޮންމެވެސް ވަރެއްގެ އުއްމީދެއް ގެނެސްދީފަ އެވެ. އެކަމަކު 81 ވަނަ މިނެޓުގައި ދެ ވަނަ ރީނދޫ ކާޑާ އެކު ފެބްރިގާސް އަށް ދެއްކި ރަތްކާޑާ އެކު ޗެލްސީ އަށް އިތުރު މައްސަލަތަކެއް ދިމާވި އެވެ.

އެކަމަކު ވެސް ޗެލްސީން ކުރިއަށް ޖެހިގެން އުފައްދަމުން ދިޔަ އެޓޭކްތަކުގެ ނަތީޖާތަކަށްވީ 88 ވަނަ މިނެޓުގައި ޑަވިޑް ލުއިޒް ލަނޑު ޖަހައި ތަފާތުކުޑަކޮށްދިނުމެވެ. މޮރާޓާ ދިން ބޯޅައަކުން ލުއިޒް ޖެހި ލަނޑަށް ފަހު ބާންލީން މެޗު ފަށައިގެން ލިބުނު ހިލޭ ޖެހުމުން ލަނޑެއް ނުޖެހީ ކިރިޔާ އެވެ. އޭރިއާ ރޮނގު މަތިން އެ ޓީމުގެ ރޮބަޓް ބްރެޑްލީ ޖެހި ބޯޅަ އަމާޒުވީ ދަނޑި އަށެވެ.

މެޗުގެ ފަހު ވަގުތުގައި ވެސް ޗެލްސީން ވަރަށް ބޮޑަށް ކުރިއަށް ޖެހި އޭރިއާ ތެރެއަށް ގިނަ ބޯޅަތަކެއްލީ ނަމަވެސް އިތުރު ގޯލެއް ޖެހޭ ގޮތެއް ނުވި އެވެ.

ލީގުގައި މިއަދު ހަވީރު ލިވަޕޫލް ވަނީ ވަޓްފޯޑާ 3-3 އިން އެއްވަރުވެފަ އެވެ. މެޗުގެ އަށް ވަނަ މިނެޓުގައި ވަޓްފޯޑުގެ ސްޓެފާނޯ އޮކާކާ ލީޑު ނަގާފައިވަނިކޮށް ލިވަޕޫލަށް 29 ވަނަ މިނެޓުގައި އެއްވަރުކޮށްދިނީ ސަޑިއޯ މާނޭ އެވެ. އެކަމަކު 32 ވަނަ މިނެޓުގައި ވަޓްފޯޑުގެ އަބްދޫލަޔޭ ޑޮކޫރޭ ވަނީ އެ ޓީމަށް އަލުން ލީޑު ނަގައިދީފަ އެވެ.

ލިވަޕޫލަށް ދެ ވަނަ ފަހަރަށް އެއްވަރުކޮށްދިނީ ޕެނަލްޓީ އަކުން ރޮބާޓޯ ފިރްމީނޯ އެވެ. އޭގެ ދެ މިނިޓް ފަހުން ލިވަޕޫލަށް ލީޑުނަގައިދިނީ ފިރްމީނޯ ދިން ބޯޅަ އަކުން މި ސީޒަނުގައި ލިވަޕޫލާ ގުޅުނު މިސްރުގެ ވިންގް މުހައްމަދު ސަލާ އެވެ. ވަޓްފޯޑުން އެއްވަރުކުރީ 90 ވަނަ މިނެޓުގައި މިގުއެލް ބްރިޓޮސް ޖެހި ލަނޑުންނެވެ.

އަނެއްކޮޅުން އެވަޓަން ވަނީ އެ ޓީމާ މެންޗެސްޓާ ޔުނައިޓެޑުން ގުޅުނު ފޯވާޑް ވޭން ރޫނީ ލަނޑާ އެކު ސްޓޯކް ސިޓީ އަތުން 1-0 އިން މޮޅުވެފަ އެވެ. އަދި މިރޭ ހަޑާސްފީލްޑް ޓައުން ވަނީ ކްރިސްޓަލް ޕެލަސް އަތުން 3-0 އިން މޮޅުވެފަ އެވެ.