އަސަދުﷲ އަށް މި ސީޒަނުގައި ދެން ނުކުޅެވޭނެ

މާޒިޔާ އާއި ގައުމީ ޓީމުގެ ފޯވާޑް އަސަދުﷲ އަބްދުﷲގެ ކަކުލަށް ލިބިފައިވާ އަނިޔާ ރަނގަޅުކުރަން އޮޕަރޭޝަނެއް ކުރަން ޖެހި އޭނާ އަށް މި ސީޒަނުގައި ކުޅެވުމުގެ ފުރުސަތު ގާތްގަނޑަކަށް ގެއްލިއްޖެ އެވެ.


އަސަދުﷲ ގެ ވާތު ކަކުލަށް ހާނިއްކަވީ މިދިޔަ މަހުގެ 19 ވަނަ ދުވަހުގެރޭ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ އަތުން 1-0 އިން މާޒިޔާ މޮޅުވި މެޗުގަ އެވެ.

އޭރު ބެލެވިފައި އޮތީ އޭނާ އަށް ތިން ހަފުތާގެ ތެރޭގައި ކުޅުމުގެ ތެރެއަށް އެނބުރި އާދެވޭނެ ކަމަށެވެ. އެކަމަކު ސްރީ ލަންކާގައި އޭނާ ހެދި ޓެސްޓްތަކުން ދެއްކި ގޮތުގައި އޮޕަރޭޝަނެއް ކުރަން ޖެހެ އެވެ. އެހެންވެއްޖެ ނަމަ އޭނާ ރިކަވާވަ އަލުން ކުޅެން ނުކުންނަން މަދުވެގެން ދެ މަސް ދުވަސް ނަގާނެ ކަމަށް ލަފާކުރެވެ އެވެ.

ފަރުވާ އަށް އަސަދުﷲ ވަރަށް އަވަހަށް އިންޑިއާ އަށް ފުރުމަށް ހަމަޖެހިފައިވާއިރު އެ ގައުމުގައި ވެސް އިތުރު ޓެސްޓްތަކެއް ހަދާނެ އެވެ. އެކަމަކު އޮޕަރޭޝަން ނުކޮށް ފަރުޖެހިދާނެ ކަމަށް ނުބެލެވެ އެވެ.

ރާއްޖޭގައި މި ވަގުތު ހުރި އެންމެ އިތުބާރު ފޯވާޑް ކުޅުމާ ދުރަށް ދާން ޖެހުމަކީ މާޒިޔާގެ އިތުރުން ގައުމީ ޓީމަށް ވެސް ލިބޭނެ ގެއްލުމެކެވެ. އޭނާ ނެތުމުން މާޒިޔާގެ ފޯވާޑް ލައިން ބަލަހައްޓާނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމުން ގެނައި ފޯވާޑް ކެރިޗް އަންދްރޭ އެވެ.

މި ސީޒަނުގައި އަދި ދިވެހި ލީގުގެ ފުރަތަމަ ބުރުގެ ދެ މެޗާއި ދެ ވަނަ ބުރާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕް އޮންނާނެ އެވެ. މީގެ އިތުރުން ގައުމީ ޓީމަށް ވެސް އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާއި ފަލަސްތީނާ ދެކޮޅަށް ކުޅޭ މެޗު އޮންނާނެ އެވެ.