ނޭމާ ނެތަސް ބާސެލޯނާ އަކީ ދަށް ޓީމެއް ނޫން: އަލެގްރީ

ބާސެލޯނާ (ސެޕްޓެމްބަރު 12) - ބްރެޒިލްގެ ތަރި ނޭމާ ނެތަސް ބާސެލޯނާ އަކީ ދަށް ޓީމެއް ކަމަށް ދެކެވެން ނެތް ކަމަށް މިރޭ އެ ޓީމާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅޭ ޔުވެންޓަސްގެ ކޯޗު މަސިމޯ އަލެގްރީ ބުނެފި އެވެ.


މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޔުވެންޓަސް އިން ބާސެލޯނާގެ މައްޗަށް ވަނީ 3-0 ގެ އެގްރިގޭޓް ނަތީޖާ އަކުން ކުރި ހޯދައިފަ އެވެ. މި ފަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި މި ދެ ޓީމު އެއް ގްރޫޕެއްގައި ލައްވާލިއިރު، އަލެގްރީ ދެކޭ ގޮތުގައި ބާސެލޯނާ އަކީ އަދިވެސް ދުނިޔޭގެ އެންމެ ވަރުގަދަ ދެ ޓީމުގެ ތެރެއިން އެއް ޓީމެވެ.

"ރެއާލާއި ބާސެލޯނާ އަކީ ޗެމްޕިއަންސް ލީގުގެ ފޭވަރިޓުން. އެއީ ދުނިޔޭގެ އެންމެ ވަރުގަދަ ދެ ކްލަބް. ނޭމާ ބާސެލޯނާ ދޫކޮށްދިޔަސް އެ ޓީމުން ވަނީ ޒުވާން ކުޅުންތެރިއާ އޮސްމާނޭ (ޑެމްބެލޭ) ގެނެސްފައި. އިތުރު ކުޅުންތެރިން ވެސް އެ ޓީމާ ގުޅިފައިވާއިރު މިދިޔަ ސީޒަނުގެ މެޗު މިސާލަކަށް ނަގައިގެން އަހަރެމެން ފަސޭހަ ނުކުރާނަން،" އަލެގްރީ ބުންޏެވެ.

ބާސެލޯނާގެ އާ ކޯޗު އާނެސްޓޯ ވަލްވޭޑޭގެ ކޯޗުކަމުގައި ސްޕެނިޝް ލީގުގައި އެ ޓީމު ފުރަތަމަ ކުޅުނު ތިން މެޗުން ވެސް ވަނީ މޮޅުވެފަ އެވެ. މިރޭ ޗެމްޕިއަންސް ލީގުގައި ފުރަތަމަ ފަހަރަށް ބާސެލޯނާ ގޮވައިގެން ވަލްވޭޑޭ ނުކުންނާނީ މިދިޔަ އަހަރުގެ ރަނަރަޕް ޔުވެންޓަސްއާ ދެކޮޅަށެވެ.

"ޔުވެންޓަސް އަކީ އިޓަލީގެ ޗެމްޕިއަނުން އެއީ ވަރުގަދަ ޓީމެއް. އަހަރެމެން ބޭނުންވަނީ މި ފަހަރުގެ މުބާރާތް މޮޅަކުން ފަށަން. އެއީ ސަޕޯޓަރުންނަށް ވެސް ލިބޭނެ ހިތްހަމަ ޖެހުމެއް. އެންމެ ފަހުން ޔުވެންޓަސް އަތުން އަހަރެމެން ބަލިވެފައި އޮތުމަކީ މި މެޗަށް ނުކުންނައިރު އިތުރަށް ހިތްވަރު ނެރޭނެ ކަމެއް،" ވަލްވޭޑޭ ބުންޏެވެ.

މިދިޔަ ސީޒަނުގައި ޔުވެންޓަސް އިން ބާސެލޯނާގެ މައްޗަށް ކުރިހޯދިއިރު އެ ޓީމުން އެންމެ މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއަކީ އާޖެންޓީނާގެ ޕައޮލޯ ޑީބަލާ އެވެ. މި ސީޒަން ފެށުމުގެ ކުރިން ޓްރާންސްފާ މާކެޓްގައި ޑީބަލާ ހޯދަން ބާސެލޯނާ އިން މަސައްކަތް ކުރި ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. އެހެން ނަމަވެސް ޑީބަލާ ވަނީ އެކަން ދޮގުކޮށްފަ އެވެ.

"އަހަރެންނަށް ބާސެލޯނާގެ ހުށަހެޅުމެއް ނުލިބޭ. ޔުވެންޓަސް އިން ވެސް އަހަންނަށް އެކަމެއް ނާންގާ. ޔުވެންޓަސް އިން އަހަންނަށް ހަމައެކަނި އެންގީ ދިގު މުއްދަތަކަށް މި ޓީމުގައި މަޑުކުރަން. އަހަރެން މިހުރީ އެ ވިސްނުމުގައި،" މި ސީޒަނުގައި ޔުވެންޓަސްގެ ތާރީހީ 10 ނަމްބަރު ޖާޒީގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑީބަލާ ބުންޏެވެ.

ބާސެލޯނާ ދަނޑުގައި ޔުވެންޓަސްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.