ޕެލަސް ކޯޗުކަމާ އިންގްލެންޑުގެ ކުރީގެ ކޯޗު ހޮޖްސަން ހަވާލުވެއްޖެ

ލަންޑަން (ސެޕްޓެމްބަރު 13) - ކްރިސްޓަލް ޕެލަސްގެ ކޯޗުކަމާ އިންގްލެންޑް ގައުމީ ޓީމުގެ ކުރީގެ ކޯޗު ރޯއީ ހޮޖްސަން ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ހަވާލުވެއްޖެ އެވެ.


ލީގުގެ ފުރަތަމަ ހަތަރު މެޗުން ބަލިވުމުން 77 ދުވަހަށް ފަހު ޕެލަސްގެ ކޯޗު ކަމުން ނެދަލެންޑްސްގެ ފްރޭންކް ޑި ބޮއާ ވަކިކުރީ މިދިޔަ ހޯމަ ދުވަހު އެވެ. ހޮޖްސަންއާ ޕެލަސް ހަވާލުކުރިއިރު މި ވަގުތު އެ ޓީމު އޮތީ ލީގުގެ އެންމެ ފުލުގަ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު އިންގްލެންޑް ކޯޗުކަމުން އިސްތިއުފާދިން ހޮޖްސަން ހުރީ ފުޓްބޯޅައިން ބްރޭކެއް ނަގައިގެންނެވެ. އޭނާ އަށް ސްޕެއިނާއި އިޓަލީގެ ބައެއް ކްލަބްތަކުން މި ސީޒަން ފެށުމުގެ ކުރިން ފުރުސަތު ލިބުނެވެ. އެހެން ނަމަވެސް އޭނާގެ ވިސްނުން ހުރީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓީމަކާ ހަވާލުވުމަށެވެ.

ފުޓްބޯޅަ ކެރިއަރުގައި ޕެލަސް އަށް ކުޅުނު ހޮޖްސަން ވަނީ މީގެ ކުރިން ޕްރިމިއާ ލީގުގެ ހަތަރު ކްލަބަކަށް ކޯޗުކޮށްދީފަ އެވެ. އެއީ ބްލެކްބާން ރޯވާްސް، ފުލަމް، ލިވަޕޫލް އަދި ވެސްޓް ބްރޮމްވިޗް އެލްބިއަން އެވެ. ހޮޖްސަން އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ފުލަމްގަ އެވެ. އޭނާ ވަނީ އެ ޓީމު ގޮވައިގެން 2010 ވަނަ އަހަރުގެ ޔުއެފާ ކަޕް ފައިނަލުގައި ކުޅެފަ އެވެ. އެފަހަރު ފުލަމް ބަލިވީ އެތުލެޓިކޯ މެޑްރިޑް އަތުންނެވެ.

"މިއީ އަހަރެން ޒުވާން ދުވަސްވަރު އެންމެ ގަޔާވި ކްލަބް. މިއީ އަހަންނަށް ލިބުނު ބޮޑު ފުރުސަތެއްގެ ގޮތުގައި ދެކެނީ. އަބަދުވެސް ކޮންމެ ޓީމެއްގައި ހުއްޓަސް އަހަރެންގެ ވިސްނުމަކީ އެ ކްލަބެއް ގެންދެވޭނެ އެންމެ އުހަކަށް ގެންދިއުން،" ހޮޖްސަން ބުންޏެވެ.

ޕެލަސްގެ ކޯޗުކަމާ ހަވާލުވުމާ އެކު ހޮޖްސަން ވެފައިވަނީ ޕްރިމިއާ ލީގުގައި ދާއިމީ ކޮންޓްރެކްޓެއްގައި ޓީމަކާ މިވަގުތު ހަވާލުވެގެންހުރި އެންމެ ދުވަސްވީ ކޯޗަށެވެ. ހޮޖްސަންގެ އުމުރަކީ 70 އަހަރާއި 34 ދުވަހެވެ.