މިއީ ކުރިއެރުން ވަޒަންކޮށްލަން ލިބޭ ފުރުސަތެއް: ކްލޮޕް

ލިވަޕޫލް (ސެޕްޓެމްބަރު 13) - ފާއިތުވި އަށް ސީޒަނުގެ ތެރޭގައި ދެ ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގައި ލިވަޕޫލުން ވާދަކުރާއިރު މިއީ ކުރިއެރުން ވަޒަންކޮށްލަން އެ ޓީމަށް ލިބުނު ލިބޭ ފުރުސަތެއް ކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.


މިއީ ލިވަޕޫލްގެ ކޯޗުކަމާ 2015 ވަނަ އަހަރު ކްލޮޕް ހަވާލުވި ފަހުން އޭނާގެ ކޯޗުކަމުގައި އެ ޓީމުން ޗެމްޕިއަންސް ލީގުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ކްލޮޕް ހަވާލުވި ފުރަތަމަ ސީޒަނުގައި ލިވަޕޫލް ވަނީ ޔޫރޮޕާ ލީގުގެ ފައިނަލުގައި ކުޅެފަ އެވެ. ފައިނަލުގައި ލިވަޕޫލް ބަލިވީ މިރޭ ޗެމްޕިއަންސް ލީގުގައި އެ ޓީމާ ދެކޮޅަށް ކުޅޭ ސެވިއްޔާ އަތުން 3-1 އިންނެވެ.

"ޔޫރޮޕާ ލީގުގެ ފައިނަލަކީ މާޒީ. މިރޭގެ މެޗަށް ނުކުންނައިރު އެ މެޗުން ލިބޭނެ އެއްވެސް ފައިދާއެއް އެއްވެސް ޓީމަކަށެއް ނެތް. މިއީ ލިވަޕޫލް ރަނގަޅު މިސްރާބަށް ދިއުމަށް އެޅޭ މުހިއްމު ފިޔަވަޅަކަށް ހަދަން ބޭނުން. މިއީ ލިބުނު ކުރިއެރުން ވަޒަންކޮށްލަން ލިބޭ ފުރުސަތެއް،" ކްލޮޕް ބުންޏެވެ.

ޗެމްޕިއަންސް ލީގު ޕްލޭ އޮފްގައި ހޮފެންހައިމްގެ މައްޗަށް ދެ ލެގުގައި ކުރިހޯދުމުން މި ސީޒަނުގައި ލިވަޕޫލުން މި މުބާރާތަށްދޭ މުހިއްމުކަން ފެނިގެން ގޮސްފައިވާ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.

"މިއީ ތާރީހީ ކްލަބެއް. މި ޓީމަކީ ޗެމްޕިއަންސް ލީގުގައި ވާދަކުރަން ޖެހޭ ކްލަބެއްކަން ޕްލޭއޮފް ދެ މެޗުގައި ފެނިގެންގޮސްފި. އަހަރެން ބޭނުންވަނީ ނަތީޖާތައް ރަނގަޅުކުރަން،" ކްލޮޕް ބުންޏެވެ.

ލީގުގައި މިދިޔަ ހޮނިހިރު ދުވަހު މެންޗެސްޓާ ސިޓީ އަތުން 5-0 އިންވި ބޮޑުބަލީގެ ސަބަބުން އެއްވެސް ގޯސް އަސަރެއް ލިވަޕޫލަށް ނުކުރާނެ ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ. އަދި އެ މެޗުގައި ރަތް ކާޑު ދެއްކި ސެނެގޯލްގެ މިޑްފީލްޑަރު ސަޑިއޯ މާނޭ އަށް މިރޭގެ މެޗުގައި ކުޅެވުމަކީ އޮތް ހިތްހަމަޖެހުމެއް ކަމަށެވެ.

މިރޭގެ މެޗުގައި ލިވަޕޫލްގެ ގޯލު ބަލަހައްޓާނީ ޖަރުމަނުގެ ކީޕަރު ލޮރިސް ކާރިއަސް އެވެ. މިއީ ސިމޯން މިންޔޮލޭގެ ބަދަލުގައި ކާރިއަސް މި ސީޒަނުގައި ކުޅޭނެ ދެ ވަނަ މެޗެވެ. މީގެ އިތުރުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާ އަށް ބަދަލުވާން މަސައްކަތް ކުރި ބްރެޒިލްގެ މިޑްފީލްޑަރު ފިލިއްޕޭ ކުޓީނިއޯ މި މެޗުގައި ފެނުމުގެ ފުރުސަތު ބޮޑެވެ.

ސެވިއްޔާގެ ކޯޗު އެޑުއާޑޯ ބެރިއްޒޯ ބުނީ ލިވަޕޫލްގެ ދަނޑު އެންފީލްޑްގައި ކުޅެން ޖެހުމަކީ ކަންބޮޑުވާންވީ ސަބަބެެއް ނޫން ކަމަށާއި މި ކަހަލަ މަޝްހޫރު ދަނޑެއްގައި ފެންވަރު ސާބިތުކޮށްލަން ލިބިފައިވާ ފުރުސަތު ނަގާލަން ބޭނުންނުވާ ކަމަށެވެ.

ލިވަޕޫލާއި ސެވިއްޔާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.