ރެއާލް ބަރޯސާވަނީ ރޮނާލްޑޯ އަކަށް ނޫން: ޒިދާން

މެޑްރިޑް (ސެޕްޓެމްބަރު 13) - ރެއާލް މެޑްރިޑަކީ ހަމައެކަނި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ބަރޯސާވެފައި އޮންނަ ޓީމެއް ނޫން ކަމަށާއި އެކަމަކު އޭނާ ޓީމާ ގުޅުމަކީ ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނެފި އެވެ.


ސަސްޕެންޝަންގެ ސަބަބުން ރެއާލް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ރޮނާލްޑޯ ނުކުޅެ އެވެ. އޭގެ ތެރެއިން އެންމެ ފަހުން ލީގުގައި ކުޅެނު ދެ މެޗުން ރެއާލް ވަނީ އަމިއްލަ ދަނޑުގައި ވެލެންސިއާ އާއި ލެވާންޓޭއާ އެއްވަރުވެފަ އެވެ.

ރޮނާލްޑޯ އަށް ދީފައިވާ ސަސްޕެންޝަނަށް އަމަލުކުރަނީ ހަަމައެކަނި ސްޕެއިނުގެ މުބާރާތްތަކުގައި ކަމަށްވާއިރު، ރެއާލުން ވަނީ މިރޭ ޗެމްޕިއަންސް ލީގުގައި ސައިޕްރަސްގެ އަޕޮއެލް ނިކޮސިއާއާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑުގައި ރޮނާލްޑޯ ހިމަނައިފަ އެވެ.

"އަހަރެމެން ބަރޯސާވަނީ ހަމައެކަނި ރޮނާލްޑޯ އަކަށް ނޫން. ޓީމުގެ ހުރިހާ ކުޅުންތެރިންވާނީ ހަމަހަމަ. އެކަމަކު ރޮނާލްޑޯ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާ. އޭނާ އައުމުން ހަމައެކަނި ޓީމަށް އިތުރުވަނީ ގޯލުތަކެއް ނޫން. ޓީމަށް އެކި ގޮތްގޮތުން ހިތްވަރުވެސް ލިބޭ ރޮނާލްޑޯ ހުރުމުން،" ޒިދާން ބުންޏެވެ.

ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރެއާލުން ސްޕެއިނުގެ ފޯވާޑް އަލްވާރޯ މޮރާޓާ ޗެލްސީ އަށް ވިއްކާލީ ޒިދާންއާ މާ ބޮޑު މަޝްވަރާ ކުރުމެއް ނެތި އެވެ. އެންމެ ފަހުން ލީގުގައި ކުޅުނު ދެ މެޗުން ރެއާލް އެއްވަރުވިއިރު، އަނިޔާގެ ސަބަބުން ފްރާންސްގެ ފޯވާޑް ކަރިމް ބެންޒެމާ އަށް އަނިޔާވުމާ އެކު ޒިދާން ވަނީ މޮރާޓާ ވިއްކާލުމަކީ ރެއާލުން ހެދި ގޯހެއް ކަަމަށް އެޓީމުގެ ބޯޑަށް އަންގައިފަ އެވެ.

"މީޑިއާ ތަކުން ދައްކާ ވާހަކަ އަށް އަހަރެން މާބޮޑު ޝައުގުވެރިކަމެއް ނެތް. ބޭނުންވަނީ ކުރިއެކޭ އެއްގޮތަށް ރެއާލަށް ކާމިޔާބު ހޯދައިދޭން. ތެދެއް އަހަރެން ބޭނުން މޮރާޓާ ބަހައްޓަން. އެކަމަކު ފުރަތަމަ އެގާރައިގައި ގިނައިން ފުރުސަތު ނުލިބޭނެތީ އޭނާ ބޭނުންވީ ކްލަބް ބަދަލުކުރަން،" މީޑިއާ ރިޕޯޓްތަކާ ގުޅޭގޮތުން ޒިދާން ބުންޏެވެ.

މިދިޔަ އަހަރު ޖެނުއަރީ މަހު ރެއާލާ ހަވާލުވުމަށް ފަހު ޒިދާން ވަނީ އެ ޓީމަށް ގިނަ ކާމިޔާބީތަކަށް ފަހު އެވެ. އޭގެ ތެރޭގައި މިދިޔަ ދެ އަހަރުގެ ޗެމްޕިއަންސް ލީގު ހިމެނެ އެވެ. އަދި މިދިޔަ ސީޒަނުގައި ސްޕެނިޝް ލީގު ކާމިޔާބުކުރީ ވެސް ރެއާލުންނެވެ.

ރެއާލާއި އަޕޮއެލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 23:45 ގަ އެވެ.