ވެޓެރަންސް ކަޕް: މާޒިޔާ ބަލިކޮށް ވެލެންސިއާ ފައިނަލަށް

ވެޓެރަންސް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުން މާޒިޔާ އަތުން 4-0 އިން މޮޅުވެ ކްލަބް ވެލެންސިއާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ.


ކުރީގެ ކުޅުންތެރިންނަށް ހާއްސަ ކޮށްގެން ކޮންމެ ރޯދަ މަހަކު ކުޅޭ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް ވެލެންސިއާ އެވެ. ވެލެންސިއާ ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދައިފަ އެވެ.

ޓާފް އެއް ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވެލެންސިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ. ކުރީގެ މަޝްހޫރު ގިނަ ކުޅުންތެރިން ހިމެނޭ ވެލެންސިއާގެ ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު އިސްމާއިލް މުހައްމަދު (އިއްސޭ) އެވެ.

ވެލެންސިއާ އިން ޖެހި އަނެއް ލަނޑަކީ މާޒިޔާގެ އަބްދުﷲ ހަސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލެންސިއާގެ އަބްދުއް ރައްޒާގް ޔޫސުފް އެވެ.

މުބާރާތުގެ ދެ ވަނަ ސެމީ ފައިނަލުގައި މާދަމާ ނިއު ރޭޑިއަންޓް ބައްދަލުކުރާނީ ބީޖީ ސްޕޯޓްސްއާ އެވެ. މެޗުގެ ކުޅުން ފަށާނީ ހަވީރު 4:15 ގަ އެވެ.