ލަންކާ ވަކިވުމުން ލީގު އުސޫލުން ކުޅެން ނިންމައިފި

ބޫޓާނުގައި މި މަހު 18-27 އަށް ބާއްވާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ސްރީ ލަންކާ ވަކިވެފައިވާތީ ފަސް ޓީމާ އެކު މުބާރާތް ލީގު އުސޫލުން ކުޅޭ ގޮތަށް ބަދަލުކޮށްފި އެވެ.


ރާއްޖެ އާއި ނޭޕާލާ އެކު ގްރޫޕް ބީ ގައި އޮތް ލަންކާ ވަކިވުމުން، ކުރިން ބެލެވިފައި އޮތީ ރާއްޖެ އާއި ނޭޕާލަށް އޮޓޮމެޓިކުން ސެމީން ޖާގަ ލިބުނީ ކަމަށެވެ. އެކަމަކު ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) އިން ވަނީ ލީގު އުސޫލުން ކުޅޭ ގޮތަށް ބަދަލުކޮށްފަ އެވެ.

މުބާރާތުގައި ވާދަކުރަނީ ރާއްޖެ އާއި ނޭޕާލުގެ އިތުރުން ކުރިން ގްރޫޕް އޭ ގައި އޮތް އިންޑިއާ އާއި ބަންގްލަދޭޝް އަދި ބޫޓާނެވެ. ލީގު އުސޫލުން އެއް ބުރު ކުޅުމަށް ފަހު މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން ތިން ވަނަ ޓީމު ހޮވާނެ އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 18 ވަނަ ދުވަހު ބަންގްލަދޭޝް ބައްދަލުކުރާނީ އިންޑިއާއާ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި އެ ދުވަހު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި 20 ވަނަ ދުވަހު ބަންގްލަދޭޝާ ދެކޮޅަށް ކުޅޭއިރު ތިން ވަނަ މެޗުގައި ނޭޕާލާ ދެކޮޅަށް ނުކުންނާނީ 22 ވަނަ ދުވަހު އެވެ. ފަހު މެޗުގައި އިންޑިއާއާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.