އޮޒިލް އާސެނަލްގައި މަޑުކޮށްފާނެ: އޭޖެންޓް

ލަންޑަން (އޮކްޓޯބަރު 12) - މި ސީޒަނަށް ފަހު އާސެނަލް ދޫކޮށްލާނެ ކަމަށް ބެލެވިފައިވާ ޖަރުމަނުގެ މިޑްފީލްޑަރު މެސުޓް އޮޒިލް އެ ޓީމުގައި މަޑުކޮށްފާނެ ކަމަށް އޭނާގެ އޭޖެންޓް އާކުޓް ސޮގުޓް ބުނެފި އެވެ.


އާސެނަލް އޮފިޝަލަކާ ހަވާލާދީ ސްކައިސްޕޯޓްސް އިން މިދިޔަ ހަފްތާގައި ރިޕޯޓްކުރި ގޮތުގައި މި ސީޒަނުގެ ނިޔަލަށް އާސެނަލާ އެކު އޮޒިލާއި އަލެކްސިސް ސަންޗޭޒް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާއިރު، އެއްބަސްވުން އާ ކުރަން އާސެނަލުން ކުރާ މަސައްކަތުގައި އެކަށީގެންވާވަރުގެ ކުރިއެރުމެއް ނުލިބެ އެވެ.

އެހެން ނަމަވެސް އޮޒިލްގެ އޭޖެންޓް ސޮގުޓް ވަނީ އެކަން ދޮގުކޮށްފަ އެވެ.

"އަހަރެމެން މި އަންނަނީ އާސެނަލުގައި މަޑުކުރަން އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން އާ ކުރުމަށް މަޝްވަރާކުރަމުން ޕްރިމިއާ ލީގުގައި އިތުރު ތިން ސީޒަން ވަރު މަޑުކުރަން އޮޒިލް ބޭނުންވޭ،" ސޮގުޓް ބުންޏެވެ.

މި ސީޒަނަށް ފެށުމުގެ ކުރިން މި ދެ ކުޅުންތެރިން ވެސް އާސެނަލް ދޫކޮށްލާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް އޭރު އޮޒިލް ނިންމީ ކޮންޓްރެކްޓަށް އިހުތިރާމްކޮށް މަޑުކުރުމަށެވެ. އަންނަ ޖެނުއަރީ މަހުން ފެށިގެން އޮޒިލަށް އޭނާ ބޭނުން ކްލަބަކާ އެކު މަޝްވަރާކޮށް ޕްރީ ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ ހުއްދަ ލިބޭނެ އެވެ.

އިނގިރޭސި ބައެއް މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި އޮޒިލް ހޯދުމަށް މެންޗެސްޓާ ޔުނައިޓެޑުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އޮޒިލް ވަނީ މީގެ ކުރިން މިހާރު މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯއާ އެކު ރެއާލް މެޑްރިޑުގައި މަސައްކަތް ކޮށްފަ އެވެ.

އޮޒިލްގެ މުސްތަގުބަލާ ގުޅޭގޮތުން އާސެނަލްގެ ކޯޗު އާސެން ވެންގާއާ ކުރިމަތި ކުރުވާ ސުވާލުތަކަށް ފަހަކަށް އައިސް އޭނާ ސީދާ ޖަވާބެއް ނުދެ އެވެ. ވެންގާ މިދިޔަ މަހު ބުނީ ޓީމުގެ މުހިއްމު ކުޅުންތެރިން މަޑުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.