އެންއެފްއެލް ކުޅުންތެރިންނަށް ޓްރަމްޕްގެ އިންޒާރެއް!

ލޮސް އެންޖެލެސް، ޔުނައިޓެޑް ސްޓޭޓްސް (އޮކްޓޯބަރު 12) - އެމެރިކަން ފުޓްބޯޅަ (އެންއެފްއެލް) ކުޅުންތެރިން އެމެރިކާގެ ގައުމީ ސަލާމަށް އިހުތިރާމް ނުކުރާނަމަ ކުޅުންތެރިއާ އަށާއި ކްލަބަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމެރިކާ ރައީސް ޑޮނާލްޑް ޓްރަމްޕް އެ ކުޅުންތެރިންނަށް އިންޒާރު ދެއްވައިފި އެވެ.


މިދިޔަ އަހަރު ސެން ފްރެންސިސްކޯގެ ކުޅުންތެރިއާ ކޮލިން ކަޕޭނިކް އެމެރިކަން ފުޓްބޯޅަ މެޗެއް ފެށުމުގެ ކުރިން އެމެރިކާގައި ހަމަޖެހުމެއް އިންސާފެއް ނެތް ކަމަށް ބުނެ ގައުމީ ސަލާމްޖެހި ވަގުތު އޭނާ ވަނީ އިށީދެފަ އެވެ. އޭގެ ފަހުން ފަހަކަށް އައިސް ގިނަ ކުޅުންތެރިން އަންނަނީ އެގޮތަށް ގައުމީ ސަލާމް އަންނަ ވަގުތު އިހުތިރާމް ނުކުރުމުގެ ގޮތުން އިހުތިޖާޖު ކުރަމުންނެވެ.

ޓްރަމްޕް އަންނަނީ ތަކުރާރުކޮށް މި ކަމުގެ ސަބަބުން އެންއެފްއެލް ކުޅުންތެރިންނަށާއި ކްލަބްތަކަށް ބޮޑު ގެއްލުމެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވަމުންނެވެ. އެގޮތުން ދާދިފަހުން ޓްރަމްޕް ވިދާޅުވީ ޓެކްސް ފައިސާއިން ކްލަބްތަކަށް ދެމުން އައި އެހީ ކަނޑާލުމާ މެދު ވިސްނަމުން އަންނަ ކަމަށެވެ.

"ކުޅުންތެރިންނަށާއި ކްލަބްތަކަށް ހަދައިދީފައިވާ ޓެކްސް އެހީތައް ކަނޑާލަން ޖެހިދާނެ. ނޫނީ ކްލަބްތަކުން އެބަޖެހޭ ޒިންމާދާރުވާން. ގައުމީ ސަލާމަށް އިހުތިރާމް ނުކުރާނަމަ ކުޅުންތެރިންނަށް ކުޅެން ފުރުސަތު ދީގެން ނުވާނެ. ނޫނީ ސަރުކާރުން ލިބޭ އެހީތައް ގެއްލިދާނެ،" ޓްރަމަޕް ވިދާޅުވި އެވެ.

އެމެރިކަން ފުޓްބޯޅަ ކުޅޭ ކްލަބްތަކަށް އެމެރިކާ ސަރުކާރުން ހަމަޖައްސައިދީފައިވާ ޓެކްސް ލުއިތަކުގެ ސަބަބުން ކްލަބްތަކުން އަހަރަކު 100 މިލިއަން ޑޮލަރު ސަލާމަތްވެ އެވެ. އަދި ފައިސާގެ އެހީގެ ގޮތުގައި ލިބޭ ފައިސާ އިން ކުޅުންތެރިންނާއި ސްޓޭޑިއަމް ތަރައްގީ ކުރުމަށް ގިނަ ފަސޭހަތަކެއްވެ އެވެ.

ފަހަކަށް އައިސް އެމެރިކާގެ ގިނަ ކުޅިވަރު ތަރިންނާއި ޓްރަމްޕާ މެދު ވަނީ މައްސަލަ ޖެހިފަ އެވެ. އޭގެ ތެރޭގައި ބާސްކެޓްބޯޅަ ދެ ތަރިން ކަމަށްވާ ލެބްރަން ޖޭމްސް އާއި ސްޓެފެން ކަރީ ހިމެނެ އެވެ.