ލީގުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސައިކްލޯން އަށް

ގައުމީ 12 ވަނަ ބާސްކެޓްބޯޅަ ލީގުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސައިކްލޯން ބީސީ ހޯދައިފި އެވެ.


އެ ޓީމު މުބާރާތް ކާމިޔާބުކުރީ ކުޅުނު ހުރިހާ މެޗަކުން ވެސް މޮޅުވެގެންނެވެ. ދެ ވަނަ އަށް ދިޔައީ ޖިބިލީ ސްޕޯޓްސް ކްލަބެވެ. އެ ޓީމު ބަލިވީ ދެ މެޗުންނެވެ. އެއީ ސައިކްލޯންއާ ކުޅުނު ދެ މެޗެވެ. ތިން ވަނަ އަކީ ދެ މެޗުން މޮޅުވި ރެޑްވިންގްސް އެވެ. އެންމެ ފުލަށް ދިޔައީ ފުލިދޫ ޓީމެވެ.

ސައިކްލޯން ޗެމްޕިއަންކަން ކަށަވަރުކުރީ ފަހު މެޗުގައި ރޭ ޖިބިލީ އަތުން 70-38 ޕޮއިންޓުން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ސައިކްލޯންގެ ނަތާޝާ މިހަޓޮވިޗެވެ. އޭނާ ވަނީ 25 ޕޮއިންޓް އެއްކޮށްފަ އެވެ. ޖިބިލީ އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 10 ޕޮއިންޓާ އެކު އައިމިނަތު ޝިއުރާ އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރެޑްވިންގްސްގެ ޖެލެނާ ބުދްމީރެވެ. އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ޖިބިލީގެ ޝިއުރާ އާއި މަރިޔާ ރަޑޮވިޗާއި ސައިކްލޯންގެ ފާތިމަތު ރިޝްމާ އާއި ނަތާޝާ އަދި ރައިފާ އިބްރާހީމެވެ.