އިޓަލީ އަށް ވޯލްޑް ކަޕުން ޖާގަ ގެއްލިއްޖެ!

މިލާން (ނޮވެމްބަރު 13) – ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފުގެ ދެ ވަނަ ލެގުގައި މިރޭ ސްވިޑަންއާ ލަނޑެއް ނުޖެހި އެއްވަރުވެ، ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އިޓަލީ އަށް 1958 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ގެއްލިއްޖެ އެވެ.


ރަޝިއާގައި އަންނަ އަހަރު ބާއްވާ ވޯލްޑް ކަޕުން ސްވިޑަން ޖާގަ ހޯދީ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 1-0 އިން ކާމިޔާބުކޮށް ދެ ލެގުގެ އެގްރިގޭޓުން 1-0 އިން ކުރި ހޯދައިގެންނެވެ.

މިރޭގެ މެޗާ އެކު އިޓަލީގެ ކެޕްޓަން އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. އަންނަ އަހަރުގެ ވޯލްޑް ކަޕަށް ރިޓަޔާކުރަން ނިންމާފައިވީ ނަމަވެސް އެ ފުރުސަތު ގެއްލުމާ އެކު އޭނާ ވަނީ އަލްވަދާއު ކިޔައިފަ އެވެ.

މެޗަށް ފަހު ރޮވިފައި ހުރި ބުފޮން ބުނީ މިއީ އޭނާގެ ނަފްސަށް މައާފަށް ނޭދޭނެ ކަމަށާއި އެކަމަކު އިޓަލީގެ ފުޓްބޯޅަ ކިބައިން މައާފަށް އެދޭ ކަމަށެވެ. އަދި ޓީވީ ބަލަން ތިބި، އިޓަލީ އަށް ކުޅުމުގެ ހުވަފެން ދެކެމުން އަންނަ ކުދިންގެ ކުރިމަތީގައި ރޯން ބޭނުންނުވާ ކަމަށް ބުންޏެވެ. އެކަމަކު އިންޓަވިއުގެ ތެރެއިން ތިން ފަހަރެއްގެ މަތިން އޭނާ ގިސްލައި ރޯން ފެށި އެވެ.

އިޓަލީ ނެތުމަކީ ވޯލްޑް ކަޕަށް ލިބޭނެ އުނި ކަމެކެވެ. އެ ޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި އިރު އެންމެންނަށް ވަނީ ވަރަށް ބޮޑު މާޔޫސްކަމެއް ލިބިފަ އެވެ. އަދި އެ ޓީމުގައި ދުނިޔޭގެ ފެންވަރުގެ ގިނަ އަދަދެއްގެ ކުޅުންތެރިން ތިބެ އެ ކުޅުންތެރިން ނުފެނުމަކީ ވޯލްޑް ކަޕަށް ލިބޭނެ ފަނޑުކަމެކެވެ.

މީގެ 20 އަހަރު ކުރިން ވޯލްޑް ކަޕް ޕްލޭއޮފުގައި ރަޝިއާއާ ދެކޮޅަށް ފުރަތަމަ ފަހަރަށް އިޓަލީގެ ޖާޒީގައި ނުކުތް ބުފޮން ވަނީ އިޓަލީއާ އެކު 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އޭނާ އަކީ އިޓަލީ ސަޕޯޓަރުންގެ އިތުރުން މުޅި ދުނިޔޭގެ ފުޓްބޯޅަ އާއިލާގެ ލޯބި ލިބިފައިވާ ކުޅުންތެރިއެކެވެ. އުމުރުން 39 އަހަރުގައި އޭނާ ގައުމީ ޓީމާ ވަކިވީ 175 މެޗު ކުޅެދިނުމަށް ފަހު އެވެ.

މިރޭގެ މެޗާ އެކު އިޓަލީގެ ކޯޗު ޖިއަމްޕިއޭރޯ ވެންޗޫރާ އަދި ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ކާލޯ ޓަވެޗިއޯގެ އިސްތިއުފާ އަށް އަންނަނީ ގޮވަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ވެންޗޫރާ ވަނީ އިސްތިއުފާ ހުށަހަޅައިފަ އެވެ. މެދު ފަންތީގެ ކޯޗެއް ކަމަށްވާ ވެންޗޫރާއާ ޓީމު ހަވާލުކުރުމުން ވެސް ޓަވެޗިއޯއާ މެދު ގިނަ ބަޔަކު ތިބީ ހިތްހަމަނުޖެހިފަ އެވެ.

ވެންޗޫރާ ވަނީ މިރޭގެ މެޗުގައި، ބްރެޒިލަށް އުފަން ޖޯޖީނިއޯ އަށް ފުރުސަތު ދީފަ އެވެ. އޭނާ ދެއްކި މޮޅު ކުޅުމާ އެކު ގިނަ ބަޔަކު ވަނީ މިހާތަނަށް ވެސް އޭނާ ބޭނުންކޮށްފައިނުވާތީ ވެންޗޫރާއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މުޅި މެޗު އިޓަލީން ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް ގޯލެއް ޖެހުމުގައި ކާމިޔާބެއް ނުވި އެވެ. ސްވިޑަން އިން އޭރިއާ ތެރެ ގާޑުކޮށްފައި އޮތްއިރު، އަރިމަތިން ކުޅުނު އެންޓޯނިއޯ ކަންޑްރޭވާ އާއި މަޓެއޯ ޑާމައިން އަށް ރަނގަޅު ހުރަސްތަކެއް ނުނެގެ އެވެ. ފަހުން ސްޓެފަން އައް ޝާރަވީ އެރުމުން އެޓޭކްތައް ވަރުގަދަވި އެވެ. އެވަރުން ވެސް، އިޓަލީ ޓީމުގައި ހުރި އެންމެ އުފެއްދުންތެރި އެއް ކުޅުންތެރިއާ ލޮރެންޒޯ އިންސީނޭ ނާރުވަ އެވެ. ބެންޗުގައި ހުރި ތަޖުރިބާކާރު މިޑްފީލްޑަރު ޑެނިއަލް ޑި ރޮސީ ގާތު ވޯމްއަޕްކުރަން ދާން އެދުމުން އޭނާ ވެސް ވަނީ، އިންސީނޭ ނާރުވަނީ ކީއްވެތޯ އަހައިފަ އެވެ.

އަންނަ އަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ ދުނިޔޭގެ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތުން އިޓަލީ ނުފެންނާނެ ތިން ވަނަ ފަހަރަށެވެ. އެންމެ ފުރަތަމަ ބޭއްވި ވޯލްޑް ކަޕުގައި އިޓަލީން ބައިވެރިވެފައިނުވާއިރު، 1958 ވަނަ އަހަރު ކޮލިފައިނުވީ އެވެ. އިޓަލީ އަށް ހިތްދަތި ނަތީޖާއެއް މި ކުރިމަތިވީ 2006 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރި ފަހުން ޖެހިގެން އައި ދެ މުބާރާތުގެ ގްރޫޕް ސްޓޭޖުން ވެސް ކަޓާފައިވަނިކޮށެވެ.