ނިއު، އައިޒޯލް އަދި ބަންގްލަދޭޝް ޗެމްޕިއަން އެއް ގްރޫޕަކަށް

އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި އިންޑިއާގެ ލީގު ޗެމްޕިއަން އައިޒޯލް އެފްސީ އާއި ބަންގްލަދޭޝް ލީގު ޗެމްޕިއަން އަދި ސައުތު އޭޝިއާ ޕްލޭއޮފުން އަންނަ ޓީމަކާ އެއް ގްރޫޕެއްގައި ރާއްޖޭގެ ނިއު ރޭޑިއަންޓް ވާދަކުރަން ޖެހިއްޖެ އެވެ.


ލީގު ޗެމްޕިއަނުންގެ ހައިސިއްޔަތުން ނިއު އަށް މުބާރާތުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ލިބިފައިވާއިރު ރާއްޖޭން ދެން ވާދަކުރާ ޓީސީ ސްޕޯޓްސް ކްލަބަށް ފުރުސަތު ލިބުނީ ޕްރިލިމިނަރީ ބުރުންނެވެ. އެ ބުރުގައި އެ ޓީމު ކުޅޭނީ ބަންގްލަދޭޝްގެ ފެޑެރޭޝަން ކަޕް ޗެމްޕިއަނުންނާ އެވެ. ޕްރިލިމިނަރީ ބުރުގައި ޓީސީގެ ފުރަތަމަ ލެގު ޖެނުއަރީ 23 ގައި އޮންނައިރު ދެ ވަނަ ލެގު އޮންނާނީ ޖެނުއަރީ 30 ގަ އެވެ.

މި ބުރުން ކުރި ލިބިއްޖެ ނަމަ ޕްލޭއޮފުން ފުރުސަތު ލިބޭނެ އެވެ. ޕްލޭއޮފުގައި ބައްދަލުކުރާނީ އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީ އާއި ބޫޓާނުގެ ޓްރާންސްޕޯޓް ޔުނައިޓެޑް ކުޅެ ކުރި ހޯދާ ޓީމަކާ އެވެ. ޕްލޭއޮފުގެ ލެގުތައް އޮންނާނީ ފެބްރުއަރީ 13 އަދި ފެބްރުއަރީ 20 ވަނަ ދުވަހު އެވެ.

އަދި ޕްލޭއޮފް ބުރުން ކުރި ލިބިއްޖެ ނަމަ ވާދަކުރަން ޖެހޭނީ ނިއުއާ އެއް ގްރޫޕެއްގަ އެވެ. އެހެންވެ މި ގްރޫޕުގައި ރާއްޖޭގެ ދެ ޓީމު ނުވަތަ އިންޑިއާގެ ދެ ޓީމު ވާދަކުރަން ޖެހުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

ދެކުނު އޭޝިއާ އަށް ހާއްސަކޮށްފައިވާ ގްރޫޕުން މި ވަގުތު ނިއު އާއި އައިޒޯލް ޖާގަ ކަށަވަރުކޮށްފައިވީ ނަމަވެސް، އޭޝިއަން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން އައިޒޯލަށް ފުރުސަތު ލިބިއްޖެ ނަމަ އެ ޓީމުގެ ބަދަލުގައި މި ގްރޫޕަށް އަންނާނީ އިންޑިއާގެ ލީގުގެ ރަނަރަޕް މޯހަން ބަގާން އެވެ. ޗެމްޕިއަންސް ލީގުގެ ޕްލޭއޮފުގައި އައިޒޯލް ބައްދަލުކުރަނީ އީރާނުގެ ޒޮބް އަހާންއާ އެވެ.

ނިއު އާއި އައިޒޯލް އާއި ބަންގްލަދޭޝް ޗެމްޕިއަން އަދި ޕްލޭއޮފުން އަންނަ ޓީމެއް ގްރޫޕުގައި ވާދަކުރުމަށް ފަހު އެއް ވަނަ ޓީމަށް އިންޓަ ޒޯން ޕްލޭއޮފް ސެމީ ފައިނަލުން ފުރުސަތު ލިބޭނެ އެވެ.

އަދި ސެމީން ކުރި ލިބިއްޖެ ނަމަ އިންޓަ ޒޯން ޕްލޭއޮފް ފައިނަލަށް ދާނެ އެވެ. އޭގެން ކުރި ލިބިއްޖެ ނަމަ މުބާރާތުގެ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ވެސްޓް ޒޯނުން އެންމެ ކުރި ހޯދާ ޓީމަކާ އެވެ. އިންޓަ ޒޯނުން ދިޔަ ޓީމުތަކުގެ ތެރެއިން ބެންގަލޫރު ވަނީ މިދިޔަ އަހަރު އެ ޒޯނުގެ ފައިނަލުގައި (މުޅި މުބާރާތުގެ ސެމީ ފައިނަލް) ކުޅެފަ އެވެ.

މީގެ ކުރިން މުބާރާތުން ކުޅެމުން އައީ ޒޯންތައް ނުބަހައި އޭޝިއާގެ ހުރިހާ ޓީމެއް އެއް ފޯމެޓެއްގައި ހިމެނޭ ގޮތަށެވެ. އެގޮތަށް ކުޅުނު ފަހު އަހަރު ކަމަށްވާ 2016 ވަނަ އަހަރު ބެންގަލޫރުން ވަނީ ފައިނަލުގައި ކުޅެފަ އެވެ. އެއީ ދެކުނު އޭޝިއާގެ ޓީމެއް މުބާރާތުގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. އޭގެ ކުރިން އެ ރެކޯޑް އޮތީ 2005 ވަނަ އަހަރު މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުނު ނިއު އަތުގަ އެވެ. ނިއު އިން 2013 ވަނަ އަހަރު ކުއާޓާ ފައިނަލުގައި ކުޅުނުއިރު އެ ޓީމަކީ މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަ ހަމައެކަނި ދިވެހި ޓީމެވެ.

އޭއެފްސީ ކަޕުގައި އަލަށް ވާދަކުރި ނަމަވެސް މިއީ ޓީސީގެ ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތެއް ނޫނެވެ. އެ ޓީމު ވަނީ މި އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިޚް ކަމާލް ގޯލްޑް ކަޕުގައި ވާދަކޮށް އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.