ލިލީ އާއި ބިޗަޑް ވެސް ނިއުގައި މަޑުކޮށްފި

ނިއު ރޭޑިއަންޓުގެ އިތުބާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) އާއި ޒުވާން މިޑްފީލްޑަރު މިދުހަތު ފަހުމީ (ބިޗަޑް) އެ ކްލަބުގެ ކޮންޓްރެކްޓް އާކޮށްފި އެވެ.


މީގެ ކުރިން ނިއުގެ އަކްރަމް އަބްދުލްގަނީ އާއި ސްޕެއިން މިޑްފީލްޑަރު ކަންޑޭލާ ވެސް ވަނީ ކޮންޓްރެކްޓް އާކޮށްފަ އެވެ. އަދި ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮން ވެސް ބަހައްޓަން ކްލަބުން ވަނީ ނިންމައިފަ އެވެ.

ނިއު އިން އުރީދޫ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު ލިލީ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އަދި ބިޗަޑް ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ގިނަ މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ނިއު އިން 2009 ވަނަ އަހަރު ކެރިއަރު ފަށައި އެ ކްލަބަށް ގިނަ ދުވަސްތަކެއް ކުޅުމަށް ފަހު ލިލީ މިދިޔަ ސީޒަނުގައި ފެނުނީ ޓީސީ ސްޕޯޓްސް ކްލަބުންނެވެ. އެކަމަކު ގައުމީ ޓީމުގެ ވެސް ޑިފެންޑަރު ވަނީ މި އަހަރު އެނބުރި ނިއުއާ ގުޅިފަ އެވެ.

ބިޗަޑް ވަނީ 2013 ވަނަ އަހަރު ނިއު އަށް ކުޅެފަ އެވެ. އެކަމަކު ޖެހިގެން ދެ އަހަރު އުފަން ރަށު ޓީމު ކަމަށްވާ މަހިބަދޫ އިން ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު އެ ޓީމަށް ކުޅުނެވެ. އޭގެ ފަހުން އެ ޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވުމުން އޭނާ މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގައި ކުޅުނެވެ. މިދުހަތަކީ އެޓޭކިން މިޑްފީލްޑަރުގެ މަގާމަށް އަދި އަރިމަތިން ވެސް މޮޅަށް ކުޅޭ ކުޅުންތެރިޔެކެވެ.