ސިޓީގެ ރެކޯޑަށް ނިމުމެއް، ލިވަޕޫލް ދެ ވަނަ ބުރަށް

ލިވަޕޫލް (ޑިސެމްބަރު 7) - ޗެމްޕިއަންސް ލީގުގައި ރޭ ޝަހުތަރު ޑޮނެސްކް އަތުން 2-1 އިން ބަލިވެ މެންޗެސްޓާ ސިޓީ މި ސީޒަނުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑަށް ނިމުމެއް އައިއިރު، އަމިއްލަ ދަނޑުގައި ރަޝިއާގެ ސްޕާޓާ މޮސްކޯ އަތުން 7-0 އިން މޮޅުވެ، ލިވަޕޫލް މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.


ރޭގެ މެޗަށް ނުކުތްއިރު ވެސް ސިޓީ އަށް ވަނީ މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގައެއް ޔަގީންވެފަ އެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި އަންނަ އާދިއްތަ ދުވަހު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެން ޖެހޭ މެޗަށް ގިނަ ކުޅުންތެރިންނަށް އަރާމްކުރަން ފުރުސަތު ދިނުމަށް ފަހު ސިޓީން ރޭގެ މެޗަށް ނުކުތީ ގިނަ ބަދަލުތަކާ އެކު އެވެ.

ޝަހުތަރު މޮޅުވީ ފުރަތަމަ ހާފުގެ ގޯލުތަކާ އެކު އެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު ބާނާޑް ޖެހިއިރު، އަނެއް ގޯލު ކާމިޔާބުކުރީ އިސްމައިލީ އެވެ. ސިޓީގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ ޕެނަލްޓީ އަކުން ސާޖިއޯ އަގުއޭރޯ އެވެ.

ރޭގެ މެޗަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ޔޫރަޕްގައި ކޯޗުކޮށްދިން 100 ވަނަ މެޗެވެ. މި މެޗުން ބަލިވުމުން ސިޓީން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އައީ 28 މެޗަށް ފަހު އެވެ.

"ޝަހުތަރަށް މަރުހަބާ ކިޔަން. އެމީހުން ވަރަށް މޮޅަށް ކުޅެފި. ފުރަތަމަ ގޯލު ވަރަށް މޮޅު. އެކަމަކު ދެ ވަނަ ގޯލުގައި އަހަރެެމެންގެ ޑިފެންސުގެ މައްސަލަ ފެނުނު. ބަލިވުމުގެ ޒިންމާ އަހަރެން ނަގަން. އެއީ މި މެޗުން ހާސިލްވާނެ އެއްޗެއް ނެތުމުން އަހަރެން ނެގީ އާންމުކޮށް ޓީމުން ފުރުސަތު ނުލިބޭ ކުޅުންތެރިން ހިމެނޭ ޓީމެއް،" ގާޑިއޯލާ ބުންޏެވެ.

ގްރޫޕް އެފް އިން މުބާރާތުގެ ފުރަތަމަ ޖާގަ ސިޓީން ހޯދީ 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގެ ގޮތުގައި ޝަހުތަރު އަނެއް ބުރަށް ދިޔައީ 12 ޕޮއިންޓް ހަމަކޮށްގެންނެވެ. ތިން ވަނަ ދިޔަ ނަޕޯލީ ރޭ ކުޅުނު މެޗުން ފެޔަނޫޑް އަތުން ވަނީ 2-1 އިން ބަލިވެފަ އެވެ. ނަޕޯލީގެ ހަ ޕޮއިންޓް އޮތްއިރު، ފެޔަނޫޑަށް ލިބުނީ ތިން ޕޮއިންޓެވެ.

ރޭގެ މެޗުން ޕޮއިންޓެއް ހޯދައިގެން އަނެއް ބުރަށް ދެވެން އޮތް ނަމަވެސް ލިވަޕޫލް ވަނީ ސްޕާޓާ ކޮޅަށް ހަތް ގޯލު ޖަހައިފަ އެވެ. މިއީ 2009 ވަނަ އަހަރުގެ ފަހުން ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ލިވަޕޫލް ކުޅޭ ފުރަތަމަ ފަހަރެވެ.

ގްރޫޕް އީގެ އެއް ވަނަ ލިވަޕޫލުން ހޯދީ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ ރޭ މަރިބޯއާ 1-1 އިން އެއްވަރުވި ސެވިއްޔާ އެވެ. ސެވިއްޔާ އަށް ވަނީ 9 ޕޮއިންޓް ލިބިފަ އެވެ. ސްޕާޓާ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، މަރިބޯ އަށް ލިބުނީ ތިން ޕޮއިންޓެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ފިލިއްޕޭ ކުޓީނިއޯ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އަނެއް ހަތަރު ގޯލުގެ ތެެރެއިން ދެ ލަނޑު ޖެހީ ސަޑިއޯ މާނޭ އެވެ. ދެން ލަނޑު ޖެހީ ރޮބާޓޯ ފިރްމީނޯ އާއި މުހައްމަދު ސަލާހު އެވެ.

ލިވަޕޫލް އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު ދެ ފަހަރު ވެސް ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މި ފަހަރު ލިވަޕޫލް މުބާރާތުގެ ދެ ވަނަ ބުރުން ޖާގަ ހޯދުމާ އެކު ދެ ވަނަ ބުރުގައި ފުރަތަމަ ފަހަރަށް އިނގިރޭސި ފަސް ޓީމު ވާދަކުރާނެ އެވެ. އެއީ ލިވަޕޫލްގެ އިތުރުން ސިޓީ، މެންޗެސްޓާ ޔުނައިޓެޑް، ޓޮޓެންހަމް އަދި ޗެލްސީ އެވެ.