ރޮނާލްޑޯގެ ރެކޯޑް ގޯލާ އެކު ރެއާލަށް މޮޅެއް

މެޑްރިޑް (ޑިސެމްބަރު 7) - ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑް 3-2 އިން ބޮރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް ކުރިހޯދިއިރު، ރޭގެ މެޗުގައި ރެއާލުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ގޯލާ އެކު ޗެމްޕިއަންސް ލީގުގައި އޭނާ އާ ރެކޯޑެއް ގާއިމުކޮށްފި އެވެ.


ރޮނާލްޑޯ ރެކޯޑް ހެދީ ގްރޫޕް ސްޓޭޖުގެ ހަ މެޗުގައި ވެސް ލަނޑު ޖަހައިގެންނެވެ. ރޭގެ މެޗުގައި ޑޯޓްމަންޑް ކޮޅަށް ރޮނާލްޑޯ ޖެހި ގޯލަކީ މި ފަހަރުގެ މުބާރާތުގައި އޭނާ ކާމިޔާބުކުރީ ނުވަ ވަނަ ލަނޑެވެ.

އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މި ފަހަރުގެ މުބާރާތުގެ ދެ ވަނަ ބުރުން ޖާގަހޯދީ ގްރޫޕް އެޗްގެ ދެ ވަަނަ ޓީމުގެ ގޮތުގަ އެވެ. މި ގްރޫޕްގެ އެއް ވަަނަ ދިޔައީ ރޭ އަޕޮއެލް އަތުން 3-0 އިން މޮޅުވި ޓޮޓެންހަމް ހޮޓްސްޕާސް އެވެ. ޓޮޓެންހަމް އަށް 16 ޕޮއިންޓް ލިބުނުއިރު، ރެއާލްގެ އޮތީ 13 ޕޮއިންޓެވެ. ތިން ވަނަައިގައި އޮތް ޑޯޓްމަންޑާއި ފުލުގައި އޮތް އަޕޮއެލްގެ އޮތީ ދެ ޕޮއިންޓެވެ.

ރޭގެ މެޗުގެ ފުރަތަމަ 12 މިނިޓް ތެރޭ ރެއާލުން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ގޯލު ބޯހާ މަޔޮރާލް ޖެހިއިރު، ލީޑުފުޅާކޮށްދިނީ ރޮނާލްޑޯ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިންނާއި ދެ ވަނަ ހާފް ފެށުނުތަނުން ޑޯޓްމަންޑުގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަންގް ޖެހި ދެ ގޯލާ އެކު މެޗުގެ ނަތީޖާ ވަނީ ހަމަހަމަވެފަ އެވެ. މެޗު ނިމެން ނުވަ މިނިޓަށް ވެފައި ހުއްޓައި ރެއާލް މޮޅުކޮށްދިން ގޯލު ޖެހީ ލޫކަސް ވަޒްކޭޒް އެވެ.

އަންނަ ހޯމަ ދުވަހު އޮންނަ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ގުރުއަތުލުމުގައި ރެއާލާ ޖެހޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އިނގިރޭސި ޓީމަކާ އެވެ.

ގްރޫޕް ޖީ އިން ރޭގެ މެޗުތަކަށް ފަހު ބެސިކްޓާސް އާއި ޕޯޓޯ ވަނީ މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަތައް ހޯދައިފަ އެވެ. ރޭ އާރްބީ ލިޕްޒިގު އަތުން 2-1 އިން މޮޅުވި ބެސިކްޓާސް 14 ޕޮއިންޓާ އެކު ގްރޫޕްގެ އެއް ވަނައިގައި އޮތްއިރު، ދެ ވަނަ އަށް ދިޔަ ޕޯޓޯ އަށް ލިބުނީ 10 ޕޮއިންޓެވެ. އެ ޓީމު ވަނީ ރޭ މޮނާކޯގެ މައްޗަށް 5-2 އިން ކުރިހޯދައިފަ އެވެ.

މި ގްރޫޕްގެ ތިން ވަނަ ދިޔަ ޖަރުމަނުގެ ލިޕްޒިގަށް ހަތް ޕޮއިންޓް ލިބުނުއިރު، މިއީ އެ ޓީމުން މި މުބާރާތުގައި ކުޅުނު ފުރަތަމަ ފަހަރެވެ. އެ ޓީމު ދެން ވާދަކުރާނީ ޔޫރޮޕާ ލީގުގަ އެވެ. ގްރޫޕުގެ އެންމެ ފުލަށް ދިޔަ މޮނާކޯގެ އޮތީ ދެ ޕޮއިންޓެވެ.