ރެއާލުގެ ބޯޑުން ކްލޮޕަށް ޝައުގުވެރިވެއްޖެ

މެޑްރިޑް (ޖެނުއަރީ 12) - ރެއާލް މެޑްރިޑްގެ ކޯޗު ޒިނެދިން ޒިދާންގެ މުސްތަގުބަލާ ގުޅޭގޮތުން ވާހަކަދައްކަން އެ ކްލަބްގެ ބޯޑު މެމްބަރުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕާ އެ ޓީމު ހަވާލުކުރުމުގެ ވާހަކަތަކެއް ދެކެވިފައިވާ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.


ސްޕެނިޝް ލީގު ދިފާއުކުރުމުގެ ފުރުސަތު ރެއާލަށް ވަނީ ވަރަށް ބޮޑަށް ހަނިވެފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އާއި ރެއާލާ ދެމެދު 16 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ރެއާލް އެއް މެޗު މަދުން ކުޅެފައި އޮތް ނަމަވެސް އެ މެޗުން ރެއާލް މޮޅުވި ނަމަވެސް 13 ޕޮއިންޓުގެ ފަރަގެއް އޮންނާނެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ސީޒަން ފެށުމުގެ ކުރިން ރެއާލުގެ ޓްރާންސްފާ ކަންތައްތަކާ މެދު ޒިދާން ހުރީ ހިތްހަމަ ނުޖެހިފަ އެވެ. އެއީ އަލްވާރޯ މޮރާޓާ ވިއްކާލަން ޒިދާން ރުހުން ދިނީ ބަދަލުގައި ފްރާންސްގެ ފޯވާޑް ކިލިއަން އެމްބާޕޭ ހޯދާނެ ކަމުގެ ޔަގީންކަން ރެއާލުން ދިނުމުންނެވެ. އެހެން ނަމަވެސް އެމްބާޕޭ ބަދަލުވީ ޕީއެސްޖީ އަށެވެ. ދެން ޒިދާން އެދުނީ ޗެލްސީގެ މިޑްފީލްޑަރު އެޑެން ހަޒާޑް ހޯދުމަށެވެ. އެހެން ނަމަވެސް ހަޒާޑް އެ ވަގުތު އަނިޔާގައި ހުރުމުން ރެއާލުން ބިޑެއް ނުކުރެ އެވެ.

ރިޕޯޓްތައް ބުނާގޮތުން މި މަހުގެ ޓްރާންސްފާ މާކެޓްގައި ވެސް ރެއާލުން ކުޅުންތެރިއަކު ގެންނަން މަސައްކަތް ނުކުރަނީ ޒިދާން ވަކި ޓާގެޓްތަކެއް ކަނޑައަޅާފައި ނެތުމުންނެވެ. ޒިދާންގެ ވިސްނުން ހުރީ މި ސީޒަނަށް ފަހު ހަޒާޑްގެ އިތުރުން ޓޮޓެންހަމް ހޮޓްސްޕާސްގެ ފޯވާޑް ހެރީ ކޭން ގަތުމަށެވެ.

އެހެން ނަމަވެސް ޗެމްޕިއަންސް ލީގުގައި ޒިދާނަށް އެދެވޭ ނަތީޖާއެއް ނުނެރެވިއްޖެނަމަ އޭނާ އަށް ރެއާލުގެ ކޯޗުކަން ގެއްލުމުގެ ފުރުސަތު ބޮޑެވެ. އެއީ ދެން ރެއާލާ ހަވާލުވާނެ ކޯޗަކާ ގުޅޭގޮތުން ރެއާލުގެ ބޯޑު މެމްބަރުން މަޝްވަރާކޮށްފައިވާތީ އެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއާލުގެ ފުރަތަމަ ޓާގެޓަކީ ކްލޮޕް އެވެ. އެހެން ނަމަވެސް ކްލޮޕް ނުލިބިއްޖެނަމަ ދެން ރެއާލުގެ ވިސްނުންހުރީ ބާސެލޯނާގެ ކުރީގެ ކޯޗު ލުއިސް އެންރީކޭ ނޫނީ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ހުށަހެޅުމަށެވެ.

ދާދި ފަހުން މީޑިއާގައި ވާހަކަ ދައްކަމުން ކްލޮޕް ވަނީ ލިވަޕޫލްގައި ހުރެ އޭނާ ކޯޗިން އިން ރިޓަޔާކޮށްފާނެ ކަމުގެ އިޝާާރާތެއް ދީފަ އެވެ. އެހެން ނަމަވެސް ލިވަޕޫލްގެ ކުރީގެ ތަރި ޖޭމީ ރެޑްނެޕް ސްކައި ސްޕޯޓްސްގައި ވާހަކަ ދައްކަމުން ބުނީ ލިވަޕޫލްގެ ވެރިން ކްލޮޕް ބޭނުންވާ ގޮތަކަށް ކަންތައްތައް ފުރިހަމަ ނުކޮށްދޭނަމަ އޭނާ އެހެން ކްލަބަކުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ.