ކުޑައްޓޭ މަޑުކޮށް ވެލެންސިއާ އަށް އިތުރު ކުޅުންތެރިންތަކެއް

އަންނަ ސީޒަނަށް ކްލަބް ވެލެންސިއާ ވަރުގަދަ ކުރުމުގެ ގޮތުން ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) ގެ ކޮންޓްރެކްޓް އާކޮށް އިތުރު ހަތަރު ކުޅުންތެރިޔަކު ގެނެސްފި އެވެ.


ވެލެންސިއާ އިން ގެނައީ އެ ޓީމުގެ ކުރީގެ ކެޕްޓަން މުހައްމަދު އިމްރާނާއި ކްލަބް އީގަލްސްގެ ފޯވާޑް އަންސަރު އިބްރާހިމް (އަންކޮ) އާއި މާޒިޔާގެ އިބްރާހިމް ހަސީބާއި ނިއު ރޭޑިއަންޓުގެ މުހައްމަދު ކަރަމް އެވެ.

ވެލެންސިއާގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ އިމްރާން މިދިޔަ ސީޒަނުގައި ފެނުނީ ގދ. ތިނަދޫ ޓީމުންނެވެ. އިންޓަ ސްކޫލް މުބާރާތުގައި އަރަބިއްޔާ ޓީމުން ވިދާލި އަންކޮ އަކީ އުއްމީދީ ފޯވާޑެކެވެ. ކްލަބް އީގަލްސް އަށް ކުޅުމަށް ފަހު އޭނާ މިދިޔަ ސީޒަނުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުޅުނީ ތިނަދޫ އަށެވެ. އޭނާ ވަނީ 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ.

މާޒިޔާގެ ހަސީބާއި ނިއުގެ ކަރަމް އަށް އެ ދެ ޓީމުން ވެސް މާގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެ އެވެ. އެކަމަކު ހުނަރުވެރި އެ ދެ ކުޅުންތެރިންނާ މެދު ކޯޗުން ބޮޑު އުއްމީދެއް ކުރެ އެވެ.

ކުޑައްޓޭ ވެލެންސިއާގެ ކޮންޓްރެކްޓް އާކުރިއިރު އޭނާ އަކީ އެ ޓީމުގެ އެންމެ ސީނިއާ އެއް ކުޅުންތެރިޔާ އެވެ. ނިއު އިން ކެރިއަރު ފަށައި ވިކްޓަރީ އަށް ވެސް ކުޅެފައިވާ ކުޑައްޓޭ އަކީ މެދުތެރެ އަށާއި ޑިފެންސަށް ވެސް އެއް ފެންވަރަކަށް ކުޅެވޭ ކުޅުންތެރިޔެކެވެ. ބ. އޭދަފުށްޓަށް އުފަން ކުޑައްޓޭ ވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެ ކާމިޔާބުކުރިއިރު ހުރިހާ މެޗެއްގެ ފުރަތަމަ އެގާރައިގައި ހިމެނިފަ އެވެ.

ވެލެންސިއާ ދޫކޮށް ދިޔަ ކުޅުންތެރިޔަކީ ނިއު ރޭޑިއަންޓަށް ބަދަލުވެފައިވާ ގޯލްކީޕަރު މުހައްމަދު ފައިސަލާއި ފުލްބެކް ހިޝާމް ސަލީމް (ކޮކީ) އެވެ. މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ކްލަބް ގްރީންސްޓްރީޓްސް އަށް ބަދަލުވި ކެޕްޓަން އަހުމަދު ޝާފިއު އަދި ވަކި ގޮތެއް ނިންމިކަން އިއުލާނެއް ނުކުރެ އެވެ.

ދިވެހި ފުޓްބޯޅައިގެ ގަދަބާރު ވެލެންސިއާ އަކީ ދެހާހުގެ އަހަރުތަކުގެ ކުރީކޮޅު ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ޓީމެވެ. ކުރީގެ ވެލެންސިއާ ގެއްލިފައިވާއިރު 2016 ވަނަ އަހަރު އެފްއޭ ކަޕް ކާމިޔާބުކުރުމާ އެކު އެ ޓީމު އެނބުރި އަންނާނެ ކަމަށް ބެލެވުނެވެ. އެކަމަކު މިދިޔަ އަހަރު އޭއެފްސީ ކަޕުގައި ވެސް ވާދަކުރި ނަމަވެސް ޕްލޭއޮފުން ކެޓީ އެވެ. އަދި އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ފުރުސަތު ނުލިބުމުން ރާއްޖޭގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ޕްރިމިއާ ލީގުން ޖާގައެއް ނުލިބި ސީޒަން ނިންމާލަން ޖެހުނީ އެވެ.