މެޑްރިޑާ ގުޅުވައިގެން ދައްކާ ވާހަކަތަަކަކީ ދޮގެއް: ސަލާހު

ލިވަޕޫލް (ޖެނުއަރީ 13) - ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ގުޅުވައިގެން މީޑިއާގައި ދައްކަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ލިވަޕޫލަށް ކުޅޭ މިސްރުގެ މިޑްފީލްޑަރު މުހައްމަދު ސަލާހު ބުނެފި އެވެ.


މި ސީޒަނުގައި 35 މިލިއަން ޕައުންޑަށް ލިވަޕޫލަށް ބަދަލުވުމަށް ފަހު ސަލާހު އަންނަނީ އެ ޓީމަށް ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް ލިވަޕޫލަށް 23 ލަނޑު ޖަހައިދީފަ އެވެ. އުމުރުން 25 އަހަރުގެ ސަލާހު ހޯދަން ރެއާލުން މަސައްކަތް ފަށާފައިވާ ކަމަށް ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާއިރު، ދާދި ފަހުން ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ވެސް ވަނީ ސަލާހަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.

ސްކައި އިޓަލީގެ ނޫސްވެރިޔާ ޖިއާންލޫކާ މާޒިއޯ ރިޕޯޓްކުރާ ގޮތުގައި އަންނަ ސީޒަނުގައި ރެއާލުގެ އެއް ނަމްބަރު ޓާގެޓަކީ ސަލާހެވެ.

"އަހަރެން އަޑުއެހިން މީޑިއާގައި އަހަރެންނާ ގުޅުވައިގެން ދައްކާ ވާހަކަތައް. އެ ވާހަކަތަކުގައި ހަގީގަތެއް ނެތް. ލިވަޕޫލްގައި އަހަރެން މިހުރީ އުފަލުން. ލިވަޕޫލުން އަހަންނާ މެދު ކަންތައް ކުރަނީ ވަރަށް ރަނގަޅަށް. ކްލަބް ބަދަލުކުރުމުގެ ވިސްނުމެއް ނެތް،" ސޮކަ ލަޑޫމާ އަށް ދިން އިންޓަވިއުއެއްގައި ސަލާހު ބުންޏެވެ.

މިސްރުގެ ކޯޗު ހެކްޓަ ކޫޕަ ދާދި ފަހުން އެ ގައުމުގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ބުނީ ރެއާލު ކުޅޭ ސިސްޓަމަށް މިހާރު އެންމެ ބޭނުންވަނީ ސަލާހު ކަހަލަ ކުޅުންތެރިޔެއް ކަމަށާއި އޭނާ އަށް އެ ޓީމުގައި ތަފާތު ދެއްކޭނެ ކަމަށެވެ.

ބީބީސީ އާއި އެފްރިކާގެ މައި ފުޓްބޯޅަ އިދާރާއިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސަލާހު އަކީ މި ސީޒަނުގައި މި ވަގުތު ޔޫރަޕްގައި އެންމެ ރަނގަޅު ފޯމެއްގައި ހުރި ކުޅުންތެރިޔާ އެވެ. އަނިޔާގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި ކުޅުމާ ދުރުގައި ހުރި ނަމަވެސް އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެކޮޅަށް ލިވަޕޫލް މާދަމާރޭ ކުޅޭ މެޗުގައި ސަލާހު ކުޅޭނެ ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ވަނީ ބުނެފަ އެވެ.