އަހަންނަށް އެކަނިމާއެކަނި ކޭން ނުހުއްޓުވޭނެ: ކިއެލީނީ

ޓިއުރިން (ފެބްރުއަރީ 13) – ޓޮޓެންހަމް ހޮޓްސްޕާސްގެ އިނގިރޭސި ފޯވާޑް ހެރީ ކޭން، އެކަނިމާއެކަނި ނުހުއްޓުވޭނެ ކަމަށް ޗެމްޕިއަންސް ލީގުގައި މިރޭ އެ ޓީމާ ދެކޮޅަށް ނުކުންނަ ޔުވެންޓަސްގެ ޑިފެންޑަރު ޖިއޯޖިއޯ ކިއެލީނީ ބުނެފި އެވެ.


މުބާރާތުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގު މިރޭ ޔުވެންޓަސްގެ ސްޓޭޑިއަމުގައި ކުޅޭއިރު ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓިފައިވަނީ މި ވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ފޯވާޑް ކޭން އާއި ޔުވެންޓަސްގެ ވަރުގަދަ ޑިފެންސް ލައިނުގެ ކުރިމަތިލުމަށެވެ.

ކޭން ވަނީ އޭނާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި، ކިއެލީނީގެ ހަމަލައެއް އަމާޒުވި ހަނދާންވާ ކަމަށް ބުނެފަ އެވެ.

"އަހަރެން މާބޮޑަށް އެކަމެއް ހަނދާނެއް ނެތް އެކަމަކު ޓިއުރިން ގައި ކުޅުނު މެޗު ހަނދާންވޭ،" ކިއެލީނީ ބުންޏެވެ. "އޭނާ އަކީ ޔަގީނުން ވެސް މޮޅު ފޯވާޑެއް. އެކަމަކު އެ ޓެކްލް އަހަރެން ޖެހީ ގަސްދަކު ނޫން."

ކިއެލީނީ ބުނީ އޭނާގެ ނަޒަރުގައި އޭރު ވެސް ކޭން ހުރީ މޮޅު ފޯވާޑެއްގެ ގޮތުގައި ކަމަށާއި އޭރު ވެސް އޭނާއާ ބެހޭގޮތުން މީހުން ވަރަށް ގިނައިން ވާހަކަ ދެއްކި ކަމަށެވެ.

"އަހަންނަށް އޭނާ ވަޒަންކުރެވުނީ ރަނގަޅަށް. ސަބަބަކީ އެ މެޗުގައި ވެސް އަހަރެން ނިންމައިފިން އޭނާ އަކީ ވަރަށް މޮޅު ފޯވާޑެއް ކަމަށް. އަދި މިހާރު އޭނާ އެ ހުރީ ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިޔަކަށް ވެފައި،" ކިއެލީނީ ބުންޏެވެ.

"އަހަރެން ދެކޭ ގޮތުގައި އަހަރެން އެކަނި، ވަން އޮން ވަންކޮށް ކޭން ހުއްޓުވުމަކީ ޔަގީނާ ގާތަށް ނުވާނެ ކަމެއް. އަހަންނަކީ އެހާ ބޮޑާ މީހެއް ނޫން."

ކިއެލީނީ ބުނީ އޭނާ އުއްމީދުކުރަނީ ޓީމެއްގެ ގޮތުގައި ޔުވެންޓަސް އަށް ޓޮޓެންހަމް ހުއްޓޭވެނެ ގޮތް ވުން ކަމަށެވެ. އޭނާ ބުނީ އެއް ކުޅުންތެރިޔަކު ވެގެން އެންމެ މުހިއްމު ކުޅުންތެރިޔަކު ހުއްޓުވުމަކީ ވެސް މުހިއްމު ކަމެއް ކަމަށާއި އެކަމަކު މުޅި ޓީމުން، އެންމެ މޮޅު ކުޅުން ދައްކައިގެން ހުއްޓުވަން ޖެހޭނީ ހަމައެކަނި ކޭން ނޫން ކަމަށެވެ.

"އަހަރެމެން ވިސްނައިގެން ނުވާނެ ކޭން އަކީ ހަމައެކަނި ޓޮޓެންހަމް ކަމަށް. މުޅި ޓީމާ މެދު ވިސްނަން ޖެހޭނީ. މާދަމާ (މިރޭ) ގެ މެޗު ވެގެންދާނީ ވަރަށް އުނދަގޫ މެޗަކަށް. މިއީ ނޮކްއައުޓް ބުރު، އަހަރެމެން މިތިބީ ކުޅޭ ހިތުން ކެތްނުލަވާފައި،" ކިއެލީނީ ބުންޏެވެ.

ކިއެލީނީ ބުނީ އެންމެ ބޮޑަށް ސަމާލުކަންދޭނީ ބައިކޮޅަށް ލަނޑެއް ވައްދާނުލާ މެޗު ނިންމާލުމަށް ކަމަށާއި އެކަމަކު ޓޮޓެންހަމަކީ ވަރަށް ގިނައިން ލަނޑު ޖަހާ ޓީމަކަށް ވާތީ އެއީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.

ޔުވެންޓަސްގެ ޑިފެންސް ފަހަކަށް އައިސް އަނެއްކާ ވެސް ފެންނަނީ ވަރަށް ވަރުގަދަކޮށެވެ. އެންމެ ފަހުން ކުޅުނު ހަތް މެޗުގައި ވެސް އެ ޓީމު ކޮޅަށް ގޯލެއް ނުވަދެ އެވެ.

ޔުވެންޓަސްގެ ސްޓޭޑިއަމުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.