މެސީ ނުހުއްޓުވޭނެ: މޮރާޓާ

ލަންޑަން (ފެބްރުއަރީ 13) – ބާސެލޯނާގެ ލިއޮނަލް މެސީ ނުހުއްޓުވޭނެ ކަމަށް ބުނެ ޗެމްޕިއަންސް ލީގުގައި އެ ޓީމާ ދެކޮޅަށް ކުޅޭ ޗެލްސީގެ ކުޅުންތެރިންނަށް އެ ޓީމުގެ ފޯވާޑް އަލްވާރޯ މޮރާޓާ އިންޒާރެއް ދީފި އެވެ.


މުބާރާތުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ޗެލްސީ އާއި ބާސެލޯނާ އަންނަ ހަފުތާގައި ބައްދަލުކުރާނެ އެވެ. ބާސެލޯނާގެ އެންމެ މުހިއްމު ކުޅުންތެރިޔާ މެސީ އަށް މިހާތަނަށް ޗެލްސީ ކޮޅަށް ލަނޑެއް ޖެހިފައެއް ނުވެ އެވެ.

އެކަމަކު މި ވަގުތު ހުރިހާ ގޮތަކުން ބަލާއިރު ވެސް މި މެޗުގެ ފޭވަރިޓަކީ ބާސެލޯނާ އެވެ. ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތީ މެޗަކުން ބަލިނުވެ އެވެ. އަދި އެ ޓީމު ވަނީ ސްޕެނިޝް ކަޕުގެ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އަނެއްކޮޅުން ޗެލްސީ އޮތީ ފޯމް ދަށްވެފަ އެވެ.

ކުރިން ރެއާލް މެޑްރިޑަށް ކުޅުނު މޮރާޓާ ބުނީ މެސީ ހުއްޓުވަން ހަދައިގެން އޭނާގެ ޓީމަށް ކުރިމަތިވީ ބޮޑު ޗެލެންޖެއް ކަމަށެވެ.

"މެސީ އަކީ ހުއްޓުވޭނެ ކުޅުންތެރިޔެއް ނޫން،" މޮރާޓާ ބުންޏެވެ." އަހަރެމެންނަށް ރަނގަޅު ނަތީޖާއެއް ލިބޭ ނަމަ ޖެހޭނީ ޑިފެންސިވް ގޭމެއް ކުޅެން އަދި ހުސް ޖާގަތަކަށް ކައުންޓާ އެޓޭކްތަކުން ވީހާ ވެސް ބޮޑަށް ނުރައްކާކުރަން."

ރެއާލް މެޑްރިޑާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް އަދި ޔުވެންޓަސްއާ އެކު މުބާރާތުގެ ފައިނަލުގައި ކުޅެފައިވާ މޮރާޓާ އަށް ޗެލްސީގައި އެންމެ އެކަށީގެންވާ ކުޅުމެއް އަދި ނުދެއްކެ އެވެ. އެކަމަކު އޭނާގެ ޔޫރަޕުގެ ތަޖުރިބާ ޗެލްސީ އަށް މުހިއްމުވާނެ އެވެ.