އިންޑިއާގެ މަޝްހޫރު ދުވުންތެރިޔެއްގެ ވޯކްޝޮޕެއް މާލޭގައި ބާއްވަނީ

ދިގު ރާސްތާ ދުވުމުގައި މުޅި އިންޑިއާގައި ވެސް ފާހަގަކޮށްލެވޭ ތަޖުރިބާކާރެއް ކަމަށްވާ އަޝޯކް ނާތު ރާއްޖޭގައި ދުވުމާ ގުޅޭ ހާއްސަ ވޯކްޝޮޕެއް މި މަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.


މި މަހުގެ 23 އަދި 24 ގައި ހުޅުމާލޭގައި ބާއްވާ މި ޕްރޮގްރާމް ހާއްސަކޮށްފައިވާ ކޯޗުންނާއި ކަސްރަތަށް ދުވާ އާއްމު ދުވުންތެރިންނަށެވެ.

ވޯކްޝޮޕް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަލީ ޚާލިދު ބުނީ މީގެ ބޭނުމަކީ ރާއްޖޭގައި ދުވުން ވަރަށް ބޮޑަށް އާލާވަމުން އަންނައިރު އެކަން އެންމެ ރަނގަޅު ގޮތުގައި ކުރަން ދަސްކޮށްދިނުން ކަމަށެވެ. ދިގު ރާސްތާ ދުވުންތަކަށް އަމިއްލަ ގޮތުން ތަމްރީން ހަދަމުން އަންނަ އަލީ ބުނީ ދުވުމަކީ އެންމެ ފަސޭހައިން ކުރެވޭ އެއް ކަސްރަތަށްވީ ނަމަވެސް އެކަމުގައި ވެސް ވަރަށް ގިނަ ޓެކްނީކްސްތައް ހުންނަ ކަމަށެވެ.

"މިސާލަކަށް ޕާފޯމަންސް ރަނގަޅުކުރާނެ ގޮތްތަކާއި ވީހާ ވެސް ވަރުބަލިކަން ކުޑަގޮތަކަށް ދުވާނެ ގޮތްތައް އެބަ ޖެހޭ އެނގެން. މީގެ އިތުރުން އަތް ބަހައްޓަން ޖެހޭ ގޮތާއި ދުވާއިރު ހަށިގަނޑު ބަހައްޓަން ޖެހޭ ގޮތް މިއީ ވެސް ވަރަށް މުހިއްމު ކަންކަން. އިންޖަރީ ނުވެ ގިނަ ދުވަހު ދުމުވުމުގައި ދެމި ހުރެވޭނީ މިފަދަ ކަންކަމަށް ވިސްނައިގެން،" އަލީ ބުންޏެވެ.

ޕްރެކްޓިކަލް ސެޝަންތައް ހިމެނޭ މި ވޯކްޝޮޕުގައި ބައިވެރިވެވޭނީ 265 ޑޮލަރު (4086ރ.) ގެ ފީއެއް ދައްކައިގެންނެވެ. އަލީ ފާހަގަކުރި ގޮތުގައި ދުވުމަށް ލޯބިކުރާ ފަރާތްތަކުން ދުވާ ކިޓްތަކަށް ވެސް ހޭދަކުރާ ފަދައިން ދުވުމުގެ ކަންކަން ދަސްކުރަން ވެސް އިންވެސްޓްކުރަން ޖެހޭ ކަމަށެވެ.

މި ވޯކްޝޮޕުގައި ކިޔަވައިދޭ އަޝޯކް ނާތަކީ ދެކުނު އެފްރިކާގައި ބާއްވާ 89 ކިލޯމީޓަރުގެ ކޮމްރޭޑްސް އަލްޓްރާ މެރެތަން އެންމެ އަވަހަށް ފުރިހަމަ ކުރި އިންޑިއާ ދުވުންތެރިޔާ އެވެ. އޭނާ ވަނީ އުމުރުން 50 އަހަރުގައި 2013 ވަނަ އަހަރު ބޮސްޓަން މެރެތަންގައި، ތިން ގަޑިއިރަށް ވުރެ އަވަހަށް ދުވެފަ އެވެ.

ޕްރޮފެޝަނަލް ނޫން ދުވުންތެރިންގެ އޮލިމްޕިކްސްގެ ގޮތުގައި މަޝްހޫރުވެފައިވާ ބޮސްޓަން މެރެތަން އަށް ޖެހިޖެހިގެން ނުވަ އަހަރު ކޮލިފައިވެފައިވާ އަޝޯކް ވަނީ މުމްބާއީ މެރެތަންގެ ވެޓްރަންސް މެރެތަން ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ.

"ދުވުމުގެ އިތުރުން އިންޑިއާގެ އެކި ހިސާބުތަކުގައި މިފަދަ އެތައް ވޯކްޝޮޕްތަކެއް އޭނާ ވަނީ ހިންގާފައި. ދުވުމުގެ ސްކިލްސްތަކާއި ފޯމް އަދި ތަމްރީންތަކާ ގުޅޭ ވަރަށް ގިނަ ކަންކަން އެނގިގެންދާނެ،" އަލީ ބުންޏެވެ.

ވޯކްޝޮޕުގައި ބައިވެރިވުމަށް: 7787122