ފިސްތޯލަ ހިފައިގެން އެރި މައްސަލައިގައި ގްރީސް ލީގު ސަސްޕެންޑްކޮށްފި

އެތަންސް، ގްރީސް (މާޗް 12) - ގްރީސްގެ ސަރުކާރުން އެންގުމާ އެކު އެ ގައުމުގެ ފުރަތަަމަ ޑިވިޝަންގެ ފުޓްބޯޅަ ލީގު ކަމަށްވާ ސުޕަ ލީގު ސަސްޕެންޑް ކުރުމަށް ނިންމައިފި އެވެ.


ގްރީސް ސަރުކާރުން މި ގޮތަށް ނިންމީ އިއްޔެ އޭއީކޭ އެތަންސް އާއި ޕީއޭއޯކޭ ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޕީއޭއޯކޭގެ ވެރިޔާ ރަޝިއާގެ މަހުޖަނު އިވާން ސަވީޑީސް ދަނޑުމައްޗަށް ފިސްތޯލައެއް ހިފައިގެން އެރުމުންނެވެ.

ސަވީޑީސް އަކީ ގްރީސްގެ އެންމެ މުއްސަނދި އެއް ވިޔަފާރި ވެރިޔާ އެވެ. އަދި އޭނާ އަކީ ކުރިން ރަޝިއާގެ މަޖިލިސް މެމްބަރެކެވެ.

އޭނާ ފިސްތޯލެއް ހިފައިގެން ދަނޑު މައްޗަށް އެރީ ޕީއޭއޯކޭ ޖެހި ގޯލެއް މެޗުގެ ރެފްރީ އޮފްސައިޑް ކަމަށް ނިންމުމުންނެވެ. މި ދެ ޓީމަކީ މި ފަހަރު ގްރީސްގެ ލީގަށް ވާދަކުރަމުން އަންނަ ދެ ޓީމެވެ. މި މެޗުގައި ޕީއޭއޯކޭ ޖެހި ގޯލު ލައިގެން އެ ޓީމު މޮޅުވިނަމަ ލީގުގެ އެއް ވަނައިގައި އޮތް އޭއީކޭއާ ދެ ޕޮއިންޓަށް ގާތަށް ޖެހިލެވޭނެ އެވެ. އެހެން ނަމަވެސް ސަވީޑީސް ދަނޑަށް އެރި ހިސާބުން މެޗު ހުއްޓާލަން ޖެހުމުން އޭގެ ފަހުން މެޗު ކުރިއަށްގެންދެވޭ ގޮތެއްނުވި އެވެ.

މި މައްސަލައިގައި ގްރީސްގެ އެފްއޭ އާއި އެ ގައުމުގެ ކުޅިވަރާ ބެހޭ މިނިސްްޓްރީން ބޭއްވި ބައްދަލުވުންތަކަށް ފަހު ނިންމާފައިވަނީ އެ ގައުމުގެ ސުޕަ ލީގު ސަސްޕެންޑް ކުރުމަށެވެ. އަދި ޕީއޭއޯކޭގެ ވެރިޔާ ސަވީޑީސް ހައްޔަރުކުރަން ޕޮލިހުން ވަނީ އަމުރަކަށް އެދިފަ އެވެ.

ގްރީސްގެ ޑެޕިއުޓީ ސްޕޯޓްސް މިނިސްޓަރު ޔޯޖީސް ވަސިލިއަޑީސް ވިދާޅުވީ ސުލްހަވެރިކޮށް ލީގު ކުރިއަށްދާނެ މާހައުލެއް ޔަގީންކުރެވެންދެން ލީގު ސަސްޕެންޑް ކުރަން ނިންމާފައިވާ ކަމަށެވެ.

"ލީގު ސަސްޕެންޑް ކުރުމަށް ނިންމައިފިން. މެޗުތައް ކުރިއަށްގެންދެވޭ ވަރުގެ މާހައުލެއް ގާއިމްކުރެވުމުން ލީގު އަލުން ފަށާނެ. އަހަރެމެން މި ގޮތަށް ނިންމީ ޔުއެފާއާ ވެސް މަޝްވަރާ ކުރުމަށް ފަހު،" ވަސިލިއަޑީސް ވިދާޅުވި އެވެ.

މި ސީޒަނުގައި ޕީއޭއޯކޭ އަށް ވަނީ ކުޅިވަރުގެ ރޫހާ ގިނަ އަމަލުތަކެއް ހިންގާފައިވާތީ އެކި ފަހަރު މަތިން އަދަބުދީފަ އެވެ.