ލީގު ޗެމްޕިއަންކަން ހޯދަން ހާއްސަ ވަގުތެއް ނެތް: ގާޑިއޯލާ

މެންޗެސްޓާ (މާޗް 13) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ވަކި ހާއްސަ ވަގުތެއްގައި ހޯދަން އޭނާ ނުވިސްނާ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.


ރަށުން ބޭރުގައި ޑޭވިޑް ސިލްވާގެ ދެ ލަނޑާ އެކު ސިޓީ ވަނީ ރޭ 2-0 އިން ސްޓޯކް ސިޓީ ބަލިކޮށްފަ އެވެ. މި މޮޅާ އެކު ސިޓީން ލީގު ޗެމްޕިއަންކަން ހޯދަން ދެން ބޭނުންވަނީ ކުރިއަށް އޮތް އަށް މެޗުން ތިން މޮޅެވެ. އެހެން ނަމަވެސް ކުރިއަށް އޮތް ދެ މެޗުން މޮޅުވެގެން ވެސް އެ ޓީމަށް ލީގު ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެއީ އެވަޓަންއާ ދެކޮޅަށް މި މަހު 31 ވަނަ ދުވަހު ކުޅުމަށް ފަހު އަންނަ މަހު ހަތް ވަނަ ދުވަހު ކުޅޭނީ ދެ ވަނަައިގައި އޮތް މެންޗެސްޓާ ދެކޮޅަށް ކަމަށްވާތީ އެވެ.

"ލީގު ހޯދަން ވަކި ހާއްސަ ވަގުތެއް އޮތް ކަމަށް ނުދެކެން. ދެން ބޭނުންވަނީ ތިން މޮޅު. މިސާލަކަށް ޔުނައިޓެޑް އަތުން އަހަރެމެން މޮޅުވެގެން އެ ދުވަހުގައި އަހަރެމެންނަށް ލީގު ޗެމްޕިއަންކަން ހޯދެން އޮތަސް އަހަރެން އެކަމަށް ހާއްސަކޮށް ނުވިސްނަން،" ގާޑިއޯލާ ބުންޏެވެ.

ސިޓީ މި ވަގުތު ލީގުގެ އެއް ވަނައިގައި އޮތީ 30 މެޗުން 81 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 30 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ.

ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުން ލީގު ޗެމްޕިއަންކަން އެންމެ ބޮޑަށް ބޭނުންވާ ކުޅުންތެރިޔަކީ ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީ އެވެ.

"މެންޗެސްޓާގެ ނޫ ފަޅީގައި އޮތް އެންމެނަށް އެނގޭނެ ޔުނައިޓެޑް ބަލިކޮށްގެން ލީގު ހޯދުމުގެ ފުރުސަތު ލިބޭނީ ވަރަށް މަދުންކަން. އަހަރެންގެ ވިސްނުމުގައި މިއީ ސިޓީގެ ހުރިހާ ސަޕޯޓަރުން ވެސް ބޭނުންވާނެ ގޮތް،" ކޮމްޕެނީ ބުންޏެވެ.

ރޭގެ ބައްޔާ އެކު ސްޓޯކަށް ވަނީ ރެލިގޭޝަނުން ސަލާމަތްވުމަށް ކުރަމުން އަންނަ މަސައްކަތުގައި އިތުރު އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. މި އަހަރު މިހާތަނަށް އެ ޓީމު މޮޅުވީ އެއް މެޗުންނެވެ. އެ ޓީމު ލީގުގެ 19 ވަނައިގައި އޮތްއިރު، ކުޅުނު 30 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ.