އެޑްވާންޓޭޖެއް އޮތް ކަމަށް ނުދެކެން: މޮރީނިއޯ

މެންޗެސްޓާ (މާޗް 13) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ސެވިއްޔާއާ ދެކޮޅަށް ކުޅޭއިރު މެންޗެސްޓާ ޔުނައިޓެޑަށް އެޑްވާންޓޭޖެއް އޮތް ކަމަށް ނުދެކޭ ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.


ޔުނައިޓެޑުން ވަނީ ފާއިތުވި ތިން ހަފްތާ ތެރޭގައި އަމިއްލަ ދަނޑުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ލިވަޕޫލް ބަލިކޮށްފަ އެވެ. އަމިއްލަ ދަނޑުގައި އެ ޓީމުން ރަނގަޅު ފޯމެއްގައި އޮވެގެން މިރޭގެ މެޗަށް ނުކުންނައިރު މޮރީނިއޯގެ ވިސްނުން ތަފާތެވެ.

"ފުރަތަމަ ލެގުގެ ނަތީޖާ އަކީ 0-0. އެހެންވެ ހުރިހާ ބަޔަކަށް ވެސް އެބައޮތް ފުރުސަތު. އަހަރެންގެ ނަޒަރުގައި ޔުނައިޓެޑަށް ނެތް އެޑްވާންޓޭޖެއް. ދަނޑުމަތީގައި އަހަރެން ދައްކަން ބޭނުމީ މޮޅުވާން ބޭނުންވާ ވަރުގެ ކުޅުމެއް. އޭރުން އެޑްވާންޓޭޖެއްގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް،" މޮރީނިއޯ ބުންޏެވެ.

ސެވިއްޔާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭއިރު ވެސް ސަމާލުވާން ޖެހޭނެ ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.

"ސެވިއްޔާ ވަނީ ގްރޫޕް ސްޓޭޖުގައިި ލިވަޕޫލާ ދެކޮޅަށް ދެ މެޗު ވެސް އެއްވަރުކޮށްފައި. ލިވަޕޫލަކީ ވަރަށް މޮޅު ޓީމެއް. ޔޫރަޕްގެ ރަނގަޅު ތާރީހެއް އޮތް ވަރަށް ރަނގަޅު ސްޓޭޑިއަމެއް އޮތް ޓީމެއް. އެކަމަކު އެ ދަނޑުގައި ވެސް ސެވިއްޔާ ބައްޔެއް ނުވޭ. މިއީ އަހަރެމެން ވިސްނަން ޖެހޭ ކަމެއް،"

ހޮނިހިރު ދުވަހު ލިވަޕޫލް އަތުން މޮޅުވި މެޗުގައި ޔުނައިޓެޑަށް ދެ ލަނޑު ވެސް ކާމިޔާބު ކޮށްދިން މާކަސް ރެޝްފޯޑް މިރޭގެ މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނުމާ މެދު ގޮތެއް ނިންމާނީ ޕައުލް ޕޮގްބާގެ ފިޓްނަސް ބެލުމަށް ފަހު ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.

މި ސީޒަނުގައި ކްރިސްޓަލް ޕެލަސް އަށް ކޯޗުކޮށްދިން ނެދަލެންޑްސްގެ ފްރޭންކް ޑި ބޮއާ ދާދި ފަހުން ވަނީ ރެޝްފޯޑަށް މޮރީނިއޯގެ ކޯޗުކަމުގައި ރަނގަޅަށް ފުރުސަތު ނުލިބޭ ކަމަށާއި އެއީ ރެޝްފޯޑް ކުރިއަރަން އޮތް ހުރަހެއް ކަމަށް ބުނެފަ އެވެ.

"ޑި ބޮއާ އަކީ ޕްރިމިއާ ލީގުގެ ތާރީހުގައި އައި އެންމެ ބަދު ނަސީބު ކޯޗު. އޭނާގެ ކޯޗުކަމުގައި ކުޅުނީ ހަތް މެޗު ހަތް މެޗުން ވެސް ބަލިވީ. އެންމެ ލަނޑެއް ވެސް ނުޖެހޭ. އަހަރެން ބޭނުމެއް ނޫން ރެޝްފޯޑް އެ ކަހަލަ ކޯޗެއްގެ ދަށުން ކުޅުވަން. އެއީ ރެޝްފޯޑަށް ކުރިމަތިލާން ޖެހޭނީ ހުސް ނާކާމިޔާބީއާ،" މޮރީނިއޯ ބުންޏެވެ.

ޔުނައިޓެޑާއި ސެވިއްޔާ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.