އާސެނަލްގެ ސީޒަން ހަލާކުކޮށްލީ ސަންޗޭޒް: ރިޕޯޓް

ލަންޑަން (މާޗް 13) - މި ސީޒަނުގައި އާސެނަލަށް ދިމާވަމުން އަންނަ މައްސަލަތައް ފެށުނީ އެލެކްސިސް ސަންޗޭޒްގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


އާސެނަލަށް ކުޅެމުން އަންނަ ޖަރުމަނުގެ ޑިފެންޑަރު ޕާ މާޓެސެކާގެ އޮޓޯބަޔޮގްރަފީ ލިޔަމުން އަންނަ ޖަރުމަނުގެ ނޫސްވެރިޔާ ރަފައެލް ހޮނިސްޓެއިންއާ ހަވާލާދީ ޖަރުމަނުގެ މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި ސަންޗޭޒްގެ ސަބަބުން އާސެނަލްގެ ޓީމު ތެރޭގައި ސީޒަން ފެށުނު އިރު ވެސް ގިނަ މައްސަލަތަކެއް ޖެހިފަ އެވެ.

"ސަންޗޭޒް ކްލަބް ދޫކޮށްލަން ބޭނުންވި ސީޒަން ފެށުމުގެ ކުރިން ވެސް. އެކަމަކު ކްލަބުން އެ ގޮތަށް ބޭނުން ނުވީ. ދެން އޭނާ ކްލަބުގެ ތެރޭގައި މައްސަލަތަކެއް އުފައްދަން މަސައްކަތް ކުރި. މިސާލަކަށް ގަސްދުގައި ދަށްކޮށް ކުޅުން. އެހެން ކުޅުންތެރިންނާ އޮތް ގުޅުން ކަނޑާލުން،" ހޮނިސްޓެއިންއާ ހަވާލާދީ ޖަރުމަނު މީޑިއާތަކުން ރިޕޯޓްކުރި އެވެ.

ޔުނައިޓެޑަށް ސަންޗޭޒް ބަދަލުވާން ނިންމައި އެކަން އާސެނަލްގެ ކުޅުންތެރިންނަށް ހިއްސާކުރި ހިސާބުން ކުޅުންތެރިންގެ މެދުގައި ބައިބައިވުން އުފެދުނު ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

"ސަންޗޭޒްގެ ފަރާތުން ފެނުނީ ކްލަބަށް އިހުތިރާމް ނުކުރި ތަން. އޭގެ ސަބަބުން ގިނަ ކުޅުންތެރިންނާއި އޭނާއާ މައްސަލަ ޖެހުނު. ފަހުން އައިސް ފެނުނީ ހަމައެކަނި ކެމެރާއަށް ދައްކާ މަންޒަރުތަކެއް ފުރިހަމަ ކުރަން ސަންޗޭޒް ދަނޑުމަތީގައި ހުރިތަން،" ޖަރުމަނު މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ޖެނުއަރީ ޓްރާންސްފާގައި ސަންޗޭޒް ޔުނައިޓެޑަށް ހިލޭ ޓްރާންސްފާއެއްގައި ބަދަލުވިއިރު، އާސެނަލަށް ވަނީ އޭނާގެ ބަދަލުގައި ޔުނައިޓެޑުގެ ހެންރިކް މިކިތާރްޔަން ދީފަ އެވެ.

ޔުނައިޓެޑާ ގުޅުނު ފަހުން ސަންޗޭޒަށް އަދި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، މީޑިއާގައި އޭނާ އަށް ގިނަ ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ.