ނިއު އަށް ހާއްސަ ސަމާލުކަމެއް ނުދޭނަން: އަައިޒޯލް

އޭއެފްސީ ކަޕްގައި މާދަމާ ހަވީރު ކުޅޭ މެޗަށް ނުކުންނައިރު ނިއު ރޭޑިއަންޓަކީ ވަރުގަދަ ޓީމެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެހެން ނަަމަވެސް އެ ޓީމަށް ހާއްސަ ސަމާލުކަމެއް ނުދޭނެ ކަމަށް އައިޒޯލްގެ ކޯޗު ސަންތޯޝް ކަޝްޔަޕް ބުނެފި އެވެ.


މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަންތޯޝް ބުނީ އޭނާ ކޮންމެ މެޗަކަށް ވެސް ތައްޔާރުވަނީ ފުޓްބޯޅައިގެ އުސޫލުގައި އޭނާ ގަބޫލުކުރާ ގޮތަށް ކަމަށެވެ. އެއީ އެއްވެސް ޓީމެއް ތަފާތު ކުރުމެއް ނެތި އެވެ.

"އަހަރެންގެ ވިސްނުމުގައި ހުރިހާ ޓީމެއް އަހަރެން ދެކެނީ އެއް ނަޒަރަކުން ހުރިހާ ކުޅުންތެރިންނަށް ވެސް. މިސާލަކަށް އަހަރެން ބާސެލޯނާ ނޫނީ ރެއާލް މެޑްރިޑާ ދެކޮޅަށް ނުކުންނާނީ ވެސް މެޗުގެ ޕްރިންސިޕަލްތަކާ އެއްގޮތަށް. އެ ގޮތަށް އަހަރެންގެ ކުޅުންތެރިންގެ ވިސްނުން ބައްޓަން ކުރަނީ ވެސް. ރަނގަޅު ކުޅުންތެރިން އެ މީހުން (ނިއު)ގެ އެބަތިބި. އަޝްފާގު ދެން ސްޕެނިޝް ކުޅުންތެރިން. އެކަމު ހާއްސަ ސަމާލުކަމެއް ނުދޭނަން،" ސަންތޯޝް ބުންޏެވެ.

އައިޒޯލްއާ ސަންތޯޝް ހަވާލުވީ މިދިޔަ މަހު އެވެ. އޭއެފްސީ ކަޕްގައި ފުރަތަމަ ފަހަރަށް އެ ޓީމު ވާދަކުރާއިރު، އެ ޓީމު މި ފަހަރު މުބާރާތުގައި ކުޅެން އޮތް ފުރަތަމަ މެޗު ވަނީ ފަސްކޮށްފަ އެވެ. އެއީ ބެންގަލޫރު އެފްސީ މި ވަގުތު އިންޑިއަން ސުޕަ ލީގުގައި ވާދަކުރަމުން އަންނާތީ އެ ޓީމަށް އުނދަގޫ ޝެޑިއުލެއް އޮތީމަ އެވެ.

ސަންތޯޝް ބުނީ ބެންގަލޫރު މެޗު ފަސްކުރުމުން އޭނާ އަށް ހިތްހަމަ ޖެހުމެއް އެބައޮތް ކަމަށެވެ.

"ތައްޔާރުވެލަން ރަނގަޅަށް ވަގުތު ލިބުނު. އެ މި ޓީމާ އަހަރެން ހަވާލުވިތާ އަދި އެއް މަސް މިވީ. ދެން ގާތްގާތުގައި އައި ލީގުގެ މެޗުތަކެއް ކުޅެން ވެސް ޖެހިފައި އޮތް ދުވަސްވަރެއްގައި ކޯޗު ބަދަލުވުމުން ކުޅުންތެރިންނަށް ވެސް އުނދަގޫވި. އެކަމަކު އަހަރެމެން ރެލިގޭޝަން ޒޯނުގައި އޮވެފައި މިހާރު ފަސް ވަނައިގައި މި އޮތީ،" ސަންތޯޝް ބުންޏެވެ.

ކުރިން މަހިންދުރަ ޔުނައިޓެޑާ އެކު އޭނާ ރާއްޖެ އައިސް ނިއުއާ ދެކޮޅަށް ކުޅުނު ކަމަށާއި އޭގެ ފަހުން އެ ޓީމުގެ ކަންތައްތައް އަބަދުވެސް ބަލާ ކަމަށް ސަންތޯޝް ބުންޏެވެ.

"ނިއު ރޭޑިއަންޓަކީ ވަރަށް ތަޖުރިބާ ބޮޑު ޓީމެއް. ރަނގަޅު ކުޅުންތެރިން ވެސް އެބަތިބި. އަހަރެން މަހިންދުރަ ޔުނައިޓެޑްގައި އުޅުނު އިރު ނިއުއާ ދެކޮޅަށް ނުކުތިން. އެ ހިސާބުން ފެށިގެން ނިއު އަހަންނަށް އެނގޭ އަބަދުވެސް މިތަނުގައި ނިއު ކާމިޔާބު ހޯދައި. މިހާރު އެ އޮތީ އާ ސްކޮޑެއް އާ ކޯޗެއް އޭއެފްސީގައި. ރަނގަޅު ބިދޭސީ ކުޅުންތެރިންނާ އެކު،" އޭނާ ބުންޏެވެ.

ނިއުގެ ކޯޗު އޮސްކާ ބްރުޒޮން އަކީ އޭނާގެ ގާތް ރައްޓެއްސެއް ކަމަށް ސަންތޯޝް ވަނީ ބުނެފަ އެވެ. ސަންތޯޝް ބުނީ މާދަމާގެ މެޗަށް ނުކުންނައިރު އެކަކު އަނެކަކު އެނގުމަކީ ދެ މީހުންނަށް ވެސް އޮތް އެޑްވާންޓޭޖެއް ނަމަވެސް ނަތީޖާ ނެރެނީ ކުޅުންތެރިން ދައްކާ ކުޅުމުން ކަމުން މެޗުގެ ކުރިން ދެއްކޭނެ ވާހަކައެއް ނެތް ކަަމަށެވެ.

"އަހަރެމެން އެކުގައި ފުޓްބޯޅަ ކޯޗިން ޕްރޮގްރާމެއް ވެސް ފުރިހަމަ ކުރިން. އޭނާ އަށް އަހަރެންގެ ސްޓައިލް އެނގޭނެ. ހަމައެގޮތަށް އަހަންނަށް އޭނަގެ ސްޓައިލް ވެސް އެނގޭ. އެކަމު ގަބޫލުކުރަން ޖެހެނީ ކުޅުންތެރިން މި ތަފާތު ދައްކަނީ. އޭނާ (އޮސްކާ) އަށް އޮތް އެޑްވާންޓޭޖަކީ އޭނާ ގިނަ ދުވަސްތަކެއް ވަންދެން އެ ޓީމާ އެކު މަސައްކަތްކުރުން. އެކަމު އަހަރެން ވެސް މިހުރީ ކޮންފިޑެންސާ އެކު،" ސަންތޯޝް ބުންޏެވެ.

އޭނާ ބުނީ މި ގްރޫޕުގެ ފޭވަރިޓަކީ ބެންގަލޫރު ކަމަށާއި އެހެން ނަމަވެސް އެހެން ޓީމުތަކުން ރަނގަޅު ފައިޓެއް ދޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"އަހަރެންގެ ނަޒަރުގައި މި ގްރޫޕުގެ ފޭވަރިޓަކީ ބެންގަލޫރު. ގޭމްގެ ހުރިހާ ނަޒަރަކުން ބެލިޔަސް ބެންގަލޫރު އެންމެ ވަރުގަދަވާނީ. އެ މީހުން ވަރަށް ރަނގަޅަށް އެ ދަނީ އިންޑިއަން ސުޕަ ލީގުގައި. އެކަމަކު މި ގްރޫޕުގައި މި އޮތީ ހުސް ޗެމްޕިއަނުން. ރާއްޖެ އާއި ބަންގްލަދޭޝް ވެސް ހިމެނިގެން. އެންމެން ވެސް ވަރަށް ރަނގަޅު ފައިޓެއް ދޭނެ. ފަސޭހައެއް ނުވާނެ،" ސަންތޯޝް ބުންޏެވެ.

މިދިޔަ ސީޒަނުގައި އައިޒޯލް އިން ލީގު ކާމިޔާބުކުރި އިރު ޓީމުގައި ތިބި ގިނަ ކުޅުންތެރިން މިހާރު ޓީމުގައި ނެތް ނަމަވެސް މިހާރު އޮތް ޒުވާން ސްކޮޑާ އެކު ކުޅުންތެރިންނާ އެކު ރަނގަޅު ކުޅުމެއް ދެއްކޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށް ސަންތޯޝް ވަނީ ބުނެފަ އެވެ.

ނިއު އާއި އައިޒޯލް ކުޅޭ މެޗު ފަށާނީ މާދަމާ ހަވީރު 4 ޖަހާއިރު އެވެ.