ގައުމީ ކޯޗާ ހަވާލުކުރީ ރާއްޖޭގެ ރަސްކަމެއް ނޫން: ސުޒޭން

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އަންނަ މީހަކާ ހަވާލުކުރަނީ ދިވެހިރާއްޖޭގެ ރަސްކަން ނޫން ކަމަށާއި ހުރިހާ ކަމެއްގެ ތަރުތީބު އޮޅުވާލައި ދިވެހި ފުޓްބޯޅައިގެ ބަތަލުންނާ މެދު ހިތު ހުރި ގޮތަކަށް އަމަލުކުރުމުގެ ހައްގު އެ ކޯޗަކަށް ނޯންނާނެ ކަމަށް ތަޖުރިބާކާރު ކޯޗު އަލީ ސުޒޭން ބުނެފި އެވެ.


އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ނުދިއުމުން އޭނާ ޓީމުން ވަކިކުރަން ކޯޗު ޕީޓާ ސެގާޓް ނިންމި ނިންމުމަށް ސުޒޭން ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި ދަގަނޑޭގެ "ވިސްނުމުގެ" މައްސަލައެއް އުޅޭ ކަމަށް ކޯޗު ބުނި ބުނުމަށް އޭނާ މައާފަށް އެދެން ވެސް ސުޒޭން ވަނީ ގޮވާލައިފަ އެވެ.

ސުޒޭން ބުނީ ގައުމީ ޓީމަށް ގެންނަނީ މޮޅު ކޯޗުން ކަމަށް އެއްބަސްވާ ކަމަށާއި އެކަމަކު އެ މީހުންނާ ހަވާލުކުރާ ވަޒީފާއަކީ ގައުމީ ޓީމު ބައްޓަންކޮށް ކާމިޔާބީތަކާ ހަމަޔަށް ގެންދިއުން ކަމަށެވެ. އަދި އެ ކޯޗުން ހަޑީ ހޭވީމާ އެއީ ކުޅުންތެރިންގެ ޑިސިޕްލިން ރަނގަޅުކުރަން ކުރާ މަސައްކަތެއްގެ ގޮތުގައި ބަޔެއް މީހުން ސިފަކުރާ ކަމަށް އޭނާ ބުންޏެވެ.

"ޑިސިޕްލިން ކުރުމަކީ އަދި އެޔެއް ނޫން. ކުއްލިއަކަށް ހުން އައިސްގެންދާ މީހާ އަވަހަށް ސަންދޯކެއް ޖަހާ ވަޅުލުމެއް ނޫން ބޭނުންވަނީކީ. އެޔަށް ޕެނެޑޯލް ފުރަތަމަ (ދޭނީ) ނޫނީ އެޔަށް ދޭންވާ ބޭހެއް ދީގެން ރަނގަޅު ނުވެއްޖެއްޔާ ދެން އޮތް ފިޔަވަޅެއް ދެން އަޅާ، ދެން ހުރި ކަމެއް ދެންކޮށް އެގޮތަށް ކުރަން ޖެހޭނީ،" ސުޒޭން ބުންޏެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު ފާހަގަކުރި ގޮތުގައި ބޭރުން އަންނަ މީހަކު ކޮށްލާ ކޮންމެ ކަމަކީ މޮޅު، ވަރަށް ގަދަ ކަމެއް ކަމަށް ދިވެހިން ދުށް ޒަމާން ފާއިތުވެގެން ގޮސްފި އެވެ. އަދި ބޭރުން އަންނަ މީހުން ވެސް ދިވެހިންގެ ތަރިކަ އާއި ރާއްޖޭގެ ގައުމީ ބަތަލުންނަށް އިހުތިރާމްކުރަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ހަމަ ޕަބްލިކްލީ ވެސް ބުނެލަން ބޭނުން ގައުމީ ކޯޗު މި ކުރި ކަންތައްތަކަށް އޭނާ ޖެހޭނެ ދިވެހިރާއްޖޭގެ ޕަބްލިކް ފަރާތުން މައާފަށް އެދެން. ހަގީގަތުގައި އަޝްފާގާ ބެހޭ ގޮތުން އޭނާ ކުރި ކޮމެންޓަކަށް އޭނާ މައާފަށް ނޭދޭހާ ހިނދަކު އަޅުގަނޑު ހަމަގައިމު ވެސް އޭނާ އަށް ހިތްހެވެވެއް ނުވާނެ، މައާފެއް ވެސް ނުކުރާނަން،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ ގައުމީ ކޯޗު މިގޮތަށް މި އަމަލުކުރީ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ގެންދަން ފުރުސަތު ލިބިފައި އޮއްވާ ކަމަށެވެ. އަދި ފުޓްބޯޅައިގެ މަގުބޫލުކަން ދަށްވެފައި އޮތް ދަނޑިވަޅެއްގައި މިގޮތަށް ކަންތައް ކުރުމުން އިތުރަށް އުފެދޭނީ ހިޔާލުތަފާތުވުންތަކެއް ކަމަށާއި އޭގެ ސަބަބުން ގެންނަން ބޭނުންވާ ރޫހު ނުގެނެވޭނެ ކަމަށް އޭނާ ބުންޏެވެ. ބޫޓާން މެޗުގައި ދަނޑަށް ވަން ސަޕޯޓަރުންގެ އަދަދުން ވެސް އެކަން ފެނިގެންދިޔަކަން އޭނާ ފާހަގަކުރި އެވެ.

މިކަން ވީހާ ވެސް އަވަހަކަށް ހައްލުކުރަން ވަރަށް އަދަބުވެރިކަމާ އެކު އެފްއޭއެމްގައި އެދޭ ކަމަށާއި ގައުމީ ކޯޗާއި ގައުމީ ބަތަލް އަޝްފާގާ ދެމެދު "ހަމަލާތައް" މިހާރު އެ ބަދަލުކުރަނީ އާއްމުންގެ ކުރިމަތީގައި ކަމަށް އޭނާ ބުންޏެވެ. އޭނާ އެ އިޝާރާތްކުރީ ބޫޓާން އަތުން މޮޅުވި މެޗަށް ފަހު ގައުމީ ކޯޗު އެ މޮޅު ދަގަނޑޭ އަށް ހަދިޔާކޮށްފައި ވަނިކޮށް ނިއު ރޭޑިއަންޓް މޮޅުވި މެޗު ދަގަނޑޭ، ގައުމީ ކޯޗަށް ހަދިޔާކުރި ކުރުމަށެވެ.

ސުޒޭން ބުނީ ދަގަނޑޭ ގޮވައިގެން 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އޭނާ މެނޭޖަރެއްގެ ގޮތުގައި ދިޔައިރު ދަގަނޑޭ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވެސް ބައިވެރިވި ކަމަށާއި ދަގަނޑޭ މެނޭޖްނުކުރެވުމަކީ އެ ނުކުރެވުނު މީހަކު ފެއިލްވުން ކަމަށެވެ.

"އަޝްފާގް ޕްރެސް އަށް ނުދޭތޯ؟ ދާން ޖެހޭ ވަގުތެއްގައި ޕްރެސް އަށް ވެސް ދާނެ. އެހެންވީމާ އަޝްފާގް މެނޭޖްނުކުރެވުން އެއީކީ އަޅުގަނޑުމެންގެ މައްސަލައެއް ނޫނޭ. އެކަން ނުކުރެވުނު މީހުން ފެއިލްވީޔޭ. އަޝްފާގް ޕްރެސް އަށް ދާން އަޝްފާގަށް އެންގީ ކޮންއިރަކުތޯ؟ ނޫނީ ޕްރެސް އަށް ދާން ޖެހޭކަން އޭނާ އަށް އެންމެ ފަހުގެ ޕްރެކްޓިސްގައި އެ މައުލޫމާތު ދިންތޯ؟ ނޫނީ އޭނާ އަށް ކޮންވިންސްކޮށްދިންތޯ މިގޮތަށޭ މި ކޯޗާ އެކު މަސައްކަތްކުރަން ޖެހޭނީ، މި ކޯޗާ އެކު ޕްރެސް އަށް ދާން ޖެހޭނެނެކަން،" ސުޒޭން ބުންޏެވެ.

ސުޒޭން ފާހަގަކުރި ގޮތުގައި އެގޮތަށް އަމަލުކުރި ނަމަ ދަގަނޑޭ ނޫސްވެރިންގެ ބައްދަލުވުމަށް ދާނެ އެވެ. އެކަމަށް ބާރު ދެމުން ސުޒޭން ބުނީ އެންމެ ފަހުން އޭއެފްސީ ކަޕުގައި ނިއު ރޭޑިއަންޓް ކުޅުނު މެޗަށް ފަހު ދަގަނޑޭ ނޫސްވެރިން ކައިރީގައި ސުވާލުތަކަށް ޖަވާބުދޭން ހުއްޓި ހުރި ކަމަށެވެ.

"ހަމަ އެ އަޝްފާގުގެ ވާހަކަ (މިދައްކަނީ). އޭގެ ހަ ދުވަސް ފަހުން ކުއްލިއަކަށް އެއްގޮތަކަށް ޕްރެސްއާ ރަށްޓެހި ވެސް ނޫން މީހަކަށް މިވީ (އޭނާ). ހަގީގަތަކީ އަސްލުގައި އަޝްފާގް ޕްރެސް އަށް ގެންދިއުމަކީ އުނދަގޫ ކަމެއް ނޫންކަން އަޅުގަނޑު އޮންނާނީ ސާބިތުކޮށްފައި 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ކަތުމަންޑޫގައި އޮތް މުބާރާތުގައި. އޯޕަން ޕްރެސްއެއް އިންޓަނޭޝަނަލް މީޑިއާއާ އެކު (އޭނާ ދިޔަ)،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ މިދޭތެރެއިން އަޝްފާގް ނޫސްވެރިންގެ ބައްދަލުވުންތަކަށް ނުދިއުމަކީ މައްސަލައަކަށްވެފައި ނެތް ކަމަށާއި އޭނާ ނުދަންޏާ ދަނީ އެހެން މީހެއް ގޮވައިގެން ކަމަށެވެ.

"އެހެންވީމާ އޭތި އޭނާ އަށް ވިސްފައި މިއޮތީ އޭނާ ނުދިއުމަކީ މައްސަލައެއް ނޫނޭ. ކާކުތޯ އޭނާ އާށް ކޮންވިންސް ކޮށްދިނީ އޭނާ އެތަށް ދާން ޖެހޭނެކަން. ނުގޮސްފިއްޔާ މިގޮތަށް ޓީމުގެ ތެރޭގައި މަސްލަހަތު ގެއްލިދާނެކަން. މައްސަލަ ދިމާވެދާނެކަން، އޭގެ ކޮސްޓު (އަގު) މިހާ ހައި ވެދާނެކަން. އަޝްފާގް ވެސް ކެރިއަރުގެ އެންމެ ފަހުކޮޅު އޭނާ ވެސް ބޭނުމެއް ނުވާނެ އެންމެ އިންޓަނޭޝަނަލް މެޗެއް ވެސް ގެއްލޭކަށް،" ސުޒޭން ބުންޏެވެ.

މި މައްސަލައިގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާ ބައްދަލުކޮށް ރަނގަޅު ވާހަކަތަކެއް ދެކެވިފައިވާކަމަށް ސުޒޭން ބުންޏެވެ. އެކަމަކު މި މައްސަލައިގައި ކޯޗު މައާފަށް ނޭދެނީސް ކޯޗަށް މައާފެއް ވެސް ނުކުރާނެ ކަމަށާއި އަދި ހިތްހެވެއް ވެސް ނުވާނެ ކަމަށް ސުޒޭން ބުންޏެވެ.

ސުޒޭން ވަނީ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް، އޭނާ ކޯޗުކޮށްދޭ ކްލަބް ގްރީންސްޓްރީޓްސްގެ ކުޅުންތެރިޔާ އަސްހަދު އަލީ (އަޑުބަރޭ) އަތުން ނެގުމުގައި ކޯޗު ކަންތައް ކުރި ގޮތަށް ވެސް ފާޑުކިޔައިފަ އެވެ. ދަގަނޑޭގެ ބަދަލުގައި އަޑުބަރޭ އަށް ކެޕްޓަންކަންދޭން ކޯޗު ނިންމުމަށް ފަހު ކުއްލިއަކަށް ވަނީ އޭނާ އަތުން ބޭންޑް ނަގައި އަކްރަމް އަބްދުލްގަނީ އަށް ދީފަ އެވެ. އަޑުބަރޭ ވަނީ އެ ދުވަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ.

"އަޑޭ މެންދުރުގަޑީގައި ކައިގެން އައިއިރު ކެޕްޓަންކަންކަމުން ބާކީވެފައި (އޮތީ). މި ދައްކަނީ ދިވެހިރާއްޖޭގެ ގައުމީ ބޭންޑް އަޅާލުން މިއަށް ވުރެ ބޮޑު ޝަރަފެއް ދިވެހިރާއްޖޭގެ ފުޓްބޯޅައިގައި ކޮބައިތޯ؟ އޭތި ކުއްލިއަކަށް (ގެއްލުނީ)، އޭނާ އެރޭ ނިދިއިރު ވެސް އޭނާގެ އަތުގައި އޮތް އެއްޗެއް (އެއީ). ވީގޮތެއް ވެސް ނޭގޭ،" ސުޒޭން ބުންޏެވެ. "އަޅުގަނޑު އެ ވަގުތު ވެސް އެންމެ ގައުމީ ވިސްނުމުގައި އަޅުގަނޑުގެ ހިޔާލު ދިނީ. އަޅުގަނޑު ބުނިން އަޑޭ ނިންމާ ކޮންމެ ނިންމުމަކަށް އަޅުގަނޑު އިހުތިރާމްކުރާނަމޭ. އަޑޭ އަށް ތާއީދު ވެސް ކުރާނަމޭ. އެކަމަކު އަޅުގަނޑަށް ފެންނަނީ ތި މެޗުގައި އަޑޭ ބައިވެރިވާށޭ."

ގައުމީ ކޯޗު ބުނީ އަކްރަމަށް ކެޕްޓަންކަން ދިނީ މި އަހަރަށް ފަހު އަޑުބަރޭ ކުޅުން ހުއްޓާލަން ނިންމާފައިވާތީ ދާއިމީ ކެޕްޓަނެއް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. ސުޒޭން ބުނީ އަކްރަމަކީ ގައުމީ ކެޕްޓަންކަން ކުރުމަށް ވަރަށް ގާބިލް ކުޅުންތެރިޔެއް ކަމަށާއި އޭނާ އަށް ބޭންޑް ދީގެން އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެކަމަކު މައްސަލައަކީ އެކަމުގައި ކޯޗު އަމަލުކުރި ގޮތްކަން އޭނާ ފާހަގަކުރި އެވެ

"އޭނާ ތިން އަހަރަށް ހޯދާ ކެޕްޓަން ހޯދުން، އޭނާއަށް ކުއްލިއަކަށް ހުވަފެނަކުން ފެނުނީ ކަންނޭގެ އެރޭ ނުހޯދައިފިއްޔާ އޭނާގެ މުޅި ހުރިހާ ކަމެއް ދިޔައިއްޔޭ. އެހެންވެ ކުއްލިއަކަށް މެޗު ދުވަހު މެންދުރަކު ނޫން އޭނާ ޑިސައިޑްކުރާނީކީ،" ސުޒޭން ބުންޏެވެ.

ސެގާޓް ވެސް އަޑުބަރޭ މައްސަލައިގައި އޭނާ އަށް ފަހަރުގައި ގޯހެއް ހެދިފައި އޮވެދާނެ ކަމަށް އެއްބަސްވެފަ އެވެ. އެގޮތުން އޭނާ ބުނީ ވަގުތު އޮވެގެން އެކަން ކުރެވުނު ނަމަ އަޑުބަރޭއާ ގިނައިރު ވާހަކަ ދެއްކުމުގެ ފުރުސަތު ލިބި އަޑުބަރޭ އެ ނިންމުން ނިންމިޔަ ނުދިނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.