ސައްޓުގެ ދެ ގޯލުން ޓީސީ އިން މާޒިޔާ ބަލިކޮށްފި

ނާއިޒް ހަސަން (ދާދު) މާޒިޔާ އަށް ދިއުމުން ބަދަލުގައި ގެނައި އިޝާން އިބްރާހިމް (ސައްޓު) ޖެހި ދެ ގޯލާ އެކު އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު މާޒިޔާ އަތުން 2-0 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބުން ޖެހިޖެހިގެން ތިން ވަނަ މޮޅު ހޯދައިފި އެވެ.


މި މޮޅާ އެކު ޓީސީން 10 ޕޮއިންޓް ހަމަކޮށް ތާވަލުގެ ތިން ވަނަ އަށް އަރާފައިވާއިރު އެއް ވަނައިގައި އޮތް މާޒިޔާ އާއި ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ވެސް ލިބިފައިވަނީ 10 ޕޮއިންޓެވެ. ޓީސީ އަށް ކުރި ނުލިބެނީ ލަނޑުގެ ތަފާތުންނެވެ.

މި ނަތީޖާއާ އެކު އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ނިއު އާއި ހަތަރު ވަނައިގައި އޮތް އީގަލްސް އަށެވެ. އެގޮތުން މިރޭ ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު އީގަލްސް އަށް އެބައޮތެވެ. އަދި މާދަމާ ހަވީރު ގްރީންސްޓްރީޓްސް އަތުން މޮޅުވެ، އަތުގައި އިތުރު މެޗެއް އޮވެމެ ތާވަލުގެ ކުރީގައި ތަފާތު ބޮޑުކުރުމުގެ ފުރުސަތު ނިއު އަށް ވަނީ ލިބިފަ އެވެ.

ފުރަތަމަ ތިން މެޗުން އެންމެ ޕޮއިންޓެއް ލިބުނު ޓީސީން ރަނގަޅު ފޯމަކަށް އެޅިފައިވާއިރު އެ ޓީމުން މިއަދު ރަނގަޅު ކުޅުމެއް ވެސް ދެއްކި އެވެ. މިއަދުގެ މެޗު ފަށައިގެން 54 ވަނަ ސިކުންތުގައި ސައްޓު ވަނީ ޓީސީ އަށް ކުރި ހޯދައިދީފަ އެވެ. މުހައްމަދު އައްޒާމް ކުރިއަށް ފޮނުވާލި ބޯޅަ މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓެ) ގެ ފައިދަށުން ގޮސް ލިބުނީ ހުހަށް އެރި ސައްޓު އަށެވެ. އޭނާ ވަނީ އެ ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިފަ އެވެ. އޭގެ ފަހުން ހަތަރު ވަނަ މިނެޓުގައި ޓީސީން ދެ ވަނަ ގޯލެއް ޖެހުމާ ގާތަށް ވެސް ދިޔަ އެވެ. މާޒިޔާގެ ގޯލްކީޕަރު މައުރޯ ބޮއެޗިއޯ މަގާމަށް ވުރެ ކުރީގައި ހުއްޓާ ހާފުގެ މެދުތެރެއިން ޓީސީގެ އައްޒާމް ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނާ ދިމާލަށް ނުއޮއްސުނީ ކިރިޔާ އެވެ.

ފުރަތަމަ ހާފުގައި މާޒިޔާ އިން އެންމެ ނުރައްކާކުރީ ކޯނަރަކުން ހުރަސްވި ދެ ބޯޅައަކުންނެވެ. އެގޮތުން 23 ވަނަ މިނެޓުގައި އާދަމް ނާސިހު (އާދަންނާ) ކޯނަރަކުން ހުރަސްކުރި ބޯޅަ މޫސާ ޔާމީން (ޔާންބެ) ހުހަށް އަރާ ފޮނުވާލުމުން އަމާޒުނުވެ ދިޔައިރު 34 ވަނަ މިނެޓުގައި އާދަންނާ ނެގި ކޯނަރަޖުން ހުރަސްވި ބޯޅަ އިސްމާއިލް އީސާ ހުހަށް އަރައި ޖެހުމުން ވެސް ސީދަލެއް ނުކުރެވުނެވެ.

ދެ ވަނަ ހާފު ފަށައިގެން 51 ވަނަ މިނެޓުގައި ޓީސީން ވަނީ ލީޑު ފުޅާކޮށްފަ އެވެ. ކައުންޓާ އެޓޭކެއްގައި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ނެގި ހުރަސް ސައްޓު ވަނީ އެއް ފަހަރުން ޖަހައި ގޯލުގެ ކަނަށް ވައްދާލައިފަ އެވެ.

އޭގެ ދެ މިނެޓު ފަހުން ޓީސީ އަށް ތިން ވަނަ ލަނޑެއް ޖަހަން ފޭދޫ އިއްބެ އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އިބްރާހިމް ވަހީދު ހަސަން (އިއްބެ) ދިން ބޯޅަ ފޭދޫ އިއްބެ އޭރިއާ ތެރެއިން ޖެހުމުން ދިޔައީ ގޯލް މަތިންނެވެ.

މި ހާފުގައި 65 ވަނަ މިނެޓުގައި މާޒިޔާގެ ޔަސްފާދު ހަބީބް (މުލަކޭ) އޭރިއާ ތެރެއިން ގޯލަށް ފޮނުވާލި ބާރު ބޯޅަ ޓީސީގެ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) ބްލޮކްކުރި އެވެ. އެހެން ނޫން ނަމަ އެ ބޯޅަ ނެރެން ޖެހޭނީ ގޯލުގެ ތެރެއިންނެވެ.

ޓީސީ އަށް މެޗުގެ ފަހުބައިގައި ވެސް ތަފާތުކޮށްލަން ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން 68 ވަނަ މިނެޓުގައި ސައްޓު މުޅިން ހުސްކޮށްލާފައި އިއްބެ އަށް ދިން ބޯޅަ އޭނާ އޭރިއާ ތެރެއިން ޖެހުމުން މާޒިޔާ ކީޕަރު ސަލާމަތްކުރީ އެވެ. އަދި 75 ވަނަ މިނެޓުގައި ޓީސީގެ ބަދަލު ކުޅުންތެރިޔާ ކްލަރެންސް ވިލިއަމްސް އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެކަމަކު މާޒިޔާގެ ޑިފެންޑަރާއި ކީޕަރު ކައިރިން ވެސް ނައްޓާލުމަށް ފަހު އޭނާ ޖަހަޖަހާ އޮއްވާ މާޒިޔާގެ ޑިފެންޑަރަކު އަރައި އެ ބޯޅަ ސަލާމަތްކުރި އެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނީ ބޭނުންވީ ބައިކޮޅަށް ލަނޑެއް ވައްދާނުލައި ތިން ޕޮއިންޓް ހޯދައިގެން ފައިބައިން ކަމަށާއި އެކަން ހާސިލްވުމުން ހިތްހަމަޖެހޭ ކަމަށެވެ. އަދި ލިބުނު ފުރުސަތުތަކާ ބަލާފައި އިތުރު ގޯލްތަކެއް ނުޖެހުނު ނަމަވެސް ޝަކުވާއެއް ނެތް ކަމަށް އޭނާ ބުންޏެވެ.

"މި 2-0 ގެ ނަތީޖާ އަކީ ބޮޑު އެއްޗެއް. އަޅުގަނޑުމެން ފޯކަސްކުރަނީ ނަތީޖާއަށް. އެއީ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުން ޓާގެޓަކަށްވާތީ،" ނިޒާމްބެ ބުންޏެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ކުޅުމާ މެދު ހިތްހަމަނުޖެހޭ ކަމަށާއި ޓީމުގެ ބައެއް މުހިއްމު ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުން ނުފެނުނު ކަމަށެވެ. އަދި އޭގެ އަސަރު ކުރި ކަމަށް އޭނާ ބުންޏެވެ.

"ބޮޑެތި މިސްޓޭކްތަކެއް ހެދިގެން ދިޔައީ. ވަރުގަދަ ޓީމުތަކާ ކުޅޭއިރު މިސްޓޭކް އަންނަންޏާ އުނދަގޫވާނެ،" އިންމަ ބުންޏެވެ. "ޑިފެންސް ލައިނުގައި މައްސަލަތަކެއް އެބައުޅޭ. ފުރަތަމަ މިނެޓުގައި ޑިފެންޑަރެއްގެ ފައި ދޭތެރެއިން ބޯޅަ ދިޔައީ. ކައުންޓާ އެޓޭކުގައި ބޯޅަ ސްޓޮޕްކުރުމުގެ ބަދަލުގައި އަތުލަން މަސައްކަތްކުރެވުނީ. އިދިކޮޅު ޓީމު ފާސްޓް ޕްލެޔަރުން ތިބޭއިރު އެއީ ވިސްނަން ޖެހޭ ކަމެއް."