ނަޕޯލީ މޮޅުނުވުމުން ޔުވެންޓަސް ފައިދާ ނަގައިފި

ޓިއުރިން (އޭޕްރިލް 16) – އިޓާލިއަން ލީގުގެ ތަށްޓަށް ވާދަކުރަމުން އަންނަ ނަޕޯލީ ރޭ އޭސީ މިލާނާ 0-0 އިން އެއްވަރުވުމުގެ ފައިދާ ނަގައި ޔުވެންޓަސް އިން ސަމްޕްޑޯރިއާ އަތުން 3-0 އިން މޮޅުވެ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.


ޔުވެންޓަސް 84 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ނަޕޯލީ ދެ ވަނައިގައި އޮތީ 78 ޕޮއިންޓާ އެކު އެވެ. އެ ޓީމު މިވަނީ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން އެއްވަރުވެފަ އެވެ.

ރޭ މިލާނުގެ ދަނޑުގައި އެ ޓީމާއި ނަޕޯލީ ކުޅުނު މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތަކެއް ލިބުނެވެ. މި މެޗުން ނަޕޯލީ މޮޅުނުވުމުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ރޭ އިޓާލިއަން ލީގުގައި 100 ވަނަ މެޗު ކުޅެ އެ ޝަރަފް އެންމެ ޒުވާން އުމުރެއްގައި ހޯދި ކުޅުންތެރިޔާ ކަމަށްވާ މިލާނުގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އެވެ. ނަޕޯލީ ނިސްބަތްވާ ނޭޕްލްސް އަށް އުފަން ޑޮންނަރުއްމާ ވަނީ ފަހު ސިކުންތުގެ ކޮޅުގެ ތެރޭގައި ނަޕޯލީގެ އަރެކް މިލިޗް ގޯލްކުރިމަތިން ހުހަށް ހުރެ ޖެހި ބޯޅައެއް ސަލާމަތްކޮށްފަ އެވެ.

އަމިއްލަ ދަނޑުގައި ސަމްޕްޑޯރިއާ އަތުން ޔުވެންޓަސް މޮޅުވިއިރު ގޯލް ޖެހީ މާރިއޯ މަންޒުކިޗާއި ބެނެޑިކްޓް ހޮވެޑެސް އަދި ސާމީ ކެދީރާ އެވެ. ތިން ލަނޑު ވެސް ޖަހަން މަގުފަހިކޮށްދިނީ ޑަގްލަސް ކޮސްޓާ އެވެ.

ރޭ ރޯމް ޑާބީގައި އޭއެސް ރޯމާ އާއި ލާޒިއޯ ވަނީ 0-0 އިން އެއްވަރުވެފަ އެވެ. މި ނަތީޖާއާ އެކު 61 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ލާޒިއޯ ވަނީ ތިން ވަނަ އަށް އަރައިފަ އެވެ. އެ އަދަދަށް ޕޮއިންޓް އެއްކޮށްގެން ރޯމާ ހަތަރު ވަނައިގައި އޮތްއިރު ފަސް ވަނައިގައި 60 ޕޮއިންޓާ އެކު އޮތީ އިންޓަ މިލާނެވެ. އެ ޓީމު ވަނީ ރޭ އެޓަލާންޓާއާ 0-0 އިން އެއްވަރުވެފަ އެވެ. މިލާން އޮތީ 53 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.