އިޓަލީގެ ގައުމީ ކޯޗަކަށް މަންޗިނީ ހަމަޖައްސައިފި

ރޯމް (މޭ 15) – އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އިންޓަ މިލާނާއި މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު ރޮބާޓޯ މަންޗިނީ ހަމަޖައްސައިފި އެވެ.


މި އަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުން ޖިއަމްޕިއޭރޯ ވެންޗޫރާ ވަކިކުރުމަށް އެ މަގާމް ފުރަން މަންޗިނީއާ ހަވާލުކުރީ ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

މިއީ އިޓަލީއާ ހަވާލުވުމަށް ރަޝިއާގެ ޒެނިތު ސެއިންޓް-ޕީޓާސްބާގުގެ ކޯޗުކަމުން ވަކިވި އުމުރުން 53 އަހަރުގެ ކޯޗުގެ ބައިނަލްއަގްވަމީ ފުރަތަމަ ތަޖުރިބާ އެވެ.

އިޓަލީ ގައުމީ ޓީމަށް 1984 އިން 1994 އަށް 36 މެޗު ކުޅެދީފައިވާ ކުރީގެ ފޯވާޑަކީ ކްލަބް ލެވެލްގައި ކާމިޔާބު ކޯޗެކެވެ. އޭނާ ކޯޗިން ފެށީ 2001 ވަނަ އަހަރު ފިއޮރެންޓީނާ އިންނެވެ. އޭގެ ފަހުން ލާޒިއޯ އަށް ވެސް އިރުޝާދު ދިނުމަށް ފަހު 2004 އިން 2008 އަށް އިންޓަ އަށް ކޯޗުކޮށްދީ އިޓާލިއަން ލީގު ތިން ފަހަރު އަދި އިޓާލިއަން ކަޕް ދެ ފަހަރު ކާމިޔާބުކޮށްދިނެވެ.

އޭގެ ފަހުން ޕްރިމިއާ ލީގުގެ މެންޗެސްޓާ ސިޓީއާ ހަވާލުވެ އެ ޓީމަށް ޕްރިމިއާ ލީގާއި އެފްއޭ ކަޕް ހޯދައިދިނެވެ. މަންޗިނީ އެންމެ ފަހުން ކޯޗުކޮށްދިނީ ތުރުކީގެ ގަލަތަސަރާއީގެ އިތުރުން އިންޓަ އާއި ޒެނިތަށެވެ.

މަންޗިނިއާ އެކު އިޓަލީ ޓީމަށް ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. އެގޮތުން އޭނާގެ ކޯޗުކަމުގެ ދަށުން އިންޓަ އާއި ސިޓީ އަށް ކުޅުނު މާރިއޯ ބަލޮޓެލީ އަށް އަލުން ފުރުސަތު ދޭނެ ކަމަށް ލަފާކުރެވެ އެވެ.