2014 ގެ ތަރި އަށް ޖަރުމަން ޓީމުން ޖާގައެއް ނުލިބުނު

މިއުނިކް (މެއި 16) - ޖަރުމަނަށް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްދިން ލަނޑު ޖެހި ބޮރޫޝިއާ ޑޯޓްމަންޑުގެ ވިންގް މާރިއޯ ގޮޓްޒާ އަށް މި ފަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރާ ޓީމުން ފުރުސަތު ނުލިބުނެވެ.


އަންނަ މަހު ރަޝިއާގައި ފަށާ މުބާރާތަށްދާ ޖަރުމަނު ޓީމުގެ ޕްރޮވިޝަަނަލް ސްކޮޑުގައި ގޮޓްޒާގެ ނަން ނުހިމެނެ އެވެ. މި ސްކޮޑުގައި 27 ކުޅުންތެރިން ހިމެނޭއިރު، މުބާރާތުގެ ކުރިން އިތުރު ހަތަރު ކުޅުންތެރިއަކު ބާކީ ކުރާނެ އެވެ.

އަނިޔާގެ މައްސަލަތަކުގެ ސަބަބުން ގޮޓްޒާ އަށް ފަހަކަށް އައިސް އެންމެ ރަނގަޅު ކުޅުން ދައްކަން ވަނީ އުނދަގޫތަކެއް ކުރިމަތިވެފަ އެވެ. ފަހަކަށް އައިސް ޖަރުމަނު ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ވެސް ގޮޓްޒާ އަށް ޖަރުމަނު ކޯޗު ޔަކީމް ލޯ ފުރުސަތު ނުދެ އެވެ.

މި ފަހަރު ޓީމުގައި ހިމެނޭ ކުޅުންތެރިންނަށް ބަލާއިރު އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރި ބަޔާން މިއުނިކްގެ ކީޕަރު މެނުއަލް ނޯޔާ ވަނީ ޓީމުގައި ހިމަނައިފަ އެވެ. ސެޕްޓެމްބަރު މަހު ފަޔަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހުނު ނޯޔާގެ މެޗު ފިޓްނަސް ކުރިއަށް އޮތް ދުވަސްތަކުގައި ޓެސްޓް ކުރާނެ ކަމަށް ޖަރުމަނު އެފްއޭ އިން ދާދި ފަހުން ވަނީ ބުނެފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން ޖަރުމަނު ޓީމުގައި ހިމެނުނީ މެންޗެސްޓާ ސިޓީގެ ލިރޯއި ސާނޭ އާއި އިލްކާއި ގުންޑޮގާން، އާސެނަލްގެ މެސުޓް އޮޒިލް އާއި ޗެލްސީގެ އެންޓޯނިއޯ ރޫޑިގާ ހިމެނެ އެވެ.

ވޯލްޑް ކަޕްގައި ޖަރުމަނު ހިމެނެނީ މެކްސިކޯ އާއި ދެކުނު ކޮރެއާ އަދި ސްވިޑެންއާ އެކު ގްރޫޕް އެފްގަ އެވެ.

ޖަރުމަނު ސްކޮޑު

ގޯލްކީޕަރުން: ބާންޑް ލެނޯ (ބަޔާ ލެވަކޫސަން)، މާކް އަންދްރޭ ޓާ ސްޓެގެން (ބާސެލޯނާ)، ކެވިން ޓްރަޕް (ޕީއެސްޖީ)، މެނުއަލް ނޯޔާ (ބަޔާން މިއުނިކް)

ޑިފެންޑަރުން: ޖެރޯމް ބޯޓެން (ބަޔާން މިއުނިކް)، މަތިއަސް ގިންޓާ (މޮންޗެންގްލަޑްބެކް)، ޔޮނަސް ހެކްޓާ (ކޮލޯން)، މެޓް ހަމެލްސް (ބަޔާން މިއުނިކް)، ޔޯޝުއާ ކިމިޗް (ބަޔާން މިއުނިކް)، މާވިން ޕްލެޓެންހާޑް (ހާތާ ބާލިން)، އެންޓޯނިއޯ ރޫޑިގާ (ޗެލްސީ)، ނިކްލަސް ސޫލާ (ބަޔާން މިއުނިކް)، ޔޮނަތަން ޓާ (ބަޔާ ލެވަކޫސަން)

މިޑްފީލްޑަރުން: ޖޫލިއަން ބްރަންޑް (ބަޔާ ލެވަކޫސަން)، ޖޫލިއަން ޑްރެކްސްލާ (ޕީއެސްޖީ)، ލެއޯން ގޮރެޓްސްކާ (ޝާލްކާ)، އިލްކާއި ގޮންޑޮގާން (މެންޗެސްޓާ ސިޓީ)، ސެމީ ކެޑީރާ (ޔުވެންޓަސް)، ޓޯނީ ކްރޫސް (ރެއާލް މެޑްރިޑް)، މެސުޓް އޮޒިލް (އާސެނަލް)، ސަބެސްޓިއަން ރޫޑީ (ބަޔާން މިއުނިކް)، ލެރޯއީ ސާނޭ (މެންޗެސްޓާ ސިޓީ)

ފޯވާޑުން: މާރިއޯ ގޯމޭޒް (ސްޓުޓްގާޓް)، ތޯމަސް މުލާ (ބަޔާން މިއުނިކް)، ނިލްސް ޕެޓަސަން (ފްރެއިބާގް)، މާކޯ ރެއުސް (ބޮރޫޝިއާ ޑޯޓްމަންޑް)، ޓިމޯ ވާނާ (އާރްބީ ލިޕްޒިގު)