ވިކްޓަރީ ބަލިކޮށް ޕޮލިސް ދެ ވަނަ ބުރަށް

ވެޓެރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަަތަމަ ބުރުގެ ޕްލޭއޮފް މެޗުގައި ޕެނަލްޓީ ޖަހައިގެން ވިކްޓަރީ 7-6 އިން ބަލިކޮށް ޕޮލިސް ކްލަބް މުބާރާތުގެ ދެ ވަނަ ބުރުގެ ފަހު ޖާގަ ހޯދައިފި އެވެ.


ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ޕޮލިހުގެ ލަނޑުތައް ކާމިޔާބުކުރީ އަލީ މުސްތަފާ އާއި މަހުމޫދު ޒަމީން އެވެ. ވިކްޓަރީގެ އެއް ލަނޑު މުހައްމަދު ނަޒީހު ޖެހިއިރު، އަނެއް ލަނޑަކީ ޕޮލިހުގެ މުހައްމަދު ޝަމީމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ޕެނަލްޓީގައި ޕޮލިހުން ފޮނުވާލި ފަސް ޕެނަލްޓީ ވެސް ކާމިޔާބުކުރި އެވެ. އެ ޓީމުގެ ޕެނަލްޓީތަށް ފޮނުވާލީ ހުސެއިން ޝިފާޒް، މަހުމޫދު، އަންދާޒް މުހައްމަދު، ޝަމީމް އަދި އަބްދުﷲ އިބްރާހިމް މަނިކް އެވެ. ވިކްޓަރީން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ނަޒީހު ޖެހި ޕެނަލްޓީ އެވެ. އެ ޓީމުން ޕެނަލްޓީ ކާމިޔާބުކުރީ އިސްމާއިލް އަނިލް، އަހުމަދު ނިޔާޒް، ނާފިއު މުހައްމަދު އަދި އަހުމަދު ޒިޔާމް އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކީ ޕޮލިހުގެ މަހުމޫދު އެވެ. މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވިކްޓަރީގެ ޒިޔާމް އެވެ.

މުބާރާތުގެ ދެ ވަނަ ބުރުން ޖާގަހޯދީ ގްރޫޕް އޭ އިން މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ވެލެންސިއާ އާއި މާޒިޔާ އެވެ. ގްރޫޕް ބީ އިން ދެ ވަނަ ބުރަށް ދިޔައީ އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓާއި ދިވެހި ސިފައިންގެ ކްލަބް އެވެ.

ފުރަތަމަ ބުރަށް ފަހު މުބާރާތުން ކެޓީ އީގަލްސް އާއި ވިކްޓަރީ އެވެ. ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ވެލެންސިއާ ނުކުންނާނީ ދިވެހި ސިފައިންގެ ކްލަބާ ދެކޮޅަށެވެ.

ކުޜިގެ ތަރިންނަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ރޯދަ މަހު ކުރިން އެފްއޭއެމުން މި މުބާރާތް ބޭއްވި ނަމަވެސް ފަހަކަށް އައިސް މި މުބާރާތް ބޭއްވީ އެކި ފަރާތްތަކުންނެވެ. މީގެ ކުރިން ސޮކަ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވިއިރު، މި މުބާރާތް ފާއިތުވި އަހަރުތަކުގައި ބާއްވާފައިވަނީ މޯލްޑިވްސް ސޮކަ މޭޓްސް އިންނެވެ.

މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެލެންސިއާ އެވެ. އެ ޓީމު ވަނީ މި މުބާރާތުގެ ތަށި ހަތަރު ފަހަރު އުފުލާލައިފަ އެވެ.