ވެޓްރަންސް ކަޕް: ސިފައިން އަތުން ބަލިވެ ޕޮލިސް ކަޓައިފި

ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށްދާ ވެޓްރަންސް ކަޕްގައި މިއަދު ކުޅުނު މެޗުން 2-1 އިން ދިވެހި ސިފައިންގެ ކްލަބް އަތުން ބަލިވެ ޕޮލިސް ކްލަބް މުބާރާތުން ކަޓައިފި އެވެ.


ޕޮލިސް ކެޓީ ބާކީ އެ ޓީމަށް އޮތް މެޗުން މޮޅުވި ނަމަވެސް ދެ ވަނަ ބުރުގެ ލީގު ތާވަލްގެ ގަދަ ތިނެއްގައި އެ ޓީމަށް ނިންމައިނުލެވޭނެތީ އެވެ. މި މެޗުން މޮޅުވި ސިފައިންގެ ޓީމަށް ވެސް ފައިނަލަށް ދިއުމުގެ އަމިއްލަ ބާރެއް ނެތެވެ.

ދެ ވަނަ ބުރުގެ ތާވަލްގެ އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު ވެލެންސިއާ އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ހަތަރު ވަނައިގައި އޮތް ސިފައިންނަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ޕޮލިހަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ފައިނަލުގެ ސީދާ ޖާގަ ލިބޭނީ މި ބުރުގެ އެއް ވަނައަށްދާ ޓީމަކަށެވެ. އަނެއް ޖާގަ ލިބޭނީ ދެ ވަނަ އާއި ތިން ވަނައިގެ މެދުގައި ކުޅޭ ސެމީ މެޗުން މޮޅުވާ ޓީމަކަށެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ސިފައިންގެ ދެ ލަނޑު ވެސް ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު މުހައްމަދު ރަމީޒް (ރަމީ) އެވެ. ޕޮލިހުން ޖެހި ގޯލަކީ ސިފައިންގެ އަހުމަދު ނާޝިދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ.

މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ މި މުބާރާތުގައި މެޗަކުން ބަލިވެފައިނުވާ ވެލެންސިއާ އާއި ދެ ވަނަ ބުުރުގައި ރަނގަޅު ރެކޯޑަކާ އެކު އޮތް މާޒިޔާ އެވެ. މާޒިޔާ މިހާތަނަށް މި މުބާރާތުގައި ބަލިވެފައިވަނީ ވެސް ވެލެންސިއާ އަތުންނެވެ. މާދަމާގެ މެޗުން ވެލެންސިއާ މޮޅުވެއްޖެނަމަ ފައިނަލުގެ ސީދާ ޖާގަ އެ ޓީމަށް ޔަގީންވާނެ އެވެ. މާޒިޔާ މޮޅުވެއްޖެނަމަ އެ ޓީމަށް ފައިނަލުގެ ފުރުސަތު ބޮޑުވާނެ އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެންމެ ފަހުން ދެ ފަހަރު ވެސް ހޯދީ ނިއު އެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެލެންސިއާ އެވެ. އެ ޓީމު ވަނީ މި މުބާރާތުގެ ތަށި ހަތަރު ފަހަރު އުފުލާލައިފަ އެވެ. އޭގެ އިތުރުން ސޮކަ ވެޓެރަންސް އިން ވެސް ވަނީ މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.