ވެޓްރަންސް ކަޕް: މާޒިޔާ ބަލިކޮށް ވެލެންސިއާ ފައިނަލަށް

ކުރީގެ ފުޓްބޯޅަ ކުޅުންތެރިންނަށް ހާއްސަކޮށްގެން ކުރިއަށްދާ ވެޓްރަންސް ކަޕްގައި މިއަދު ކުޅުނު މެޗުން 2-1 އިން މާޒިޔާ ބަލިކޮށް މުބާރާތުގެ ފައިނަލުގެ ޖާގައެއް ވެލެންސިއާ ކަށަވަރުކޮށްފި އެވެ.


ވެލެންސިއާ ވަނީ މި މުބާރާތުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ. މިއަދުގެ މެޗާ އެކު އެ ޓީމަށް ދެ ވަނަ ބުރުގެ މެޗުތައް ނިމުނުއިރު، އެ ޓީމު އެއް ވަނައިގައި އޮތީ 12 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް ލިބިފައިވަނީ ހަ ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ހަތަރު ވަނައިގައި އޮތް ސިފައިންނަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އެންމެ ފުލުގައި އޮތް ޕޮލިހަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. އެ ޓީމު ވަނީ މުބާރާތުން ކަޓައިފަ އެވެ.

ފައިނަލުގެ ސީދާ ޖާގަ ވެލެންސިއާ އަށް ލިބުނުއިރު، ދެ ވަނަ ޖާގަ ލިބޭނީ ލީގު ބުރުގެ ދެ ވަނަ އާއި ތިން ވަނައިގެ މެދުގައި ކުޅޭ ސެމީ ފައިނަލް މެޗުން މޮޅުވާ ޓީމަކަށެވެ.

ޓާފް އެއް ނަމްބަރު ދަނޑުގައި މިއަދު ކުޅުނު މެޗުގައި ވެލެންސިއާގެ ލަނޑުތައް ކާމިޔާބުކުރީ އަބްދުﷲ އިބްރާހިމް އާއި މުހައްމަދު އިބްރާހިމް އެވެ. މާޒިޔާގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ އިސްމާއިލް މަހަފޫޒް (އިންމަ) އެވެ.

މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މި މުބާރާތުގައި ވެލެންސިއާ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހުތާރް ނަސީރު (ޓޫކިލޯ) އެވެ. މެޗުގެ 45 އަހަރުން މަތީގެ މޮޅު ކުޅުންތެރިއަކީ ޔޫސުފް އަޒީމް (ޔޫއްޓޭ) އެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ނިއު ބައްދަލުކުރާނީ ޕޮލިހާ އެވެ. މި މެޗުން މޮޅުވެއްޖެނަމަ ނިއު އަށް ސެމީގެ ޖާގައެއްގެ ފުރުސަތު ބޮޑުވާނެ އެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އެންމެ ފަހުން ދެ ފަހަރު ވެސް ހޯދީ ނިއު އެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކީ ވެލެންސިއާ އެވެ. އެ ޓީމު ވަނީ މި މުބާރާތުގެ ތަށި ހަތަރު ފަހަރު އުފުލާލައިފަ އެވެ. އޭގެ އިތުރުން ސޮކަ ވެޓެރަންސް އިން ވެސް ވަނީ މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.