ރެއާލުގެ ކޯޗަކަށް ސްޕެއިންގެ ކޯޗު ލޮޕެޓީގު ހަމަޖައްސައިފި

މެޑްރިޑް (ޖޫން 12) - ހުސްވެފައިވާ ރެއާލް މެޑްރިޑްގެ ކޯޗުގެ މަގާމާ ހަވާލުވާނީ ސްޕެއިން ގައުމީ ޓީމުގެ ކޯޗު ޖޫލެން ލޮޕެޓީގު ކަމަށް އެ ކްލަބުން ހާމަކޮށްފި އެވެ. ލޮޕެޓީގް އެ ޓީމާ ހަވާލުވާނީ އަންނަ ބުރާސްފަތި ދުވަހު ރަޝިއާގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފަހު އެވެ.


ރެއާލުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޓީމުގެ ކޯޗުކަމާ ލޮޕެޓީގު ހަވާލުވާނީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

ޖެހިޖެހިގެން ތިން އަހަރު ރެއާލަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދީ ތާރީހުން ޖާގަ ހޯދުމަށް ފަހު ޒިނެދިން ޒިދާން ވަނީ ރެއާލްގެ ކޯޗުކަމުން އިސްތިއުފާ ދީފަ އެވެ. އެއާ އެކު ރެއާލުން ވަނީ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ.

ރެއާލުން އެންމެ ފުރަތަމަ މަސައްކަތްކުރީ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ގެންނާށެވެ. އެކަމު ޕޮޗެޓީނޯ ޓޮޓެންހަމްގައި މަޑުކުރަން ނިންމުމުން ރެއާލުން ވިސްނުން ބަދަލުކުރި އެވެ. ފަހުން އެ ޓީމުން ކުރީގެ ތަރި ގުޓީ ގެންނަން މަސައްކަތް ކުރި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ކުރިން ގޯލްކީޕަރަކަށް ކުޅުނު ލޮޕެޓީގް ވަނީ 1988 އިން 1991 އަށް ރެއާލަށް ކުޅެފަ އެވެ. އަދި ފަހުން އޭނާ ވަނީ ރެއާލުގެ އެންމެ ބޮޑު ވާދަވެރިން ކަމަށްވާ ބާސެލޯނާ އަށް ވެސް ކުޅެފަ އެވެ.

އުމުރުން 51 އަހަރުގެ ލޮޕެޓީގުގެ ކޯޗިން ކެރިއަރު ފެށުނީ 2003 ވަނަ އަހަރު ސްޕެއިން 17 އަހަރުން ދަށުގެ ޓީމުގެ އެސިސްޓެންޓެއްގެ ގޮތުގަ އެވެ. ފަހުން ސްޕެއިންގެ ކްލަބް ރަޔޯ ވަޔޮކާނޯ އަށް ކޯޗުކޮށްދިނުމަށް ފަހު ރެއާލުގެ ޔޫތު ޓީމުގައި ވެސް މަސައްކަތްކުރި އެވެ.

އޭގެ ފަހުން އޭނާ ވަނީ ސްޕެއިނުގެ ތިން އުމުރު ފުރައެއްގެ ގައުމީ ޓީމުތަކުގައި މަސައްކަތްކޮށްފަ އެވެ. ސްޕެއިން ސީނިއާ ގައުމީ 2016 ވަނަ އަހަރު ހަވާލުވުމުގެ ކުރިން ލޮޕެޓީގް ވަނީ ދެ ސީޒަނުގައި ޕޯޗުގަލްގެ ޕޯޓޯ އަށް ވެސް ކޯޗުކޮށްދީފަ އެވެ.

ސްޕެއިން ގައުމީ ޓީމާ ހަވާލުވެ ލޮޕެޓީގް އަންނަނީ އެ ކްލަބްގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުންނެވެ. އެ ޓީމުން ވަނީ ބަލިނުވެ 20 މެޗު ފުރިހަމަ ކޮށްފަ އެވެ. މި ފަހަރު ސްޕެއިން ޓީމު ގޮވައިގެން އޭނާ ފުރަތަމަ ބޮޑު މުބާރާތައް ނުކުންނައިރު، މި ވެގެންދާނީ އޭނާގެ ކޯޗިން ކެރިއަރުގެ މިހާތަނަށް އެންމެ ބޮޑު މަސައްކަތަށެވެ. އެންމެ ފަހުން ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓި ނަމަވެސް ސްޕެއިން އަކީ މި ފަހަރުގެ މުބާރާތުގެ ފޭވަރިޓެކެވެ.

ރެއާލާ ހަވާލުވުމަށް ފަހު ލޮޕެޓީގް އެންމެ ފުރަތަމަ ކުރަން ޖެހޭނެ މަސައްކަތަކީ އެ ޓީމުގެ ދެ ތަރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގަރެތު ބޭލްގެ މުސްތަގުބަލާ މެދު ގޮތެއް ނިންމުމެވެ. އަދި ރެއާލުން ޕީއެސްޖީ އަށް ކުޅޭ ބްރެޒިލްގެ ތަރި ނޭމާ ގެންނަން މަސައްކަތްކުރަމުންދާއިރު، އެ ޓްރާންސްފާގެ ކަންތައްތަކަށް ވެސް ގޮތެއް ނިންމާނީ ލޮޕެޓީގް ކަމަށް ބެލެވެ އެވެ.