ނާސިރު ރަނގަޅު ފުރުސަތެއްގެ އިންތިޒާރުގައި

މިދިޔަ އަހަރުގެ އުރީދު ޕްރިމިއާ ލީގުގައި ށ. މިލަންދޫ ޓީމު ގޮވައިގެން ކުރެވުނު މަސައްކަތާ ދޭތެރޭ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި ރަނގަޅު ހުށަހެޅުމެއް ލިބިއްޖެއްޔާ މާލޭ ޓީމަކަށް ދާން ތައްޔާރު ކަމަށް ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު މުހައްމަދު ނާސިރު ބުނެފި އެވެ.


މި އަހަރުގެ މިނިވަން ޗެމްޕިއަންޝިޕުގެ އަތޮޅު ބުރުގައި އޭނާ އުފަން ރަށް ހދ. ހަނިމާދޫ އަށް އަދި ފައިނަލް ބުރުގައި ހއ. މުރައިދޫ އަށް ކޯޗުކޮށްދިނެވެ. އެކަމަކު ޕްރިމިއާ ލީގާ ހަމަޔަށް އާދެވޭ ގޮތެއް ނުވި އެވެ.

މިދިޔަ އަހަރުގެ ޕްރިމިއާ ލީގުގައި ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ މަދު ކުޅުންތެރިންތަކެއް ގޮވައިގެން ނާސިރު ޖުމްލަ ގޮތެއްގައި ކުޅުނު ގިނަ މެޗުތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރުނެވެ. ފުރަތަމަ ޑިވިޝަނުގެ ނަން މަޝްހޫރު ގިނަ ކޯޗުން ވަނީ މިލަންދޫ ގޮވައިގެން ނާސިރު ދެއްކި ކުޅުމަށް މަރުހަބާ ކިޔައިފަ އެވެ. އޭގެ ތެރޭގައި ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އާއި ނިއު ރޭޑިއަންޓުގެ ކޯޗު އޮސްކާ ބްރުޒޮން އަދި ވިކްޓަރީ އާއި ގދ. ތިނަދޫ ޓީމަށް މިދިޔަ އަހަރު ކޯޗުކޮށްދިން އަލީ ސުޒޭން ހިމެނެ އެވެ.

"އެކި ޓީމުތަކުން ވާހަކަދައްކާ. ކޯޗިންގައި ކުރާ މަސައްކަތް ހުއްޓައެއްނުލަން. ފުރުސަތެއް ލިބުނިއްޔާ ބޭނުން ހިފާނަން،" ހަނިމާދޫގައި ދިރިއުޅޭ ނާސިރު ބުންޏެވެ. "ރަނގަޅު ހުށަހެޅުމެއް ލިބިއްޖެއްޔާ ދާގޮތަށް މިހިރީ."

ޒޯން މުބާރާތުގައި ހަނިމާދޫ ޓީމަށް ކުޅެނިކޮށް 2003 ވަނަ އަހަރު ނިއު ރޭޑިއަންޓަށް ގެނައި ޑިފެންޑަރު ވަނީ އެ ޓީމަށް ހަ އަހަރު ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެ ޓީމުން 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ތިން ވަނަ ހޯދިއިރު އޭނާ ވަނީ ޑިފެންސުގައި ވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ. އަދި 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ގައުމީ ޓީމުގެ ފަހަތް ވެސް އޭނާ ބެލެހެއްޓި އެވެ.