2026 ވަނަ އަހަރު ވޯލްޑް ކަޕް އުތުރު އެމެރިކާގައި!

މޮސްކޯ (ޖޫން 13) - ފީފާ ވޯލްޑް ކަޕް 2026 ވަނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވަން ފީފާގެ މެމްބަރުން ފާސްކޮށްފި އެވެ.


މޮސްކޯގައި މިއަދު ބޭއްވި ފީފާ ކޮންގްރެސްގައި ނެގި ވޯޓް އުތުރު އެމެރިކާގެ ތިން ގައުމުން ކާމިޔާބުކުރީ އެފްރިކާގެ ގައުމެއް ކަމަށްވާ މޮރޮކޯއާ ވާދަކޮށް 134 ވޯޓް ހޯދައިގެންނެވެ. މޮރޮކޯ އަށް ލިބުނީ 65 ވޯޓެވެ. މިއީ ވޯލްޑް ކަޕް ބާއްވާނެ ގައުމު ކަނޑައެޅުން ފީފާގެ ހުރިހާ މެމްބަރުންނަށް ހުޅުވާލައިގެން ކޮންގްރެސްއެއްގައި ނެގި ފުރަތަމަ ފަހަރެވެ.

އަދި މިއީ އެއް ގައުމަށް ވުރެ ގިނަ ގައުމު ގުޅިގެން ވޯލްޑް ކަޕް ބާއްވާން ފުރުސަތު ދިން ދެ ވަނަ ފަހަރެވެ. ކުރިން ބޭއްވީ 2002 ވަނަ އަހަރު ކޮރެއާ އާއި ޖަޕާނުގަ އެވެ.

މި ބިޑް ކާމިޔާބުވުމާ އެކު މެކްސިކޯ ވެފައިވަނީ ތިން ވަނަ ފަހަރަށް ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ލިބޭ ފުރަތަމަ ގައުމަށެވެ. އެންމެ ފުރަތަމަ 1970 ވަނަ އަހަރު މެކްސިކޯގައި ބޭއްވިއިރު 1986 ވަނަ އަހަރު ފުރުސަތު ލިބުނީ ކޮލަމްބިއާ އަށް ކުރިމަތިވި މާލީ ދަތިކަމާ ހެދި ބޭއްވެން ނެތުމުންނެވެ. އަދި މިއީ އެމެރިކާގައި މުބާރާތް ބާއްވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ބޭއްވީ 1994 ވަނަ އަހަރެވެ. އެ ގައުމުގައި އޭރު ފުޓްބޯޅައިގެ މަގުބޫލުކަން ކުޑަ ނަމަވެސް އެ މުބާރާތަކީ އެވްރެޖްކޮށް އެންމެ ގިނަ ބަޔަކު ކުޅިބަލަން ވަން މުބާރާތެވެ. ބިޑުގައި ދެން ހިމެނޭ ކެނެޑާގައި މީގެ ކުރިން ވޯލްޑް ކަޕް ބާއްވާފައެއް ނުވެ އެވެ.

އުތުރު އެމެރިކާ ބިޑުގައިވާ ގޮތުން ތިން ގައުމުގެ 16 ސިޓީއެއްގައި ވޯލްޑް ކަޕުގެ މެޗުތައް ބާއްވާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމެރިކާގެ 10 ސިޓީއަކާއި ކެނެޑާ، މެކްސިކޯގެ ތެރެއިން ކޮންމެ ގައުމެއްގެ ތިން ސިޓީ އެވެ. ފައިނަލް މެޗު އޮންނާނެ ކަމަށް ބެލެވެނީ ނިއު ޔޯކް ސިޓީގައި ހުންނަ 82،500 މީހުންގެ ޖާގައިގެ މެޓްލައިފް ސްޓޭޑިއަމުގަ އެވެ.

އުތުރު އެމެރިކާ ބިޑުގައި ވަނީ މުބާރާތުން ފީފާ އަށް 14.3 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ބުނެފަ އެވެ. ހަރަދު ކެނޑުމަށް ފަހު ފީފާ އަށް 11 ބިލިއަން ޑޮލަރުގެ ފައިދާއެއް ވާނެ ކަމަށް ކުރިން ވަނީ ބުނެފަ އެވެ. މޮރޮކޯ އިން އަންދާޒާކޮށްފައިވަނީ އެ ގައުމުގައި ބާއްވައިގެން 7.2 ބިލިއަން ޑޮލަރު ފީފާ އަށް ލިބޭނެ ކަމަށެވެ.

ތިން ގައުމެއް ގުޅިގެން ބޮޑު ސިންގާ ބައްރެއްގައި ވޯލްޑް ކަޕް ބޭއްވުމުގެ ސަބަބުން ސަޕޯޓަރުންނާއި ކުޅުންތެރިން އެތެރޭގެ ދަތުރަކަށް ހޭދަކުރަން ޖެހޭ ވަގުތު ދިގުވާނެ އެވެ. އަދި ޔޫރަޕާއި އޭޝިއާ އަށް ރަނގަޅު ވަގުތަކަށް މެޗުތައް ހަމަޖެއްސުމަށްޓަކައި މެޗު ކުޅެން ޖެހޭ ގަޑި އަށް ބަދަލުތަކެއް ގެންނަން ޖެހޭނެ އެވެ.

މެކްސިކޯއާ ގުޅިގެން އެމެރިކާ އިން ވޯލްޑް ކަޕް ބާއްވާއިރު އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އެމެރިކާ އާއި މެކްސިކޯ ބޯޑަރުގައި ފާރެއް ބިނާކުރައްވާނެ ކަމަށް ރިޔާސީ ކެމްޕެއިނުގައި ވިދާޅުވެފަ އެވެ. އެކަމަކު އެމެރިކާ ފުޓްބޯޅައިގެ އިސްވެރިޔާ ކޮޑެއިރޯ ކުރިން ވިދާޅުވީ ފީފާ މެމްބަރުން ވޯޓްދޭއިރު ސިޔާސީ ކަންކަން އެއްފަރާތް ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

މި އަހަރުގެ ވޯލްޑް ކަޕް މާދަމާ ރަޝިއާގައި ފަށާނެ އެވެ. އަދި ދެން އޮންނަ ވޯލްޑް ކަޕް 2022 ވަނަ އަހަރު އޮންނާނީ ގަތަރުގަ އެވެ. އެހެންވެ 2026 ވަނަ އަހަރުގެ މުބާރާތަށް ބިޑްކުރުމުގެ ފުރުސަތެއް ޔޫރަޕާއި އޭޝިއާ އަށް ނެތެވެ.