ރާއްޖެ އާއި ދެކުނު އޭޝިއާގެ ވޯޓްތައް އެމެރިކާ ބިޑަށް

ފީފާ ވޯލްޑް ކަޕް 2026 ވަނަ އަހަރު ބާއްވާ ގައުމު ކަނޑައެޅުމަށް މިއަދު ނެގި ވޯޓުގައި ދިވެހިރާއްޖެން ވޯޓް ދިނީ، ވޯޓް ކާމިޔާބުކުރި އުތުރު އެމެރިިކާގެ ބިޑަށެވެ.


އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން މުބާރާތް ބާއްވަން ހުށަހެޅި ޕްރޮޕޯސަލަށް ފީފާގެ މެމްބަރުންގެ ތެރެއިން 134 ގައުމަކުން ވޯޓް ދިނެވެ. ދެން ވާދަކުރި މޮރޮކޯ އަށް ލިބުނީ 65 ވޯޓެވެ. ވޯލްޑް ކަޕް ބާއްވާނެ ގައުމު މީގެ ކުރިން ފީފާގެ އެގްޒެކެޓިވް ކޮމިޓީން ކަނޑައަޅަމުން އައިއިރު މިއީ ހުރިހާ ގައުމަކަށް ފުުރުސަތު ދީގެން ކޮންގްރެސްގައި އެކަން ނިންމި ފުރަތަމަ ފަހަރެވެ.

މިއަދުގެ ކޮންގްރެސްގައި ރާއްޖެ ތަމްސީލްކުރެއްވީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒެވެ.

ރާއްޖެ ހިމެނޭ ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ގެ އެހެން މެމްބަރުން ކަމަށްވާ ބަންގްލަދޭޝް، އިންޑިއާ، ސްރީ ލަންކާ، ޕާކިސްތާން، ބޫޓާން، ނޭޕާލް ވޯޓް ދިނީ އުތުރު އެމެރިކާގެ ބިޑަށެވެ. ކުރިން މި ޖަމާއަތުގައި އޮތް އަދި މިހާރު ސެންޓްރަލް ފެޑެރޭޝަނަށް ބަދަލުވެފައިވާ އަފްގާނިސްތާނުން ވެސް ވޯޓް ދިނީ އެގޮތަށެވެ.

ވޯލްޑް ކަޕުގެ އެންމެ ކާމިޔާބު ގައުމު ބްރެޒިލުން ވޯޓް ދިނީ މޮރޮކޯ އަށެވެ. ޖޯގްރަފިކަލީ އެއް ބަރެއްކަމުން ގިނަ ބަޔަކު ހީކުރީ ބްރެޒިލުން ވޯޓް ދޭނީ އެމެރިކާ އަށް ކަމަށެވެ. ދެކުނު އެމެރިކާގައި ދެން ހިމެނޭ ފުޓްބޯޅައިގެ ގަދަބާރު އާޖެންޓީނާ އިން ވޯޓް ދިނީ އުތުރު އެމެރިކާ ބިޑަށެވެ. ވޯލްޑް ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ އިޓަލީން މޮރޮކޯ އަށް ވޯޓްދިން އިރު ޖަރުމަން އޮތީ އެމެރިކާ ކޮޅުގަ އެވެ. މޮރޮކޯއާ ދާދި ގާތުގައި އޮތް ސްޕެއިނުން ވޯޓުގައި ބައިވެރިނުވެ އެވެ.

އެމެރިކާގެ ބޮޑު ހަތުރެއްގެ ގޮތުގައި އޮތް އެކަމަކު މުޅި ދުނިޔެ ހައިރާންކޮށްލުމަށް ފަހު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ އެ ގައުމެއްގެ ރައީސް އިއްޔެ ބައްދަލުކުރެއްވި އުތުރު ކޮރެއާ އިން ވޯޓް ދިނީ މޮރޮކޯ އަށެވެ.

އަރަބި ގައުމުތަކަށް ބަލާއިރު ސައޫދީ އަރަބިއާ، ޖޯޑަން، ލެބަނަން، ޔޫއޭއީ އިން އެމެރިކާ އަށް ވޯޓް ދިންއިރު ގަތަރުގެ ވޯޓް ލިބުނީ މޮރޮކޯ އަށެވެ. އީރާނުން އެއްވެސް ކޮޅަކަށް ވޯޓްނުދޭއިރު އިރާގާއި ދިނީ އެމެރިކާ އަށެވެ. ޖުމްލަކޮށް ބަލާއިރު އެފްރިކާގެ ގިނަ ގައުމުތަކުން މޮރޮކޯ އަށް ތާއީދުކުރި އޭޝިއާ، ޔޫރަޕް އަދި އެމެރިކާ ބައްރުގެ މެޖޯރިޓީ ލިބުނީ އުތުރު އެމެރިކާގެ ބިޑަށެވެ.

އުތުރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕުން ފީފާ އަށް 14.3 ބިލިއަން ޑޮލަރުގެ އާމްދަނީއެއް އަދި ހަރަދު ކެނޑުމަށް ފަހު 11 ބިލިއަން ޑޮލަރުގެ ފައިދާއެއް ވާނެ ކަމަށް ލަފާކުރެވެ އެވެ.

އަނެއްކޮޅުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ ތިން ގައުމެއް ގުޅިގެން ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރަށެވެ. މީގެ ކުރިން ދެކުނު ކޮރެއާ އާއި ޖަޕާން ގުޅިގެން 2002 ވަނަ އަހަރު މުބާރާތް ބާއްވާފައިވާއިރު އެ އުސޫލަކީ ކުރީގެ ރައީސް ސެޕް ބްލެޓާ އެހާ ތާއީދުކުރެއްވި ގޮތެއް ނޫނެވެ.

އެމެރިކާގައި 1994 ވަނަ އަހަރު ވޯލްޑް ކަޕް ބާއްވާފައިވާއިރު އެއީ އަދި އަދަށް ދާންދެން ވެސް އެންމެ ގިނަ ބަޔަކު ކުޅި ބަލަން ދަނޑަށް ވަން ފަހަރެވެ. އެމެރިކާގައި ފުޓްބޯޅައިގައި މަގުބޫލުކަން ނުހަނު ދަށް ދުވަސްވަރެއްގައި އެފަދަ ކަމެއް ހާސިލްކުރެވިފައިވާތީ މި ފަހަރުގެ މުބާރާތް މާބޮޑަށް ވެސް ކާމިޔާބުކުރެވޭނެ ކަމަށް ލަފާކުރެވެ އެވެ. ބިޑުގައި ދެން ހިމެނޭ މެެކްސިކޯގައި 1970 އަދި 1986 ވަނަ އަހަރު ވޯލްޑް ކަޕް ބޭއްވިއިރު ކެނެޑާގައި ބާއްވާފައެއް ނުވެ އެވެ.