އެރިކްސަން އަށް ނުފޫޒު ނުފޯރުވޭނެ: ޓޮޓެންހަމް

ލަންޑަން (އޮގަސްޓް 9) - މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅޭ ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އެ ޓީމު ދޫކޮށްލުމަށް އެހެން އެއްވެސް ފަރާތަކަށް ނުފޫޒުނުފޯރުވޭނެ ކަމަށް ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީ ބުނެފައިވާ ކަމަށް އޭނާއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.


ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އިންޓަ މިލާނުން ރެއާލް މެޑްރިޑްގެ ލޫކަ މޮޑްރިޗް ގެންދަން ކުރާ މަސައްކަތް ކާމިޔާބުވެއްޖެނަމަ މޮޑްރިޗް ނެތްތަނަށް ރެއާލުން ބޭނުންވަނީ އެރިކްސެން ގެންދާށެވެ. ރެއާލުން މިހާރު ވަނީ މޮޑްރިޗަށް މުސާރަ ބޮޑުކުރަން ހުށަހަޅައިފަ އެވެ. އެކަމަކު އަދި މޮޑްރިޗް ގޮތެއް ނުނިންމަ އެވެ.

ރެއާލުން ވަނީ ޗެލްސީގެ ކީޕަރު ތިބައު ކޯޓުއާގެ ސޮއި ހޯދިއިރު އެ ޑީލްގެ ތެރެއިން ކްރޮއޭޝިއާގެ މިޑްފީލްޑަރު މަޓެއޯ ކޮވަސިޗް ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީ އަށް ދޫކޮށްލައިފަ އެވެ. އަދި ކޮވަސިޗް ނެތްތަން މިޑްފީލްޑަރެއް ބޭނުންވާ ކަމަށް ރެއާލުގެ ކޯޗު ހުލެން ލޮޕެޓެގީ ވަނީ ބުނެފަ އެވެ.

ޓޮޓެންހަމްގެ އާ ސްޓޭޑިއަމް ނިންމުމުގެ މަސައްކަތްތައް ކުރުމުގެ ގޮތުން އެ ޓީމުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި މާ ބޮޑު ހަރަދެއް ނުކުރަން ވަނީ ނިންމައިފަ އެވެ. އެހެން ނަމަވެސް ކިތަންމެ ބޮޑު ހުށަހެޅުމެއް އަޔަސް ޓީމުގެ މުހިއްމު ކުޅުންތެރިން ދޫކޮށްނުލާނެ ކަމަށް އެ ޓީމުން ވަނީ މީގެ ކުރިން ވެސް ބުނެފަ އެވެ.

ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެރިކްސަންގެ ސޮއިހޯދަން ރެއާލުން ވަނީ ޑެންމާކުގެ ކުރީގެ ތަރި މައިކަލް ލައުޑްރަޕްގެ އެހީއަކަށް އެދިފަ އެވެ. ލައުޑްރަޕް އަކީ ކުރިން ރެއާލަށް ކުޅުނު ކުޅުންތެރިއެކެވެ. އަދި ލައުޑްރަޕް އަކީ އެރިކްސަންގެ އޭޖެންޓް މާޓިން ޝޫޓްސްގެ ރަހުމަތްތެރިއެކެވެ.

އެރިކްސަން ގެންދަން ރެއާލުން މަސައްކަތްކުރާ ގޮތާ މެދު ޓޮޓެންހަމްގެ ޗެއާމަން ލެވީ ވަނީ ވަރަށް ބޮޑަށް ހިތްހަަމަ ނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ ނުފޫޒުފޯރުވި ނަމަވެސް އެރިކްސަން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ނުގެންދެވޭނެ ކަމަށާއި އޭނާ ހުންނާނީ އެ ޓީމުގައި ކަމަށް ބުނެފަ އެވެ.

ޓޮޓެންހަމުން މޮޑްރިޗް ރެއާލަށް ވިއްކާލީ 2012 ވަނަ އަހަރުގަ އެވެ. އެރިކްސަން ޓޮޓެންހަމަށް ބަދަލުވީ 2013 ވަަނަ އަހަރު އެވެ. ފާއިތުވި އަަހަރުތަކުގައި ޓޮޓެންހަމަށް އުމުރުން 26 އަހަރުގެ އެރިކްސަން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު

3

ވިލިމާލެ ދާއިރާ