މޮޑްރިޑް މެޑްރިޑުގެ ތަމްރީންތަކާ ގުޅިއްޖެ

މެޑްރިޑް (އޮގަސްޓް 9) – އިންޓަ މިލާނަށް ބަދަލުވުމާ ގާތުގައި ހުރި ކަމަށް ބެލެވިފައިވާ ރެއާލް މެޑްރިޑުގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކާ މޮޑްރިޗް ވޯލްޑް ކަޕުގެ ޗުއްޓީއަށް ފަހު އިއްޔެ މެޑްރިޑުގެ ފަރިތަކުރުންތަކަށް ނުކުމެއްޖެ އެވެ.


ބައެއް ރިޕޯޓްތައް ބުނި ގޮތުގައި މޮޑްރިޗަށް ތަމްރީންތަކަށް ނުނުކުމެ ލަސްކުރީ ކްލަބުގެ ޗެއާމަން ފްލޮރެންޓީނޯ ޕެރޭޒާ އެކު ވާހަކަތައް ބާއްވައި ގޮތެއް ނިންމުމަށެވެ. އިންޓަ އާއި މޮޑްރިޗުގެ މެދުގައި އެއްބަސްވުމެއް އޮތްއިރު ޕެރޭޒްގެ އާނ ބަސް ލިބުމާ އެކު ޓްރާންސްފާ ހިނގައިގަންނާނެ ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

އެކަމަކު ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް ކްލަބް ދޫކޮށްފައިވާއިރު މި ފަހަރު މޮޑްރިޗް ވިއްކާލަން މެޑްރިޑުން ބޭނުމެއް ނުވެ އެވެ. އެހެންވެ އޭނާގެ މުސާރަ ބޮޑުކުރަން ހުށަހަޅާފައިވާ ކަމަށާއި އެކަން މޮޑްރިޗް ގަބޫލުކޮށްފައިވާ ކަމަށް ވެސް ނޫސްތަކުން ބުނެ އެވެ.

މެޑްރިޑާ 2012 ވަނަ އަހަރު ގުޅުނު އުމުރުން 32 އަހަރުގެ މޮޑްރިޗަކީ މެޑްރިޑުގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ އެވެ. އަދި އޭނާ ވަނީ މި އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށް މުބާރާތުގެ މޮޅު ކުޅުންތެރިއާގެ މަގާމް ވެސް ހޯދައިފަ އެވެ. މޮޑްރިޗަށް މިހާރުދޭ 7.5 މިލިއަން ޔޫރޯގެ މުސާރަ ކުޑަކަމަށް އޭނާ ގަބޫލުކުރާ ކަމަށްވެ އެވެ. އިންޓަ އިން ހުށަހަޅާފައިވަނީ އަހަރަކު 11 މިލިއަން ޔޫރޯ އެވެ. އެކަމަކު މެޑްރިޑުން ހުށަހަޅާ އާ ކޮންޓްރެކްޓާ އެކު މި އަދަދު ބޮޑުވާނެ އެވެ.

ރެއާލް މެޑްރިޑުން ވަނީ ކްރޮއޭޝިއާގެ އަނެއް މިޑްފީލްޑަރު މަޓެއޯ ކޮވަސިޗް ލޯނެއްގެ ދަށުން ޗެލްސީއަށް ދޫކޮށްލައިފަ އެވެ.