އިނގިރޭސި ކްލަބްތަކުގެ ހަރަދު: 1.5 ބިލިއަން ޑޮލަރު!

ލަންޑަން (އޮގަސްޓް 10) - އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިން ގަތުމަށް ކުރި ހަރަދު 1.5 މިލިއަން ޑޮލަރަށް އަރައިފި އެވެ. މިއީ މިދިޔަ އަހަރުގެ ޓްރާންސްފާ މާކެޓަށް ވުރެ 269 މިލިއަން ޕައުންޑް ދަށް އަދަދެކެވެ.


މި ފަހަރު އިނގިރޭސި ކްލަބްތަކަށް އޮގަސްޓް ނުވައެއްގައި ޓްރާންސްފާ މާކެޓް ބަންދުވާ ގޮތަށް ހެދީ މިިދިޔަ ސީޒަނުގައި ކްލަބްތަކުގެ މެދުގައި ނެގި ވޯޓެއްގައި ފުރިހަމަ ތާއީދު ލިބުމުންނެވެ. އެހެން ނަމަވެސް މި މަސް ނިމުމުގެ ކުރިން ކޮންމެ ޓީމަކަށް ވެސް ލޯން އުސޫލުންނާއި ކްލަބެއް ނެތި ތިބި ކުޅުންތެރިން ގަތުމުގެ އިހުތިޔާރު އޮންނާނެ އެވެ.

މިދިޔަ އަހަރަށް ވުރެ ކުޅުންތެރިންނަށް ކުރި ހޭދަ މަދުވި ނަމަވެސް އެހެން ލީގުގެ ކުޅުންތެރިން ޕްރިމިއާ ލީގަށް ގެންނަން ކުރި ހަރަދުވަނީ އިތުރުވެފަ އެވެ. އެ ގޮތުން 998 މިލިއަން ޑޮލަރު ވަނީ އެހެން ލީގުގެ ކުޅުންތެރިން ގެންނަން ހަރަދުކޮށްފަ އެވެ. މިއީ މިދިޔަ ސީޒަނުގައި އެހެން ލީގުގެ ކުޅުންތެރިން ގެންނަން ކުރި ހޭދަ އަށް ބަލާއިރު 120 މިލިއަން ޑޮލަރު އިތުރު އަދަދެކެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓް މެއި މަހު ހުޅުވުނުއިރު، އެ މަހުގައި ފަސް ޓްރާންސްފާ ހިނގާފައިވެ އެވެ. ޖޫން މަހު 27 ޓްރާންސްފާ ހިނގިއިރު، ޖުލައި މަހު 37 ޓްރާންސްފާ ހިނގި އެވެ. އަދި އޮގަސްޓް ނުވައެއްގެ ކުރިން 14 ޓްރާންސްފާ ހިނގިއިރު، ޓްރާންސްފާގެ ފަހު ދުވަހު 25 ޓްރާންސްފާ ހިނގި އެވެ.

ޓްރާންސްފާގެ ފަހު ދުވަހުގައި އެންމެ ގިނަ ކުޅުންތެރިންގެ ސޮއި ހޯދީ މި ފަހަރު އަލުން ޕްރިމިއާ ލީގުގައި ވާދަކުރާ ލަންޑަންގެ ކްލަބް ފުލަމް އިންނެވެ. އެ ޓީމުން ވަނީ އިއްޔެ އެކަނި ވެސް ފަސް ކުޅުންތެރިންގެ ސޮއި ހޯދައިފަ އެވެ. އަދި ފުލަމް އަކީ އަލަށް ޕްރިމިއާ ލީގަށް ޕްރޮމޯޓްވުމަށް ފަހު 100 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ހަރަދުކުރި ފުރަތަމަ ޓީމެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިން ގަތުމަށް އެންމެ ބޮޑު ހޭދައެއް ކުރީ ލިވަޕޫލުންނެވެ. އެ ޓީމުން ވަނީ ހަތަރު ކުޅުންތެރިންނަށް 225 މިލިއަން ޑޮލަރު ހަރަދުކޮށްފަ އެވެ. ދެ ވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރީ ޗެލްސީ އިންނެވެ. އެ ޓީމުން 164 މިލިއަން ޑޮލަރު ވަނީ ހަރަދުކޮށްފަ އެވެ. ދެން އެންމެ ބޮޑު ހޭދައެއް ކުރި ކްލަބްތަކުގެ ތެރޭގައި ހިމެނެނީ ވެސްޓް ހޭމް އާއި ފުލަމް އަދި ވުލްވްސް އެވެ.