ކުޅުންތެރިން ތިބީ އުފަލުން: މޮރީނިއޯ

މެންޗެސްޓާ (އޮގަސްޓް 10) - ފުޓްބޯޅަ ޓީމެއްގައި އެންމެ މުހިއްމުވާނީ ކުޅުންތެރިން ކަމަށާއި މެންޗެސްޓާ ޔުނައިޓެޑްގައި ވެސް އެކަން އެގޮތަށް އޮތްއިރު، ޕްރިމިއާ ލީގުގެ އާ ސީޒަނަށް ކުރިމަތިލާއިރު ޔުނައިޓެޑްގެ ކުޅުންތެރިން ތިބީ އުފަލުން ކަމަށް އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.


މި ފަހަރުގެ ޓްރާންްސްފާ މާކެޓްގައި ޔުނައިޓެޑުން ވަނީ ތިން ކުޅުންތެރިއަކު ގެނެސްފަ އެވެ. އެއީ ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް އާއި ޕޯޓޯ އަށް ކުޅޭ ޒުވާން ޑިފެންޑަރު ޑިއޭގޯ ޑަލޮޓް އަދި ސްޓޯކް ސިޓީގެ ކީޕަރު ލީ ގްރާންޓް އެވެ.

ޓްރާންސްފާ މާކެޓް ފެށުމުގެ ކުރިން މޮރީނިއޯ ވަނީ އޭނާ ބޭނުންވާ ފަސް ކުޅުންތެރިންގެ ލިސްޓެއް ޔުނައިޓެޑްގެ ޗީފް އެގްޒެކްޓިވް އެޑް ވުޑްވާޑަށް ހުށަހަޅައިފަ އެވެ. އެކަމަކު އޭގެން އެއްވެސް ކުޅުންތެރިން ނުލިބި ޓްރާންސްފާ މާކެޓް އިއްޔެ ވަނީ ބަންދުވެފަ އެވެ.

ޔުނައިޓެޑުން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެންމެ ބޭނުންވީ ޑިފެންޑަރެކެވެ. އެކަަމަކު އެކަން ހާސިލްނުވި އެވެ. ޔުނައިޓެޑުން ފާރަލި ޑިފެންޑަރުންގެ ތެރޭގައި ލެސްޓާ ސިޓީގެ ހެރީ މެގުއާ، ބަޔާން މިއުނިކްގެ ޖެރޯމް ބޯޓެން، ޓޮޓެންހަމްގެ ޓޯބީ އަލްޑަވެއިރަލްޑް، އެތުލެޓިކޯ މެޑްރިޑްގެ ޑިއޭގޯ ގޮޑިން އަދި ބާސެލޯނާ އަށް ކުޅޭ ޔެރީ މިނާ ހިމެނެ އެވެ. މީގެ ތެރެއިން ޔެރީ މިނާ އެވަޓަން އަށް ބަދަލުވިއިރު، ބޯޓެން ދަނީ ޕީއެސްޖީއާ ވާހަކަ ދައްކަމުންނެވެ.

ޓްރާންސްފާގެ ވާހަކަތަކާ ގުޅޭގޮތުން ކުރި ގިނަ ސުވާލުތަކަށް މޮރީނިއޯ ވަނީ ޖަވާބުދޭން ދެކޮޅު ހަދައިފަ އެވެ.

"އާ ސީޒަނަށް ތައްޔާރުވާއިރު އަހަންނަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ކުޅުންތެރިން އުފަލުން ތިބުން. އެންމެ މުހިއްމީ ވެސް ކުޅުންތެރިން. އެ މީހުން ތިބީ އުފަލުން. އަހަރެންގެ ވާހަކަ ދެއްކުން މުހިއްމެއް ނޫން." މިރޭ އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މޮރީނިއޯ ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑާ ބެހޭގޮތުން މީޑިއާގައި ދައްކާ ބައެއް ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

"ތި މީހުން އަހަންނާއި އަހަރެންގެ ކުޅުންތެރިންނާ ދެމެދު މައްސަލަތަކެއް އުޅޭކަމަށް ދައްކާ ވާހަކަތައް 1000 ފަަހަރު ދެއްކިއަސް އެއީ ދޮގެއް. ދޮގުވާހަކައެއް 1000 ފަހަރު ދައްކައިގެން އެ ތެދަކަށް ހަދަން މަސައްކަތްކުރިޔަސް އަދިވެސް އެ ވާނީ ދޮގަކަށް. އަހަރެން މި ކުޅުންތެރިންނާ އެކު މަސައްކަތް މި ކުރަނީ ކުރާހިތުން،" މޮރީނިއޯ ބުންޏެވެ.

ވޯލްޑް ކަޕަށް ފަހު ޔުނައިޓެޑާ ގިނަ ކުޅުންތެރިންތަކެއް ގުޅުނީ ސީޒަން ފެށެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއެއް ކަމަށްވާ ޕައުލް ޕޮގްބާ ހުރީ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވެފައި ކަމަށް މީޑިއާގައި ދަނީ ވާހަކަ ދެކެވުމުންނެވެ.

"ޕޮގްބާ ހުރީ އުފަލުން. އޭނަ އައީ ހޯމަ ދުވަހު. އޭނަ ހުރީ ވަރަށް މަސައްކަތްކުރާހިތުން. އޭނަ ވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު ޓްރެއިނިންގައި ވަރަށް ރަނގަޅަށް މަސައްކަތްކޮށްފައި ޕްރީސީޒަންގައި ނުކުޅުނަސް. ލެސްޓާއާ ދެކޮޅަށް އޭނާ ކުޅުވުމާ މެދު ގޮތެއް ނިންމާނީ ވަރަށް ވިސްނާފައި،" މޮރީނިއޯ ބުންޏެވެ.

ޕްރީސީޒަނުގެ ތެރެއިން ދަރިއަކު ލިބޭތީ ނުވަ ދުވަހަށް ޓީމާ ވަކިވި އެންތަނީ މާޝިއަލް އަށް ލެސްޓާ މެޗުގައި ފުރުސަތު ދިނުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ. އަދި އެންމެ ފަހުން ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުގެ ސްކޮޑަށް މާޝިއަލް ނުނެގީ އޭނާ އަށް އަދަބު ދިނުމުގެ ގޮތުން ނޫން ކަމަށާއި އެއީ ސްކޮޑުގައި ތިބި ޕްރެކްޓިހުގައި ބައިވެރިވި ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށް މޮރީނިއޯ ބުންޏެވެ.

ލެސްޓާ އާއި ޔުނައިޓެޑް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.