ގޯލްކީޕަރުންނަށް ސާފްގެ މުހިއްމުކަން ބޮޑު!

ސަތާރަ އަހަރަށް ފަހު ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން ދެން ރާއްޖޭގެ ގޯލު ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވާނީ ކޮން ކީޕަރެއްތޯ އުފެދުނު ސުވާލާ ގުޅޭގޮތުން މިއަދާ ހަމައަށް ގިނަ ބަހުސްތަކެއް ވަނީ ކުރެވިފަ އެވެ. ކީޕަރުން އުފެއްދުމަށް އެފްއޭއެމުން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އިމްރާން 2016 ވަނަ އަހަރު ކުޅުން ހުއްޓާލި ފަހުން އަދި މިހާތަނަށް ރާއްޖެ ރަސްމީ މުބާރާތެއް ނުކުޅެ އެވެ. ޓީމަށް އަލުން އެނބުރި އަންނަން ދިން ފުރުސަތުގެ ބޭނުން ވެސް އިމްރާން ނުހިފި އެއް ސަބަބަކީ ޒުވާން ކީޕަރުންނަށް ފުރުސަތު ދިނުން ކަމަށްވެ އެވެ. އެއާ އެކު ކުރިމަތީގައި މި އޮތް ސާފް ސުޒުކީ ކަޕް ވެފައިމިވަނީ ދިވެހި ގޯލްކީޕަރުންނަށް މުހިއްމު މުބާރާތެއްގެ ގޮތުގަ އެވެ.


އަންނަ މަހު 4-15 އަށް ބަންގްލަދޭޝްގެ ޑާކާގައި ކުރިއަށްދާ ސާފަކީ ކުރިމަގަށް ޓީމެއް ބިނާކުރުމަށް އެފްއޭއެމުން ކުރާ މަސައްކަތުގެ ފެށުން ކަމަށް އެ އިދާރާއިން ބުނެ އެވެ. ސާފްގެ ކަޕުގެ ކުރިން ރާއްޖެ 27 ކުޅުންތެރިންނާ އެކު ގަތަރުގައި މިހާރު ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންދާއިރު، މި ވަގުތަށް ސާފްގެ ފައިނަލް ސްކޮޑުން ޖާގަ ޔަގީންވެފައި އޮތީ ތިން ކީޕަރުންނަށެވެ. އެއީ ނިއު ރޭޑިއަންޓުގެ މުހައްމަދު ފައިސަލް، ޔުނައިޓެޑް ވިކްޓަރީގެ ހަސަން ތޮލާލް (ޓޮޕްލަކް) އަދި މާޒިޔާގެ ޒުވާން ކީޕަރު ހުސެއިން ޝަރީފް (ހުސެން) އެވެ.

ފައިސަލް - ތަޖުރިބާ އާއި ހުނަރުގެ ގޮތުން ކުރީގައި

އުމުރުން 30 އަހަރުގެ ފައިސަލް އަކީ ގައުމީ ޓީމުގައި މި ވަގުތު ތިބި ތިން ކީޕަރުންގެ ތެރެއިން ތަޖުރިބާ އާއި ހުނަރަށް ބަލާއިރު އެންމެ މޮޅު ކީޕަރެވެ. ކްލަބް ލެވެލްގައި އޭނާ ކުޅެމުން އަންނަ ނިއު ރޭޑިއަންޓުގައި ދެ ވަނަ ކީޕަރަކަށް ހުރި ނަމަވެސް އޭނާގެ ހުނަރަށް ބަލާއިރު ތަފާތެވެ. ނިއު ރޭޑިއަންޓުގައި ފައިސަލް ތަމްރީން ހަދަމުން އަންނަނީ ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު ޓްރެއިނަރު ހަސަން ހަމީދު (ޑަކޭ)ގެ ބެލުމުގެ ދަށުންނެވެ. ނިއުގެ އެއް ވަނަ ކީޕަރަކަށް ހުރި އިމްރާން ރިޓަޔާކުރި ފަހުން ގައުމީ ޓީމުގެ ގޯލު ބަލަހައްޓަމުން އަންނަނީ ފައިސަލެވެ.

ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ފައިސަލް. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ގައުމީ ޓީމުގެ ކޯޗު ޕީޓަ ސެގާޓް ފައިސަލަށް އިތުބާރުކުރާ އެއް ސަބަބަކީ އޭނާ ބޭނުންވާ ސިސްޓަމަށް އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިއަކީ ފައިސަލް ކަމަށްވުމުންނެވެ. ސެގާޓްގެ ކޯޗުކަމުގައި މިހާތަނަށް ކުޅުނު ދެ މެޗުގައި ވެސް އޭނާގެ ޓީމުގައި ފައިސަލް ކުޅުނެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ފަހުން ކުޅުނު މެޗުތަކުގައި ފައިސަލްގެ ފަރާތުން ގޯސްތަކެއް ފެނުނު ނަމަވެސް އެ މެޗުތަކުގައި އެހެން ގިނަ ހާލަތްތަކެއްގައި ޓީމު ކޮޅަށް ވަންނަ ލަނޑު މަދުކުރުމަށް ފައިސަލް ރަނގަޅު ސޭވްތަކެއް ކުރި އެވެ.

މި ސީޒަނުގައި ފައިސަލަށް ގިނަ މެޗުތަކެއް ކުޅުމުގެ ފުރުސަތު ލިބިފައިނުވި ނަމަވެސް ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރު އަސްލަމް އަބްދުލް ރަހީމް މީގެ ކުރިން ބުނެފައިވަނީ ގިނަ މެޗުތަކެއްގައި ކުޅެފައިނުވި ނަމަވެސް ފައިސަލަކީ މި ވަގުތު ގައުމީ ޓީމަށް ކުޅެވޭގޮތަށް ހުރި އެންމެ ކޮލިޓީ ކީޕަރެވެ. އަދި ކުޅުންތެރިން ނެގުމުގައި އޭނާ ގެންގުޅެނީ ޓެކްނިކަލް ސަބަބުތަކެއް ކަމަށް ވެސް އޭރު ބުންޏެވެ.

ޒުވާން ގައުމީ ޓީމުގައި ވެސް މީގެ ކުރިން ފައިސަލް ވަނީ ކުޅެފަ އެވެ. އޭނާ ވަނީ ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުގެ ގޯލު ބަލަހައްޓައިފަ އެވެ. މި ހުރިހާ ކަމަކަށާއި މިހާތަނަށް ފެނިފައިހުރި ކަންތައްތަކަށް ބަލާއިރު، ފައިސަލަކީ ރާއްޖޭގެ އެއް ވަނަ ގޯލް ކީޕަރެވެ.

ހުސެއިން - މުސްތަގުބަލުގައި އެންމެ ވިދާލާނެ އެއް ކީޕަރު

ގައުމީ ޓީމުގެ ސްކޮޑުގައި މިދިޔަ ތިން އަހަރު ތެރޭގައި ގިނަ ފަހަރެއްގެ މަތިން ހުސެއިން ހިމެނުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. މެޗެއް ނުކުޅެ، ގައުމީ ޓީމުން ފުރުސަތު ދޭތީ ގިނަ ބަޔަކު އެކަމާމެދު ޝަކުވާތައް އޮއްސާލި އެވެ. އެއީ އޭރު ގަވައިދުން ކުޅެމުން އަންނަ ކީޕަރުންނަށް ޖާގަނުދޭތީ އެވެ. އެކަމަކު މި ވަގުތަށް ބަލާއިރު އުމުރުން 19 އަހަރުގެ ހުސެއިން އަކީ މާޒިޔާގެ އެއް ވަނަ ގޯލްކީޕަރެވެ.

މި އަހަރުގެ އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރުގެ ފަހު ކޮޅުން މާޒިޔާ އިން ވަނީ އެ ޓީމަށް ގެނައި އިޓަލީގެ ގޯލްކީޕަރު މައުރޯ ބޮއެޗިއޯ ދޫކޮށްލައިފަ އެވެ. އެ ހިސާބުން ޓީމުގެ ގޯލު ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުވީ ހުސެއިން އެވެ. މިދިޔަ އަހަރުތަކުގައި ސީނިއާ ޓީމުން ކުޅުމުގެ ފުރުސަތު ނުލިބި މެޗު ތަޖުރިބާގެ ގޮތުން ހުސެއިން އެންމެ ކުރީގައި ނެތް ނަމަވެސް އޭނާ އަށް ލިބިފައިވާ ހުނަރުގެ ބޭނުންކޮށް ފަހަކަށް އައިސް މާޒިޔާގައި އޭނާ ދެއްކި ކުޅުން ފާހަގަކުރަން ޖެހެ އެވެ. އެކަމަކު ސީނިއާ ގައުމީ ޓީމަށް ބަލާއިރު އަދިވެސް އޭނާ އަކީ ދަސްކުރަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ އަށް ޓްރެއިނިން އާއި މެޗު ކުޅެން ލިބުނު ވަރަކަށް ކުރިއެރުން އިތުރުވާނެ އެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހުގެ ތެރެއިން ކީޕަރު ހުސެއިން ބޯޅަ ހިފަނީ. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މި ފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެ ބައިވެރިވިނަމަ ހުސެއިން އަށް އެއީ ލިބޭނެ ރަނުގެ ފުރުސަތެކެވެ. އެކަމަކު ރާއްޖެ ބައިވެރިނުވާން ނިންމުމުން ހުސެއިން އަށް ދެން އެންމެ ރަނގަޅު މެޗުތަކެއް ލިބޭނީ އަންނަ އަހަރު އޮންނަ ސާފް ގޭމްސްގައި ކަަމަށް ބެލެވެ އެވެ.

މާޒިޔާގައި ހުސެއިން ތަމްރީންތައް ހަދަމުން އަންނަނީ މާޒިޔާގެ ގޯލްކީޕަރު ޓްރެއިނަރު/ އެސިސްޓަންޓް ކޯޗު މުހައްމަދު ސުވައިދު (ސްވެޓޯ)ގެ ބެލުމުގެ ދަށުންނެވެ. މީގެ ކުރިން ހުސެއިން "މިހާރަ"ށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އޭނާ އަށް ކުޅެލަން މެޗެއް ނުލިބި ހުރެވެސް ރަނގަޅު ފޯމެއްގައި ދެމެހެއްޓުމަށް ސްވެޓޯ ކުރާ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރާ ކަމަށެވެ. އަދި ގައުމީ ޓީމުން ދޭ ފުރުސަތުތަކުގައި އަސްލަމްގެ ފަރާތުން ވެސް ގިނަ ކަންތައްތަކެއް ދަސްވާ ކަމަށް ބުންޏެވެ.

ތޮލާލް - ތަޖުރިބާހުރި މަސައްކަތްކުރާ ކީޕަރެއް

މި ފަހަރުގެ ގައުމީ ސްކޮޑުގައި ތޮލާލްގެ ނަން ހިމެނުމަކީ ވެސް ގިނަ ބަޔަަކަށް ހައިރާންކަން ލިބިގެންދިޔަ ކަމެކެވެ. ސަބަބަކީ އޭނާ ކުޅެމުން އަންނަ ޔުނައިޓެޑް ވިކްޓަރީ އަކީ މާލޭ ލީގުގެ ރެލިގޭޝަނުގައި ކުޅުނު ޓީމަކަށް ވެފައި އަންނަ އަހަރުގެ ފުރަތަމަ ޑިވިޝަނުން އެ ޓީމަށް ފުރުސަތު ލިބުނީ ޕްލޭއޮފް ކުޅެގެން ކަމަށްވުމެވެ.

އެހެން ނަމަވެސް އެނގޭ އެއް ކަމަކީ ފުރަތަމަ ޑިވިޝަނުގައި އުމުރުން 28 އަހަރުގެ ތޮލާލްގެ ތަޖުރިބާ ނިސްބަތުން ރަނގަޅެވެ. އޭނާ ވަނީ މީގެ ކުރިން ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ގޯލު ބަލަހައްޓައިފަ އެވެ. އަދި ރަނގަޅު ކޯޗުންނާ އެކު އޭނާ ވަނީ މީގެ ކުރިން މަސައްކަތް ވެެސްކޮށްފަ އެވެ.

އެންމެ ވަރުގަދަ ނޫން ޑިފެންސްލައިނެއްގެ ފަހަތުގައި ހުރެ، މި ސީޒަނުގައި ތޮލާލް ރަނގަޅު ކުޅުމެއް ދެއްކިއިރު، އޭނާ އަށް އެ ޓީމުގައި ގަވާއިދުން ގޯލްކީޕަރު ޓްރެއިނިން ދޭނެ ވަކި ޓްރެއިނަރެއް ނުހުރެ އެވެ. އެސްޓީއޯ މާލޭ ލީގުގެ ބައެއް މެޗުތަކަށް ފަހު އޭނާ ދެއްކި ކުޅުމަށް ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ވެސް ވަނީ ތައުރީފް ކޮށްފަ އެވެ.

ގައުމީ ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ގޯލްކީޕަރު ތޮލާލް. -- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ތޮލާލް ވަނީ މީގެ ކުރިން ޒުވާން ގައުމީ ޓީމުގައި ވެސް ހިމެނިފަ އެވެ. އޭނާ ސީނިއާ ގައުމީ ޓީމުގެ މެޗެއް އަދި ކުޅެފައިނުވި ނަމަވެސް މި ފަހަރުގެ ސްކޮޑުގައި ހިމެނުމަކީ ވެސް އޭނާ މި ސީޒަނުގައި ދެއްކި ކުޅުމާ ބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި އުމުރުގެ ގޮތުން ބަލާއިރު އޭނާ މި ވަގުތު ހުރީ ކީޕަރުންނަށް ބަލާއިރު އެންމެ ރަނގަޅު ހިސާބުގައި ވުމުން މި ފަހަރުގެ ސާފްގެ ސްކޮޑުގައި ހިމެނުމަކީ އޭނާ ދެކޭގޮތުގައި ކުރިއަށްދާން ލިބިގެންދިޔަ ވަރަށް ރަނގަޅު ފުރުސަތެކެވެ.

ހުނަރުވެރި އެހެން ދިވެހި ގޯލްކީޕަރުންނަށް ނަޒަރެއް

މިދިޔަ އަހަރާ ހިލާފަށް މި ސީޒަނުގައި ދިވެހި ކީޕަރުން ފުރަތަމަ ޑިވިޝަނުގައި ކުޅޭ އަދަދު މި ފަހަރު އިތުރެވެ. އެ ގޮތުން މި ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުން ވަނީ ދެ ދިވެހި ކީޕަރުން ފެނިފަ އެވެ. އެއީ އިބްރާހިމް ނަދީމް (ރިކޫ) އާއި އިފްރާހް އަރީފް އެވެ. މީގެ ތެރެއިން އެންމެ ފާހަގަކުރަން ޖެހޭ ނަމަކީ ރިކޫ އެވެ. އޭނާ ވަނީ އޭއެފްސީ ކަޕްގެ އިތުރުން މާލޭ ލީގުގައި ޓީސީ ގޯލުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ވެސް ވަނީ ރިކޫގެ ހިތްވަރަށް ތައުރީފްކޮށްފަ އެވެ. މި ފަހަރު ސާފަށް ނެގި ސްކޮޑުގައި ރިކޫ ނުހިމެނޭތީ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވި އެވެ. ރިކޫ އަކީ މި އަހަރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި އެއް ކީޕަރަށް ވުމުންނެވެ.

މި ފަހަރު ގައުމީ ޓީމަށް ނެގި 30 ކުޅުންތެރިންގެ ސްކޮޑުގައި ހަތަރު ވަނަ ކީޕަރަކަށް ހިމެނުނީ އީގަލްސްގެ ޒުވާން ގޯލްކީޕަރު މިފްދާދު އަހުމަދު އެވެ. އީގަލްސްގެ ދެ ވަނަ ކީޕަރަކަށް ހުންނަ މިފްދާދު އަކީ އަސްލަމްގެ ބެލުމުގެ ދަށުން އެ ކްލަބްގައި ތަމްރީން ހަދަމުން އަންނަ ހުނަރުވެރި ކީޕަރެކެވެ. އޭނާ ވަނީ މި ސީޒަނުގައި އެއް މެޗުގައި ކުޅެފަ އެވެ.

ލީގުގެ މެޗެއްގެ ތެރެއިން ޓީސީގެ ކީޕަރު ރިކޫ ބޯޅައެއް މަތަކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވިކްޓަރީގެ ގޯލު ބަލަހައްޓަމުން އަންނަ މުހައްމަދު އިމްރާން ވަނީ މީގެ ކުރިން ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ގައުމީ ޓީމު ގޯލު ބަލަހައްޓައިފަ އެވެ. އޭނާ ވަނީ މިދިޔަ އަހަރު ފުރުސަތު ނުލިބޭ ކަމަށް ބުނެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފަ އެވެ. ވިކްޓަރީގެ ދެ ވަނަ ކީޕަރަކަށް ހުންނަ އަބްދުﷲ ޒިޔަޒަން މީގެ ކުރިން ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނުނު ނަމަވެސް ވިކްޓަރީ އަށް ބަދަލުވި ފަހުން އޭނާ އަށް ކުޅުމުގެ ފުރުސަތު ނުލިބެ އެވެ.

މި ސީޒަނުގައި ގްރީން ސްޓްރީޓްސްގެ ގޯލު ބަލަހައްޓަމުން އައީ އުޒްބެކިސްތާނުގެ ސާގޭ ސްމޮރޮޑިން އެވެ. އޭނާގެ ދެ ވަނަ ކީޕަރެއްގެ ގޮތުގައި މާލޭ ލީގުގައި ހުރީ ކުރިން ޒުވާން ގައުމީ ޓީމަށް ކުޅުނު މުހައްމަދު ޖަޒްލާން (ބަބޭ) އެވެ. އޭނާ ވަނީ މާލޭ ލީގުގައި އެއް މެޗުގައި ކުޅެފަ އެވެ. އަދި ޓްރާންސްފާ މާކެޓްގައި ގްރީން ސްޓްރީޓްސް އިން ވަނީ ދާދި ފަހުން ޖަލުން މިނިވަންވި ޒުވާން ގޯލްކީޕަރު އިބްރާހިމް ލަބާން ޝަރީފް ވެސް ގެނެސްފަ އެވެ. ތިން އަހަރެއްހާ ދުވަސް ފަހުން އޭނާ ކުޅުނު ފުރަތަމަ މެޗުގައި ދެއްކި ކުޅުން ރަނގަޅެވެ. ލަބާނަކީ ޒުވާން ގައުމީ ޓީމުތަކުން ވިދާލި ގޯލްކީޕަރެވެ.

މި ފަހަރުގެ ސާފަކީ ރާއްޖޭގެ ކީޕަރުންނާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް އާ ކަންތައްތަކެއް ތަޖުރިބާކުރެވޭނެ މުބާރާތެކެވެ. ތަޖުރިބާކާރު ކީޕަރު އިމްރާން ނެތި ކުޅޭ ފުރަތަމަ މުބާރާތަށް ތިން ކީޕަރުން ގާތްގަނޑަކަށް ފައިނަލްވެފައި އޮތްއިރު، މި ތިން ކީޕަރުންނަށް މިއީ ރަނގަޅު ފުރުސަތެކެވެ. ދިވެހި ކީޕަރުންނަށް އުއްމީދީ މަގެއް ކޮށައިދިނުމުގަ އެވެ. އެފްއޭއެމުން މީގެ ކުރިން ވަނީ ބިދޭސީ ކީޕަރުން ރާއްޖޭގެ ޓީމުތަކުން ނުގެނެވޭގޮތް ހަދަން މަޝްވަރާކޮށްފަ އެވެ. އެކަމަކު ފަހުން އެކަމާ ބެހޭ މައުލޫމާތުތަކެއް ނުލިބެ އެވެ. މި ހުރިހާ ކަމަކަށް ބަލާއިރު މި ފަހަރުގެ ސާފަކީ ރާއްޖޭގެ ކީޕަރުންގެ މުސްތަގުބަލާ ވެސް ގުޅިފައި އޮތް މުބާރާތެކެވެ.

އާދަމްމަނިކު

2

މައްޗަނގޮޅި އުތުރު ދާއިރާ