މުހިއްމު ދެ ގޯލާ އެކު އިއްބެ އަށް ހާއްސަ އުފަލެއް

މީގެ ދެ އަހަރު ކުރިން ސައުތު އޭޝިއަން ގޭމްސްގެ ސެމީ ފައިމަލުން ރާއްޖޭގެ ޒުވާން ފުޓްބޯޅަ ޓީމު ނޭޕާލް އަތުން ބަލިވީ ހިތްދަތި ގޮތަކަށް ފަހު ވަގުތު ދެ ދެ ގޯލު ވަނުމުންނެވެ. ފަހަތުން އަރައި ރާއްޖޭގެ މައްޗަށް ނޭޕާލުން ކުރި ހޯދުމުން 1991 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އެ މުބާރާތުގެ ފައިނަލުގައި ކުޅުމުގެ ފުރުސަތު ރާއްޖެ އަށް ގެއްލުމުން ޓީމުގެ ގިނަ ކުޅުންތެރިންނަށް ވަރަށް އަސަރުކުރި އެވެ. އޭގެ ތެރޭގައި އެ މުބާރާތުގައި މެޗެއް ކުޅުމުގެ ފުރުސަތު ނުލިބިހުރި އިބްރާހިމް ވަހީދު ހަސަން (އިއްބެ) ވެސް ހިމެނެ އެވެ.


މި ފަހަރުގެ ސާފް ސުުޒުކީ ކަޕްގެ ސެމީ ފައިނަލުގައި ނޭޕާލާ ކުޅެން ޖެހުނުއިރު ރާއްޖެ އޮތީ އެންމެ ރަނގަޅު ފައްތަރެއްގައެއް ނޫނެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ލަންކާ އާއި އިންޑިއާއާ ވާދަކޮށް ލަނޑެއް ނުޖެހުނުއިރު، ލިބުނީ އެއް ޕޮއިންޓެވެ. ސެމީގެ ފުރުސަތު ލިބުނީ ހުރިހާ ގޮތަކުން ލަންކާއާ އެއްވަރުވެ، ގުރެއް ދިމާވުމުންނެވެ.

މޮޅެއް ނުލިބި ލަނޑެއް ނުޖެހި ސެމީން ޖާގަ ލިބުމުން ގިނަ ފާޑުކިޔުންތައް އަމާޒުވި އެވެ. އެކަމަކު އިއްޔެގެ ސެމީގައި ނޭޕާލް އަތުން ރާއްޖެ 3-0 އިން މޮޅުވެ، ނުވަ އަހަރަށް ފަހު މުބާރާތުގެ ފައިނަލުން ފުރުސަތު ހޯދުމާ އެކު ބޮޑު މާޔޫސްކަމެއް ފިލައިފި އެވެ. މެޗުގެ ކުރީކޮޅުގައި އަކުރަމް އަބްދުލް ގަނީ (އަކޫ) ރާއްޖެ އަށް ލީޑުނަގައިދީފައި އޮއްވައި ނޭޕާލުން ރާއްޖޭގެ ފަހަތަށް ބާރުބޮޑުކުރަމުން ދަނިކޮށް ފަހު ވަގުތު ރާއްޖެ އަށް ހިނިތުންވުން ގެނެސްދިން ދެ ގޯލު ދެ މިނިޓް ތެރޭގައި ޖެހީ އިއްބެ އެވެ.

އިއްޔެގެ މެޗުގެ ތެރެއިން އިއްބެ ގޯލަށް ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: އިމޭޖަސް،އެމްވީ

"ހަމަޔަގީނުން ވެސް މިހާ އުފަލެއް ނުވޭ ފުޓްބޯޅަ ކުޅެން ފެށި ފަހުން. މިއީ ހާއްސަ ދުވަހަކަށްވާނެ އަބަދުވެސް،" އިއްޔެގެ މެޗާ ބެހޭގޮތުން އިއްބެގެ އިހުސާސްތައް "މިހާރަ"ށް ހިއްސާކުރި އެވެ.

މިއީ އިއްބެގެ ފުރަތަމަ ސާފް މުބާރާތެވެ. ރާއްޖޭން ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުގައި އޭނާ ވެސް ކުޅުނެވެ. އިއްބެ ބުނީ ހުރިހާ ކުޅުންތެރިން ވެސް މަސައްކަތްކުރީ ކުރިން ދެ މެޗު ހަނދާން ނައްތާލައި ފައިނަލުން ފުރުސަތު ހޯދުމަށް ކަމަށެވެ.

"ވަރަށް އުފާވެއްޖެ މި ގޯލު ޖެހުނީމަ،" ޓީސީ އަށް ކުޅެމުން އަންނަ އިއްބެ ބުންޏެވެ. "އަޅުގަނޑުމެން މަސައްކަތްކުރީ ކުރީ ދެ މެޗުގެ ހަނދާން ނައްތާލައި ކުރިއަށް ދިއުމަށް. އެކަން ކާމިޔާބުވެއްޖެ."

އުމުރުން 23 އަހަރުގެ އިއްބެ ކެރިއަރު ފެށީ ނިއު ރޭޑިއަންޓުންނެވެ. އޭނާ އަކީ 2013 ވަނަ އަހަރު ހުރިހާ މުބާރާތެއް ކާމިޔާބުކުރި ސްކޮޑުގައި ހިމެނޭ ކުޅުންތެރިއެކެވެ. އިއްބެ ޓީސީއާ ގުޅުނީ 2015 އަހަރު އެވެ. ޓީސީ ފުރަތަމަ ޑިވިޝަނުގައި އަލަށް ކުޅުނުއިރު އިއްބެ ފެނުނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. ފުރަތަމަ އެގާރައިން ޖާގަ ލިބުން އިއްބެ އަށް ދަތިވި ނަމަވެސް އޭނާގެ އަޒުމެއް ނުގުޑަ އެވެ. ބެލީ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ އިތުބާރު ހޯދައި ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމަށެވެ.

މިދިޔަ އަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕްގައި ޓީސީން ހޯދި ކާމިޔާބީ އަކީ އިއްބެގެ ވިދުން ގަދަވާން ފެށި ހިސާބެވެ. އޭގެ ފަހުން އޭނާ ދިޔައީ ކުރިއެރުންތައް ހޯދަމުންނެވެ. އޭނާ ގައުމީ ޓީމަށް ފުރަތަމަ ކުޅުނީ މިދިޔަ އަހަރު ރަށުން ބޭރުގައި ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އިއްބެ އަށް ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ދޭން ފެށީ ގައުމީ ޓީމާ ޕީޓާ ސެގާޓް ހަވާލުވި ފަހުންނެވެ.

ސާފްގެ ފައިނަލުގައި ރާއްޖެ އާއި އިންޑިއާގެ 23 އަހަރުން ދަށުގެ ޓީމު ބައްދަލުކުރާ މެޗު އޮންނާނީ ހޮނިހިރު ދުވަހު 6 ޖަހާއިރު އެވެ.