ޔުއެފާ އިން އާ ކްލަބް މުބާރާތެއް ފަށަނީ

ނިޔޯން (ސެޕްޓެމްބަރު 13) – ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ ތެރެއަށް އިތުރު ކްލަބް މުބާރާތެއް 2021 ވަނަ އަހަރުން ފެށިގެން ޔުއެފާ އިން ތައާރަފްކުރުމުގެ މަސައްކަތް ފެށިއްޖެ އެވެ.


ޔޫރަޕިއަން ކްލަބް އެސޯސިއޭޝަނުގެ ޗެއާމަން އަދި ޔުއެފާ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަންދްރޭ އަންޔެލީ ވިދާޅުވީ މުބާރާތް ތައާރަފްކުރުމަށް އެ ޖަމިއްޔާ އިން "ފެހި ސިގްނަލް ދީފައިވާ" ކަމަށެވެ. އިޓަލީގެ ގަދަބާރު ޔުވެންޓަސްގެ ޗެއާމަންގެ މަގާމް ވެސް ފުރުއްވަ އަންޔެލީ މާބޮޑު ތަފްސީލެއް ނުދެއްވަ އެވެ. އެކަމަކު ކްލަބް އެސޯސިއޭޝަނުގެ ރުހުން ލިބުމާ އެކު އިތުރު ހުރަހެއް އަންނާނެ ކަމަށް ނުބެލެވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޔުއެފާ އިން ތިން ވަނަ ފަންތީގެ މުބާރާތެއް ފަށަނީ ޔުރޮޕާ ލީގުގައި މިހާރު ވާދަކުރާ ދަށް ގައުމުތަކުގެ ކްލަބްތަކަށް ވަކި މުބާރާތެއް ބޭއްވުމަށެވެ. އޭގެ ސަބަބުން ޔުރޮޕާ ލީގު ފޯރިގަދަވެ ވަރުގަދަވެގެންދާނެ އެވެ. އަދި މީގެ ސަބަބުން ޔޫރަޕުން މިހާރު ފުރުސަތު ލިބޭ ކްލަބްތަކުގެ އަދަދު 80 އިން 96 އަށް އިތުރުވާނެ އެވެ. އަދި އޭގެ ސަބަބުން ޔުރޮޕާ ލީގުގައި މިހާރު ވާދަކުރާ 48 ޓީމުގެ ބަދަލުގައި ދެން ވާދަކުރާނީ 32 ޓީމެވެ. ޗެމްޕިއަންސް ލީގާއި އަލަށް ތައާރަފްކުރާ މުބާރާތުގައި ވެސް ޓީމުތައް ހިމެނޭނީ އެ އަދަދަށެވެ.

ގައުމުތަކުގެ ވަރުގަދަ ޓީމުތައް ވާދަކުރާ ޗެމްޕިއަންސް ލީގަށް އެތައް ބަޔެއްގެ ސަމާލުކަން ލިބުނު ނަމަވެސް ޔުރޮޕާ ލީގަށް އެކަށީގެންވާ ސަމާލުކަމެއް ނުލިބެ އެވެ. އެކަމަކު މި ދެ ތިން ސީޒަނެއްގައި ވަރުގަދަ ޓީމުތަކެއް މުބާރާތުގައި ލައްވާލާފައިވާތީ ފޯރި ވަނީ އިތުރުވެފަ އެވެ.